ދައުލަތަށް ނުދައްކާ ހުންނަ ޓެކްސްއާއި ގުޅިގެން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ޢަމަލުކުރާނެ ގޮތާއި ބެހޭ އުސޫލް އެއިދާރާއިން އާންމުކޮށްފިއެވެ.
މީރާއިން އާންމު ކޮށްފައިވާ 5 އުސޫލުގައިވެސް އެ އުސޫލްތަކަށް ޢަމަލު ކުރާނެ އާންމު މިންގަނޑުތައްވަނީ ބަޔާންކޮށްދީފައެވެ. މީރާއިން މިއުސޫލުތައް އާންމުކޮށްފައި މިވަނީ ދައުލަތަށް ޓެކްސްގެ ގޮތުގައި ލިބެން ޖެހޭ އާމްދަނީ ނުލިބޭ ނުވަތަ އެ ފަރާތްތަކަށް ނުދެއްކޭ ހާލަތެއްގައި އަމަލު ކުރާނެ ގޮތް އާންމު އުސޫލެއްގެ ތެރެއިން ބަޔާން ކުރުމުގެ ގޮތުންނެވެ.
އެގޮތުން އާންމުކޮށްފައިވާ އުސޫލްތަކުގެ ތެރޭގައި ފުރަތަމަ އުސޫލަކީ ޓެކްްސް ނުދައްކާ ފަރާތްތަކުން ދައްކަން ޖެހޭ ޖޫރިމަނާ ލުއިކޮށްދިނުމުގެ އުސޫލެވެ. މި އުސޫލަށް އަމަލު ކުރާނެ އާންމު މިންގަނޑަކީ އެ ފަރާތަކުން އިޢުތިރާޒްކޮށްފައިވާ ޓެކްސް ފިޔަވައި އެހެން ހުރިހާ ޓެކްސްއެއް ދައްކައި އަދި އިޢުތިރާޒްކޮށްފައިިވާ ޓެކްސްގެ އަދަދު ބަހާލައިގެން ދައްކާނެ އެއްބަސްވުމަކާއި ހަމައަށް އައުމުންނެވެ. މިއުސޫލަށް ޢަމަލުކުރެވޭނީ އެކަމަށް އެދި ހުށަހެޅުމުން ކަމަށް މީރާއިން ބުނެއެވެ.
ދެން އާންމުކޮށްފައިވަނީ ބަހާލައިގެން ޓެކްސް ދެއްކުމުގެ އާންމު އުސޫލެވެ. މިއީ ޓެކްސްގެ ގޮތުގައި ދައްކަންޖެހޭ ފައިސާ އެއްފަހަރާ ދެއްކުމުގައި ދަތިވާ ފަރާތްތަކަށް ހަމަހަމަ އުސޫލެއްގެ ދަށުން ފައިސާ ދެއްކުމަށް ލުއިފަސޭހަ އިންތިޒާމުތަކެއް ހަމަޖެއްސުމުގެ ގޮތުން އާންމު ކުރެވުނު އުސޫލެއް ކަމަށް މީރާއިން ބުނެއެވެ. މިގޮތަށް ބަހާލައިގެން ފައިސާ ދެއްކޭނީ މީރާއަށް ހުށަހަޅަން ޖެހޭ ހުރިހާ ޓެކްސް ބަޔާނެއް ހުށަހަޅާ ފަރާތްތަކަށެވެ.
މީގެއިތުރުން ފައިސާ ނުދެއްކިއްޖެ ހާލަތެއްގައި ބޭންކު އެކައުންޓުގައި ހުރި ފައިސާ ހިފެހެއްޓުމާއި، އެކައުންޓު ބެލުމުގައި ޢަމަލުކުރާނެ ގޮތްވެސް އެއިދާރާއިން ވަނީ ހާމަކޮށްފައެވެ. މި އުސޫލު ތަންފީޒު ކުރާނީ އެމްއެމްއޭއާއި މީރާ އަދި ބޭންކުތަކާއި ގުޅިގެން ކަމަށް މީރާއިން ބުނެއެވެ. މިއުސޫލުގެ ދަށުން ދައްކަން ޖެހޭ ފައިސާގެ މިންވަރަކީ ޖޫރިމަނާ އަދި އިންޓްރެސްޓް ނުލައި މީރާއިން ކަނޑައަޅާ މިންވަރަށްވުރެ ބޮޑު އަދަދެއްގެ ފައިސާއަކަށް ވާން ޖެހެއެވެ. އަދި އުސޫލަށް އަމަލު ކުރުމުގެ ކުރީން ފޮނުވަން ޖެހޭ ނޯޓިސްތައް ފޮނުވައި ފައިސާ ދައްކަންޖެހޭ ތާރީޚުން ފެށިގެން 60 ދުވަސް ފުރިހަމަވާން ޖެހެއެވެ.
