މުނިފޫހިފިލުވުން

ވާހަކަ: ބަދަލު


މެންދުރުގެ ގަދަ އަވީގެ ހޫނުކަން މަޑުކޮށްދެނީ ޖެހޭ ލުއިލުއި ވައިރޯޅިތަކުންނެވެ. ރުކުގެ ފަންވަތްތަކުގައި ބީހިލާ ހިނދު އިވިގެންދާ ނަޔާ ރާގުން ޖައްވުގެ ހަމަހިމޭންކަން ފޫދުއްވާލައެވެ. ރަށުގެ ގޮނޑުދޮށަށް ބިންދާލާ ރާޅުގެ ލޮނުގަނޑު އައިސް އެލީނާގެ ފައިތިލައިގައި ބޮސްދިނުމަށްފަހު އަނބުރާ އޭގެ މަޤާމަށް ދެއެވެ. ވެލިގަނޑު މަތީގައި އޮށޯވެލައިގެން އޮތްއިރު އެލީނާގެ ޚިޔާލުތައް ވަނީ މާ ދުރުގައެވެ. ދެލޯ މަރާ ބާރުކޮށްލައިގެން އޮތް އިރު، ބަލާލި މީހަކަށްމެ ހީވާނީ ފުން ނިންޖެއްގެ ތެރެއަށް ގެނބިގެން އޮތް ހެނެވެ. ވަށައިގެންވާ މާހައުލަށް ފަރުވާލެއްނެތި އެލީނާ އެދަނީ އޭނާގެ ސިކުނޑީގައި ހުވަފެނީ ތަސްވީރުތައް ކުރަހަމުންނެވެ. ޚިޔާލަށްވެސް ނުގެނެވޭހާ ފުރިހަމަ ކުލަތަކުން ކުލަ ޖައްސަމުންނެވެ. އެލީނާގެ މޫނުމަތިން ހިނިތުންވުމުގެ އަސަރުތައް ފާޅުވަމުން ދިޔައެވެ.
"އެލީ ...... އޭ..... އެލީ ......އެލީނާ" ފަހަރަކަށް ވުރެ ފަހަރެއް އަޑު ބާރުވަމުން ގޮސް އެލީނާގެ ރަހުމަތްތެރިޔާ ޝީނާގެ އަޑު ކަންފަތުގައި ޖެހުނެވެ. އެލީނާ އޭނާގެ ހަށިގަނޑު އަރިކޮށްލާ، އިވެމުންދާ އަޑަށް ފުރަގަސްދިނެވެ.
"އޭ..ލީ..ނާ" އެލީނާގެ ކަންފަތް ބުޑުގައި ޝީނާ ބާރަށް ބުނެލިއެެވެ.

"އައްދިއްޔޯއި ޝީނާ. ކިރިޔާ އޭ ކަންފަތް ބައް ނުވީ" ކަނާތު ކަންފަތުގައި އަތް ހާކާލަމުން އެލީނާ ތެދުވެ އިށީނދުނެވެ.
"ކަންފަތްވެސް ބައް ނުވިއްޔާ ދެރަ.... މަ މިހާރު އެލީއަށް ގޮވާތާ ކޮންއިރެއް.... ދެން ބުނެބަލަ... ކޮން ސިޓީއަކަށްތަަ މިފަހަރު ދިޔައީ؟" އެލީނާގެ ކޮނޑުގައި ކޮށްޓާލަމުން ޝީނާ އަހާލިއެވެ.
ރަކި ހިނިތުންވުމަކާއިއެކު އެލީނާ ޖަވާބު ދިނެވެ " ޕްރާގްއަށް"
އެލީނާގެ އެންމެ ޒަމާންވީ އެކުވެރިޔާ ޝީނާ ހިނިގަނޑެއް ޖަހާލިއެވެ. "މި އެލީ މިއީ މީހުން އެހާ ނުދާ ތަންތަނަށް ދާން އުޅޭ މީހެއް"

އެއީ ތެދެކެވެ. އެލީނާ އަކީ ކުޑައިރުއްސުރެން ތަފާތު ގޮތްގޮތަށް ވިސްނާ ކުއްޖެކެވެ. ގިނަމީހުންގެ ސަމާލުކަން ލިބޭ ކަންކަމަކީ އެލީނާއަށް އެހާ ޝައުޤުވެރިކަންކަމެއް ނޫނެވެ. އެހެންނަމަވެސް މީހުންގެ ލޯތަކަށް ގެއްލިފައިވާ ކަންކަމަކީ އެލީނާ އެންމެ ބޮޑަށް ޝައުޤުވެރިވާ ކަންކަމެވެ.

