މިއަހަރުގެ ތެރޭގައި 2000 އަށްވުރެ ގިނަ ހައުސިންގ ޔުނިޓުގެ މަސައްކަތް ނިމޭނެކަމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ހާމަކުރައްވައިފިއެވެ.
ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ކުރިއަށްދާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ތަރައްޤީއާއި ތަރިކައާ ގުޅޭ ކޮމިޓީއަށް މަޢުލޫމާތު ދެއްވަމުން ހައުސިންގ މިނިސްޓްރީގެ ޓީމުން ވިދާޅުވީ ރާއްޖޭގެ އެކި ސަރަޙައްދުތަކުގައިވެސް ގެދޮރުވެރިކުރުވުމުގެ މަޝްރޫޢުތައް އެކި މަރުޙަލާގައި ކުރިއަށްދާކަމަށެވެ. އެގޮތުން މިއަހަރުގެ ނިޔަލަށް 2159 ހައުސިންގ ޔުނިޓް އެއްކޮށް ނިމޭނެކަމަށް ހައުސިންގ މިނިސްޓްރީއިން ވިދާޅުވެއެވެ. އަދި އަންނަ އަހަރު 2023 ވަނަ އަހަރުގެ ދެވަނަ އަދި ތިންވަނަ ކުއަރޓަގެ ތެރޭގައި 2429 ހައުސިންގ ޔުނިޓުގެ މަސައްކަތް ނިމޭނެކަމަށެވެ. އަދި 2024 ވަނަ އަހަރު 3361 ހައުސިންގ ޔުނިޓްގެ މަސައްކަތް ނިމޭނެކަމަށްވެސް ވަނީ ވިދާޅުވެފައެވެ.
ހައުސިންގ މިނިސްޓްރީން ވިދާޅުވީ މިވަގުތު މާލެއާއި އަތޮޅުތެރޭގެ ރަށްތަކުގައި 60 ހައުސިންގ ޕްރޮޖެކްޓްގެ މަސައްކަތް ކުރިއަށްދާކަމަށެވެ. އޭގެތެރޭގައި ހިމެނެނީ 720 ކައުންސިލް ހައުސިންގ މަޝްރޫޢާއި 2405 އެޓޯލް ހައުސިންގ މަޝްރޫޢާއި 6370 އެފޯޑަބަލް ހައުސިންގ މަޝްރޫޢާއި 4116 މިޑް ރޭންޖް ލަގްޒަރީ ހައުސިންގ މަޝްރޫޢުކަމަށް ހައުސިންގ މިނިސްޓްރީން ވިދާޅުވެއެވެ. އެގޮތުން މިވަގުތު ޖުމްލަ 14528 (ސާދަހާސް ފައްސަތޭކަ އަށާވީސް) ހައުސިންގ ޔުނިޓް ތަރައްޤީކުރުމުގެ މަސައްކަތް އެކި ސަރަޙައްދުތަކުގައި ހިންގަމުންދާކަން މިނިސްޓްރީން ވަނީ ހާމަކުރައްވާފައެވެ.
އަލަށް ފެށުމަށް ތައްޔާރުވަމުންދާ ހައުސިންގ މަޝްރޫޢުތަކާއި ގުޅޭގޮތުން ހައުސިންގ މިނިސްޓްރީން ވިދާޅުވީ ޕީއެސްއައިޕީގެ ދަށުން މިއަހަރު މުޅިން އަލަށް ޢިއުލާންކޮށްފައިވާ 16 ޕްރޮޖެކްޓެއް މިވަގުތު އޮތީ ޓެންޑަރ މަރުޙަލާގައިކަމަށެވެ. ޓެންޑަރިންގ މިއަހަރުގެ ދެވަނަ ކުއަރޓަގައި ނިމޭނެކަމަށް އެމިނިސްޓްރީން ވިދާޅުވެއެވެ. މީގެތެރޭގައި ހިމެނެނީ 1700 ހައުސިންގ ޔުނިޓެވެ.
ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން މިވަގުތު 1687 ހައުސިންގ މަޝްރޫޢުގެ މަސައްކަތްވެސް ކުރިއަށްދާކަމަށް ހައުސިންގ މިނިސްޓްރީން ވިދާޅުވެއެވެ. މީގެތެރޭގައި ހިމެނެނީ މިޑް ރޭންޖްގެ 727 ހައުސިންގ ޔުނިޓާއި ލަގްޒަރީ ރޭންޖްގައި ހިމެނޭ 960 ހައުސިންގ ޔުނިޓެވެ. ހަމައެއާއެކު ހިޔާގެ ކުންފުނީގެ ކެޓަގަރީތަކުގައި ހިމެނޭ ބައިން 2675 ހައުސިންގ ޔުނިޓުގެ މަސައްކަތްވެސް އެކި މަރުޙަލާގައި ކުރިއަށްދާކަމަށް ހައުސިންގ މިނިސްޓްރީން ވިދާޅުވެއެވެ.