ދުނިޔެ

އީރާނުން އަތުލައިގަތް ސިފައިން މަޢާފަށް އެދުނުކަން ދޮގުކޮށްފި


އީރާނުގެ ކަނޑުގެ
ސަރަހައްދަށް ވަނުމާ ގުޅިގެން އެގައުމުން ހައްޔަރުކުރި އެމެރިކާ ސިފައިންގެ 10
މީހުން އެކަމަށް މައާފަށް އެދުނުކަން އީރާނުން ހާމަކުރުމުން އެމެރިކާ އެކަން
ދޮގުކޮށްފިއެވެ. ވައިޓް ހައުސްގެ ތަރުޖަމާން ޖޯޝް އާނެސްޓް ވިދާޅުވީ މިމައްސަލާގައި
ރަސްމީ ސިފައެއްގައި އީރާނުގެ ކިބައިން އެމެރިކާ މައާފަށް އެދިފައިނުވާކަމަށެވެ.ނަމަވެސް އެމެރިކާ ސިފައިން ގެ 10 މީހުން މިނިވަން ކުރުމަށްޓަކައި ދެގައުމުގެ
މަސްއޫލުވެރިން ފޯނުން ދެއްކެވި ވާހަކަތަކުގެ ތަފްސީލް އެނގިވަޑައިނުގަންނަވާ
ކަމަށް އޭނާ ވިދާޅުވިއެވެ. އީރާނުން ހައްޔަރުކުރި އެމެރިކާ ސިފައިންގެ ގްރޫޕްގެ
ކޮމާންޑަރު ވަނީ އީރާނުގެ ކަނޑުގެ ސަރަހައްދަށް ވަދެވުނީ އޮޅުމަކުންކަން
ބަޔާންކޮށް އެކަމަށް މަޢާފަށް އެދި އީރާނުގެ ޓީވީ އަށް ބަޔާނެއް ދެއްވާފާއެވެ. މިބަޔާން އީރާނުގެ ރަސްމީ ޓީވީން
ދުރަށް ދައްކާފައިވެއެވެ. އީރާނުން ބުދަދުވަހު ވަނީ އެމެރިކާ ސިފައިންގެ 10 މީހުން
މިނިވަންކޮށްފައެވެ. އެމީހުން މިނިވަންކުރީ އެމީހުންނަށް އީރާނުގެ ކަނޑުގެ
ސަރަހައްދަށް ވަދެވުނީ އޮޅުމަކުންކަމަށް އެއްބަސްވެ އެކަމަށް މަޢާފަށް އެދުމުންކަމަށް އެމީހުން ހައްޔަރުކުރި އީރާނުގެ އިންޤިލާބީ ލަޝްކަރުތަކުންވެސް
ބުނެފައިވެއެވެ.

އެމެރިކާގެ ކަނޑުގެ ސިފައިންގެ ދެ ބޯޓާއި އޭގައިތިބި 10 މީހުން
އީރާނުގެ ކަނޑުގެ ސަރަހައްދަށް އަންގާރަދުވަހުގެ ރޭގަނޑުގެ ވަގުތެއްގައި ވަދެފައިވަނީ ކުވައިތުން ބަހްރެއިނަށް ދަތުރުކުރަމުން ދަނިކޮށް އެދެބޯޓުގެ
އިންޖީނު ހުއްޓިގެންނެވެ. މި 10 މީހުން މިނިވަން ކުރުމާގުޅިގެން އެމެރިކާ ވަނީ
އެކަމަށް މަރުޙަބާ ކިޔާފައެވެ.