ޢާއްމުންގެ ޝަކުވާ ބޮޑުވެ އައްޑޫ ސިޓީ ލިންކް ރޯޑްގެ ރުއްގަނޑު ސަރަޙައްދުގައި ހުރި ގިނަ ޢަދަދެއްގެ ރުއް، ކެނޑި މައްސަލަ އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ، އީޕީއޭއިން ބަލަން ފަށައިފިއެވެ.
މިމަހުގެ 10 ވަނަ ދުވަހު އައްޑޫ ސިޓީ ލިންކްރޯޑްގައި މާމެންދޫއާއި ދިމާލުން އޮންނަ ރުއްގަނޑުގައި ހުރި ގިނަ ޢަދަދެއްގެ ރުއްތައް އެސިޓީގެ ކައުންސިލުން ވަނީ ކަނޑާލާފައެވެ. މަޢުލޫމާތު ލިބިފައިވާގޮތުގައި އެސަރަޙައްދުން ގިނަ ދުވަސްވެފައިވާ 50 އަށްވުރެ ގިނަ ރުއް، ސިޓި ކައުންސިލުން ވަނީ ކަނޑާލާފައެވެ.
އައްޑޫގެ ލޭންޑްމާކެއްގެ ގޮތުގައި ހިމެނޭ މިސަރަޙައްދުގައި ހުރި ގިނަ ޢަދަދެއްގެ ރުއްތައް ކަނޑާލުމުގެ ސަބަބުން އެސިޓީގެ ރައްޔިތުންނާއި ތިމާވެށި ޙިމާޔަތްކުރުމުގެ ދާއިރާގެ ގިނަ ބަޔަކު އަންނަނީ މިކަމުގައި ނުރުހުންފާޅުކޮށް އެކަމުގެ ކަންބޮޑުވުންތައް އީޕީއޭއާއި ހިއްސާކުރަމުންނެވެ. މިއާއެކު ރުއްކަނޑާފައިވަނީ ގަވާއިދާ އެއްގޮތަށްތޯ ބެލުމުގެ މަސައްކަތް އީޕީއޭއިން ކުރަމުންދާކަމަށް އީޕީއޭއިން ވިދާޅުވެއެވެ.
އައްޑޫ ސިޓީ ކައުންސިލުން ވިދާޅުވަނީ ރުއްގަނޑު ސަރަޙައްދުގައި ހުރި ރުއްތައް ކަނޑާލާފައިވަނީ އީޕީއޭގެ ހުއްދައާއެކުކަމަށެވެ. މިމައްސަލައާއި ގުޅިގެން އީޕީއޭއިން މިހާރު ބަލަމުންދަނީ ރުއްތައް ކަނޑާލާފައިވަނީ އީޕީއޭއިން ހުއްދަ ދިން ގޮތާއި އެއްގޮތަށްތޯކަމަށް އީޕީއޭއިން ވިދާޅުވެއެވެ.
ފައިދާއެއް ނުކުރާ އަދި އޭގެ ސަބަބުން ނުރައްކާތެރި ޙާދިސާތައް ކުރިމަތިވެދާނެކަމަށް ބުނެ އައްޑޫ ސިޓީ ކައުންސިލުންވަނީ ގިނަ ޢަދަދެއްގެ ރުއް ކަނޑާލާފައެވެ. އެހެންނަމަވެސް ރާއްޖޭގެ ޤާނޫނުތަކުން ގިނަ ދުވަސްވެފައިވާ ރުއްގަސް ކަނޑަންޖެހޭނީ އެނޫން އެއްވެސް ގޮތެއް ނެތް އަދި ޒަރޫރީ ޙާލަތްތަކުގައި އެކަނިކަމަށް ބަޔާންކުރެއެވެ. އެގޮތުން ތަރައްޤީގެ ބިޔަ މަޝްރޫޢުތައް ހިންގާއިރުވެސް ރުއްގަސް ނުކެނޑުމަށް ޤާނޫނުތަކުން ބާރު އަޅައެވެ. ހަމައެއާއެކު ޚާއްސަ ސިފަތަކެއް ލިބިގެންވާ ރުއްގަސް ކެނޑުމަކީ މަނާކަމަކަށްވާއިރު އައްޑޫ ސިޓީ ރުއްފަށަކީ އައްޑޫގައި އިނގިރޭސިން އުޅުނު ދުވަސްވަރުގައި ހައްދާފައިވާ ރުއް ފަށެއްކަމަށް މަޢުލޫމާތު ލިބެއެވެ.
އައްޑޫ ސިޓީއަކީ ރާއްޖޭގައި ބަޔޮސްފެއަރ ރިޒާވެއްގެ ގޮތުގައި 2020 ވަނަ އަހަރު ޔުނެސްކޯއިން ވަނީ ކަނޑައަޅާފައެވެ. އެހެންކަމުން އައްޑޫ ސިޓީއަކީ ޚާއްސަ ސިފަތަކެއް ލިބިގެންވާ އަދި ޙިމާޔަތްކުރެވިފައިވާ ސަރަޙައްދެކެވެ. އައްޑޫ ސިޓީ ރުއްގަނޑު ކަނޑާލާފައިވާއިރު އެކަމާއި ގުޅިގެން ރައްޔިތުންގެ ނުރުހުންވަނީ ސިޓީ ކައުންސިލަށް އަމާޒުވެފައެވެ.