ޚަބަރު

ފިސްތޯލައެއް ފެނުނު މައްސަލާގައި އިންތިފްއާ ދެކޮޅަށް ދަޢުވާކޮށްފި


މިދިޔަ އަހަރުގެ އޮކްޓޯބަރ މަހުގެ ތެރޭގައި މާލޭގެ ގެއަކުން ފިސްތޯލެއް ފެނުނު މައްސަލާގައި ހ. ހިލްޓަން މުޙައްމަދު އިންތިފް ރައޫފްއާއި ދެކޮޅަށް ދައުލަތުން ދައުވާ އުފުލައިފިއެވެ. ޑރ އަފްރާޝީމް ޢަލީ އަވަހާރަކޮށްލުމުގައި ބައިވެރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި އަޒްލީފް ރަޢޫފްގެ ކޮއްކޮ އިންތިފް ރަޢޫފާއި ދެކޮޅަށް ދައުލަތުން އުފުލާފައިވަނީ މަޤްބޫލް ސަބަބެއްނެތި ނުރައްކާތެރި ހަތިޔާރެއް ގެންގުޅުމުގެ ކުށުގެ ދަޢުވާއެވެ.މި ދަޢުވާގައި ބުނެފައިވަނީ މިދިޔަ އޮކްޓޯބަރުމަހުގެ ތިރީސްވަނަ ދުވަހުގެރޭ ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއި  ގުޅިގެން މއ. ގޯލަޑަންބީމް ގެއަށް ސިފައިންނާއި ފުލުހުން ވަނުމުން އެގޭ ސިޑިގޮޅިން ނުރައްކާތެރި ހަތިޔާރެއް އިންތިފް ރަޢޫފް އެއްލާލާފައިވާކަމަށެވެ. އަދި އެ ހަތިޔާރަކީ އޭގެއިން މީހެއްގެ ގަޔަށް ޖަހައިފިނަމަ ގެއްލުން ލިބިދާ ފަދަ ހަތިޔާރެއްކަން ރާއްޖޭގެ ދިފާއީ ބާރުން އެކުލަވާލާފައިވާ ރިޕޯޓުން އެނގޭކަމަށްވެސް ދަޢުލަތުގެ ދަޢުވާގައިވެއެވެ.ދަޢުލަތުގެ މި ދަޢުވާއަށް އިންތިފް ރަޢޫފް އިންކާރްކޮށް ޖަވާބުދާރީވުމަށް ފުރުސަތަކަށް އެދިފައިވެއެވެ. މި މައްސަލާގައި މިއަދު ބޭއްވި އަޑުއެހުން ނިންމާލީ ދަޢުވާއަށް ޖަވާބުދާރީވުމަށް ބޭނުންވާ ލިޔުންތައް ދަޢުލަތުގެ ފަރާތުން ހުށައެޅުމަށް 5 ދުވަހުގެ ފުރުސަތެއް  ދިނުމަށްފަހުއެވެ.ޝަރީއަތް ނިމެންދެން އިންތިފް ރައޫފް ގޭ ބަންދުގައި ބެހެއްޓުމަށް ކޯޓުން އިއްޔެ އަމުރުކޮށްފައިވާތީ އެނާ ފުލުހުންގެ ބަންދަށް ބަދަލުކޮށްދިނުމަށް ދަޢުލަތުން މިއަދު އެފިފައިވެއެވެ. އެހެންމަވެސް މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ އެކަން ކޮށްދެވެންނެތްކަމަށެވެ. އަދި އެކަމާއި ގުޅިގެން ދަޢުލަތުން ލިޔުންތަކެއް ހުށައަޅަން އެދުމުން މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ ދަޢުލަތުން ހުށައަޅާ ލިޔުންތައް ބެލުމަށްފަހު ބަންދުގެ މުއްދަތު މުރާޖާކުރަން ފެނިއްޖެނަމަ އެކަން ކުރައްވާނެކަމަށެވެ.