މިއުސޫލުގެ އިތުރުން ޓެކްސް ބަޔާންތައް ހުށަނާޅާ ފަރާތްތަކުގެ ނަންތައް އާންމުކުރާނެ ހާލަތްތައްވެސް މީރާއިން މިވަނީ ކަނޑައަޅާފައެެވެ. އެގޮތުން ޓެކްސް ބަޔާން ހުށަނާޅާ ފަރާތެއްގެ ގޮތުގައި މީރާއިން ނަން އާންމު ކުރާނީ މަދުވެގެން ދެ ނޯޓިސް ދީ އެންމެ ފަހުގެ ނޯޓިސް މުއްދަތު ހަމަވާތާ 15 ދުވަސް ވުމަށް ފަހުއެވެ. އިންކަމް ޓެކްސް ދައްކާ ފަރާތެއް ނަމަ، ބަޔާން ހުށަނާޅާތާން ހަމަސް ދުވަސް ވެފައިވާ ފަރާތަކަށް ވާން ޖެހެއެވެ.
މީރާއިންވަނީ މި ބަޔާންތައް ހުށަނާޅާ އަދި ނުވަތަ ފައިސާ ނުދައްކާ ފަރާތްތަކާއި މެދު ޢަމަލު ކުރާނެ އާންމު އުސޫލުވެސް ޝާޢިއުކޮށްފައެވެ. އެގޮތުން 30 ދުވަހުގެ ތެރޭގައި ފައިސާ ނުދައްކާ ނަމަ ނޯޓިސް ފޮނުވައި، އަދި އެ މުއްދަތުގައިވެސް ފައިސާ ނުދައްކާނަމަ ފައިނަލް ނޯޓިސްއެއް އެފަރާތަށް ފޮނުވޭނެއެވެ. މީގެ އިތުރުން ދައުލަތުގެ އިދާރާތައް މެދުވެރިކޮށް ފައިސާ ހޯދުމާއި އެޅޭނެ އެހެނިހެން ފިޔަވަޅުތައް މި އުސޫލުގައި ވަނީ ބަޔާންކޮށްފައެވެ.
މީރާއަށް ޓެކްސް ނުދައްކާ ފަރާތްތަކާއި މެދު ޢަމަލު ކުރާނެ އުސޫލުތައް މީރާއިން އާންމުކޮށްފައި މިވަނީ ކޯވިޑްގެ ތެރޭގައި ޓެކްސް ނުދެއްކޭ ގިނަ ފަރާތްތަކަށް މިފަދަ އުސޫލުތަކެއްގެ ތެރެއިން ލުއިވެސް ދިނުމަށް ފަހުއެވެ. މީރާއިން އާންމުކޮށްފައިވާ އެ ފަސް އުސޫލަށް އަމަލުކުރަން ފެށުމާ އެކު މިހާރު ތަންފީޒުކުރަމުންދާ "މީރާގެ އެންފޯސްމަންޓް ޕޮލިސީ" އުވިގެންދާނެކަމަށް އެ އިދާރާ އިން ބުނެއެވެ. ކޯވިޑާއި ގުޅިގެން މީރާއިން ވޭތުވެ ދިޔަ ދެ އަހަރު ޕޮލިސީއަށް އަށް ޢަމަލު ކުރުން މެދު ކަނޑާލިއެވެ.
މިޔާއިއެކު އަންނަ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ޓެކުހުގެ ޒިންމާތައް އަދާނުކުރާ ފަރާތްތަކާ މެދު ފިޔަވަޅު އަޅަން ފަށާނެ ކަމަށް މީރާއިން ބުންޏެވެ. ޓެކްސް ދައްކާ ފަރާތްތައް އެ ފަރާތްތަކުގެ ޓެކުހުގެ އިންތިޒާމުތައް ފުރިހަމައަށް އަދާ ކުރުމަށް މީރާއިން ވަނީ އިލްތިމާސްކޮށްފައެވެ.