ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީއާއި އައިލޭންޑް އެވިއޭޝަން ގުޅިގެން ހިންގާ ފްލައިންގ ސްކޫލް، "މޯލްޑިވިއަން އެވިއޭޝަން އެކަޑަމީ"ގެ ދަރިވަރުންގެ އުދުހުމުގެ ގަޑިތައް ފުރިހަމަކުރުމަށް ތައްޔާރުވެއްޖެއެވެ.
މިގަޑިތައް ހަމަކުރުމަށް ސެޝަންތައް ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 28 ވަނަ ދުވަހު އައްޑޫ ފްލައިންގ ސްކޫލްގައެވެ.
އެމްއެންޔޫއާއި އައިއޭއެސް ގުޅިގެން ހިންގާ ފްލައިން ސްކޫލްގެ ދަރިވަރުންގެ ކިޔެވުން ރަސްމީކޮށް ފަށާފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ. އައްޑޫ ފްލައިންގ ސްކޫލްގެ ދަރިވަރުންނަށް އިސްކަންދީގެން ފެށި މި ކޯހުގައި ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަނީ 150 ގަޑިއިރުގެ ރިފްރެޝަރ ތިއަރީ ކްލާސްތަކާއި 10 ގަޑިއިރުގެ އުދުހުމުގެ ކްލާސްތަކެއްކަމަށް މޯލްޑިވިއަންއިން މަޢުލޫމާތުދެއެވެ.
ތިއަރީ ކްލާސްތައް ޖެހުއަރީމަހު ފަށަފައިވާއިރު އުދުހުމުގެ ގަޑިތައް ހަމަކުރަން ދަރިވަރުން މިމަހުގެ 28 ވަނަ ދުވަހު ފަށާނެކަމަށް މޯލްޑިވިއަންއިން ވިދާޅުވެއެވެ. ތިއަރީ ބައިތައް އޮންލައިންކޮށް ކުރިއަށްގެންގޮސްފައިވަނީ ފްލައިންގ ސްކޫލް ހިންގާ ޗެކްރިޕަބްލިކްގެ ފްލައިން ސްކޫލްގެ މުދައްރިސުންނެވެ. އަދި ޕްރެކްޓިކަލް ފްލައިންގ ކްލާސްތައް ނެގުމަށް ހަމަޖެހިފައިވަނީ އައްޑޫ ފްލައިންގ ސްކޫލްގައެވެ.
ޕީއެސްއެމްނިއުސްއަށް މަޢުލޫމާތު ދެއްވަމުން އައިލޭންޑް އެވިއޭޝަންގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އައިޝަތު ޖެނިފަރ ވިދާޅުވީ ފްލައިންގ ސްކޫލްގެ ދަރިވަރުންގެ ގަޑިތައް ހަމަކުރުމަށް ބޭނުންވާ 6 ބޯޓުގެ ތެރެއިން 3 ބޯޓު މިވަގުތު އައްޑޫގައި އެބައޮތްކަމަށެވެ. އަދި އިތުރަށް ބޭނުންވާ 3 ބޯޓު މިމަހުގެ 11 ވަނަ ދުވަހު މާލެއަށް އަންނާނެކަމަށް ޖެނިފަރ ވިދާޅުވިއެވެ.
އައްޑޫ ފްލައިންގ ސްކޫލްގައި ކިޔަވަމުންދިޔަ 75 ކުއްޖެއްގެ ކިޔެވުމަށް ބުރުއަރާފައިވާއިރު ފުރަތަމަ ބެޗުގައި ފްލައިންގ ސްކޫލުންވަނީ މީގެތެރެއިން 35 ކުއްޖަކަށް ޖާގަދީފައެވެ. އައިއޭއެސްއިން ވިދާޅުވީ ހުރި ވަޞީލަތްތަކުން ކުދިންގެ ކިޔެވުމަށް އެންމެ އެދެވޭގޮތުގައި ވަޞީލަތްތައް ދޫކުރެވޭނެ މިންގަނޑުންއެއީ މިވަގުތު ކުދިން ނެގޭނެ އެންމެ މަތީ ޢަދަދުކަމަށެވެ.
ލަންކާގެ އޭޝިއަން އެކެޑެމީ އޮފް އޭއިރޮނޮޓިކްސްއިން އައްޑޫގައި ހިންގަމުންއައި ފްލައިންގ ސްކޫލްގެ މައްސަލަބޮޑުވެ ސަރުކާރުންވަނީ ފިޔަވަޅުއަޅާފައެވެ. ގިނަ މަސައްކަތްތަކަކަށްފަހު ދަރިވަރުންނަށް ކިޔެވޭނެ މަގުފަހިކުރުމަށްޓަކާ ރާއްޖޭގެ ޤާއުމީ ޔުނިވަރސިޓީއާއި ޤައުމީ އެއަރލައިން ހިންގަމުން އަންނަ އައިލެންޑް އެވިއޭޝަން ގުޅިގެންވަނީ ފްލައިންގ ސްކޫލް ހިންގުމަށް ނިންމާފައެވެ. މިއާއެކު ފްލައިންގ ސްކޫލަކީ ސީދާ ދިވެހި ދައުލަތުންގެ 100 އިންސައްތަ ހިއްސާވާ ސްކޫލަކަށްވަނީ ވެފައެވެ. ސްކޫލްގެ ފުރަތަމަ ބެޗުގައި ކިޔަވާ ދަރިވަރުންގެ ކޯހަށް ދައްކަންޖެހޭ 1500 ޑޮލަރު ލޯނުގެ ގޮތުގައި ދެއްކޭނެ އިންތިޒާމުވެސް ސަރުކަރުންވަނީ ހަމަޖައްސަވާފައެވެ.