ޚަބަރު

20 ރަށަކަށް ބޭނުންވާ އެމްބިއުލާންސް ފޮނުވައިފި


އިތުރު 20 ރަށަކަށް އެމްބިއުލާންސް ފޮނުވުމުގެ މަސައްކަތް ސަރުކާރުން ފަށައިފިއެވެ.

މިއީ ސިއްޙީ ކުއްލި ޙާލަތުގައި ދެވޭ ފަރުވާގެ ޙިދުމަތް މުޅި ރާއްޖޭގައި ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ސަރުކާރުން ޙާއްސަ އިސްކަމެއް ދީގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.

ކުއްލި ޙާލަތްތަކުގެ ސިއްޙީ ފަރުވާ ދިނުމަށް ބޭނުންވާ އެންމެ މުހިއްމު އެއް ވަޞީލަތަކީ އެމްބިއުލާންސްގެ ޚިދުމަތްކަމަށްވާއިރު ރަށްރަށުގެ ސިއްޙީ މަރުކަޒުތަކާއި ހޮސްޕިޓަލުގައި ހުރި ގިނަ އެމްބިއުލާންސްތައް ބޭނުން ނުކުރެވި ހަލާކުވެފައިވާކަމުގެ ޝަކުވާ ގިނަ ރަށްރަށުން ވަނީ ހެލްތު މިނިސްޓްރީއާ ހިއްސާކުރައްވާފައެވެ. މިކަމަށް ޙައްލެއް ގެނައުމަށްޓަކާ މިދިޔަ އަހަރުގެ ޖޫންމަހު ވަނީ އަތޮޅުތެރެއަށް ބޭނުންވާ އެމްބިއުލާންސް ގެނައުމުގެ މަޝްރޫޢުއެއް ފަށާފައެވެ.

މި މަޝްރޫއުގެ ދަށުން 96 އެމްބިއުލާންސް ރާއްޖެ ގެނައުމަށް މިނިސްޓްރީން ވަނީ އެސްޓީއޯއާ ޙަވާލުކޮށްފައެވެ. އެސްޓީއޯއިން މިހާތަނަށް ވަނީ 83 އެމްބިއުލާންސް ރާއްޖެއަށް ގެނެސްފައެވެ. ހެލްތު މިނިސްޓްރީން ބުނީ މީގެތެރެއިން އެންމެ ފަހުން ގެނެސްފައިވާ 20 އެމްބިއުލާންސް ރަށްރަށަށް ފޮނުވުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށެވެ.

އަލަށް ފޮނުވާ އެމްބިއުލާންސްތައް ފޮނުވުމަށް ހަމަޖެހިފައިވާ ރަށްތައް

  • ހދ. ފިނޭ
  • ހދ. ކުރުނބީ
  • ހދ. ނޭކުރެންދޫ
  • ށ. ފޭދޫ
  • ށ. ފީވަކު
  • ރ. މާކުރަތު
  • ރ. އަނގޮޅިތީމު
  • ރ. އިންނަމާދޫ
  • ނ. ވެލިދޫ
  • ނ. މާޅެންދޫ
  • ކ. ދިއްފުށި
  • ކ. ގުރައިދޫ
  • ކ. ގާފަރު
  • އއ. ރަސްދޫ
  • އދ. ދިގުރަށް
  • ތ. ވިލުފުށި
  • ގއ. ކަނޑުހުޅުދޫ
  • ގދ. ނަޑެއްލާ
  • ޏ. ފުވައްމުލަކު
  • އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް

އެމްބިއުލާންސްތައް ގެނެސް، އަތޮޅުތަކުގައި ޚިދުމަތް ދޭން ފެށުމުން، ކާރިޘާގެ ވަގުތުތަކުގައާއި، އެކްސިޑެންޓްތަކުގައި އަނިޔާވާ މީހުންނަށް ފޯރުކޮށްދޭންޖެހޭ ޞިއްޙީ ކުއްލި ފަރުވާ ފަސޭހަކަމާއެކު ފޯރުކޮށްދެވިގެންދާނެއެވެ.

އަތޮޅުތަކުގެ ސިއްޙީ ނިޒާމު ވަރުގަދަކޮށް ސިއްހީ ފަރުވާ ހޯދަން ކޮންމެހެން މާލެ އަންނަން ޖެހިގެން ނޫނީ މާލެއަށް އައުން ހުއްޓުވުމަށް ސަރުކާރުން ދަނީ ސިއްޙީ ނިޒާމު ހަރުދަނާކުރުމަށް އަތޮޅުތެރޭގެ ހޮސްޕިޓަލްތަކަށާއި ސިއްޙީ މަރުކަޒުތަކަށް ވަޞީލަތްތައް ހަމަކުރުމުގެ މަސައްކަތް ކުރިއަށްވުރެ ފުޅާކޮށްފައެވެ.

އަތޮޅުތަކުގެ 5 ސަރަޙައްދެއްގައި ޓާޝަރީ ފެންވަރަށް ހޮސްޕިޓަލްތައް ތަރައްޤީކުރުމަށް މަސައްކަތް ކުރާއިރު މިވަގުތުވެސް ބޮޑެތި ގިނަ އޮޕަރޭޝަންތަކެއް އަތޮޅުތެރޭގައި އަންނަނީ ކުރަމުންނެވެ. އަދި މީގެކުރިން އެކި ޚިދުމަތްތައް ހޯދުމަށް މާލެއަށް ދާންޖެހޭ ގިނަ ޚިދުމަތްތަކެއް އަތޮޅުތަކުގައި ފަހިވެފައިވާކަން އެނގުމުން ގިނަ ބަޔަކު ކައިރި އަތޮޅުތަކަށް ސިއްޙީ ޚިދުމަތްތައް ހޯދުމަށް ދަތުރުކުރާކަން ވަނީ ފާހަގަވެފައެވެ.