ޝީނާ ދިއްކޮށްލި އަތުގައި އެލީނާ ހިފުމަށްފަހު މަޑުމަޑުން ވެލިގަނޑު މަތިން ތެދުވިއެވެ. ދެއަތްތިލައިން ގައިގައި ހުރި ވެލިތައް ފޮޅާލުމަށްފަހު ބޮޑުވަމުންދާ ބަނޑުމަތީގައި އަތް ބާއްވާލިއެވެ. ފުން ނޭވާއެއް ދޫކޮށްލުމަށްފަހު ބަނޑާއި ދިމައަށް ބަލާ ހިނިތުންވެލިއެވެ. އެލީނާގެ ބަނޑުތެރޭގައި ވަނީ އޭނާއާއި މިފްރާހުގެ ލޯބީގެ ރަމްޒީ ނިޝާނެވެ. ދެމީހުން ހައްދަމުން ގެންދިޔަ ބަގީޗާގެ އެންމެރީތި ފިނިފެންމަލެވެ. އެލީނާއާއި މިފްރާހު އެންމެ ފުރަތަމަ ބައްދަލުވީ މީގެ 4 އަހަރުކުރިން ޝީނާގެ ގްރޭޑުއޭޝަން ޕާޓީއިންނެވެ. ޝީނާއާއި އެލީނާ އަކީ ކުޑައިރުއްސުރެން އެކީ އުޅެމުން ބޮޑުވި ދެކުދިންނެވެ. އެލީނާއާއި ޝީނާއަކީ އެއް އުމުރެއްގެ ދެކުދިން ކަމުން އޯލެވެލްއާއި އޭލެވެލް ހަދާ ނިންމީ އެކުއެކީގައެވެ. މަތީތަޢުލީމު ހާސިލްކުރުމަށް ދަތުރުފެށީ އެކުގައިނަމަވެސް ދެމީހުން ޚިޔާރުކުރީ ދެ ދާއިރާއެކެވެ. އެލީނާ ސިއްޙީ ދާއިރާ ޚިޔާރު ކުރިއިރު ޝީނާ ބޭނުންވީ އެޑްމިނިސްޓްރޭޓަރ އަކަށް ވާށެވެ. ޝީނާ ކިޔެވި އެއް މޮޑިއުލްއިން ފެއިލްވުމުގެ ނަތީޖާއަކަށްވީ އެލީނާއަށްވުރެ އެއް ސެމިސްޓަރ ފަހުން ދަސްވެނިިވުމެވެ.

ޝީނާގެ ގްރެޑުއޭޝަން ޕާޓީއަށް ވަރަށް ގިނަ ބަޔަކަށް ދަޢުވަތު ދެވުނެވެ. މިފްރާހުއަކީ ދަޢުވަތު ލިބިގެން އައި ރައްޓެހިންތަކަކާއިއެކު ޕާޓީއަށް އާދެވުނު މީހެކެވެ. މިފްރާހު ޕާޓިއަށް ވަނުމާއިއެކު ގިނަ އަންހެން ކުދިންގެ ލޯތައް އޭނާއަށް އަމާޒުވިއެވެ. އިސްކޮޅުން ދިގު މިފްރާހު ލައިގެން ހުރި ނޫ ޓީޝާޓާއި ޖިންސް، އަދި އިސްތަށިގަނޑު ސްޓައިލްކޮށްލާފައި ހުރިގޮތުން ޒަމާނީ ފެޝަނަށް ލޯބި ކުރާކަން ބަލާލި ކޮންމެ މީހަކަށްމެ އެނގޭނެއެވެ. އަތުކުރީގައި އަޅާފައިވާ ގަޑިން ވަގުތު ބަލައިލުމަށް މޫނާއި ގާތްކޮށްލިއިރު، ލައިގެން ހުރި ޓީޝާޓް ހިއްލި އޭނާގެ އޮމާން މަޑު މުށި ކުލައިގެ ހަންގަނޑު ފެނި އާށޯހުނުވާ މީހަކު ނެތެވެ.

ޝީނާމެންގޭ ބަދިގެ ތެރޭގައި އިން ޝީނާއަށް ތައްޔާރުކުރެވިފައިވާ ކޭކް ހިފައިގެން އެލީނާ ހިނގައިގަތެވެ. ކޭކު ވެއްޓިދާނެ ކަމުގެ ބިރަށްޓަކައި ހިނގާފައި ދިޔައީ މަޑުމަޑުންނެވެ. ޕާޓިގައި ތިބި މީހުންތަކުގެ ތެރެއިން ރެކެމުން ދަނިކޮށް މީހެއްގެ ފައިގައި އަޅައިގަނެފައި އެލީނާގެ ފައި ފުރޮޅާލިއެވެ. ދެން މި ވެއްޓެނިއްޔޭ ހިތާ ދެލޯ މަރާ ބާރުކޮށްލިއެވެ. ބިންމަތީގައި ޖެހުމުގެ ބަދަލުގައި އެލީނާއަށް އިހުސާސުވީ މީހެއްގެ ދެ އަތެވެ. އެއް އަތްތިލަ ވަނީ އެލީނާގެ ބުރަކަށީގައެވެ. އެލީނާ ހިފަހައްޓައިގެން ހުރި ކޭކް ވެއްޓުނަނުދީ ހިފެހެއްޓުމަށް އަނެއް އަތް މަސައްކަތް ކުރިއެވެ. އެމީހެއްގެ ހޫނު ނޭވާ އެލީނާގެ ކޮނޑުމައްޗަށް އެެޅެމުން ދިޔައެވެ. އެލީނާ ދެލޯ ހުޅުވާލާ ކަނާތަށް އެނބުރި ބަލައިލިއެވެ. ދެމީހުންގެ ހަތަރުކަޅި އެންމެ ފުރަތަމަ ބައްދަލުވީ އެހިސާބުންނެވެ. އެލީނާ އަވަހަށް ދުރަށް ބަލައިލުމަށް ފަހު ޝުކުރިއްޔާއޭ ބުނެ، ކޭކް ހިފައިގެން އަވަހަށް ޝީނާ ކައިރިއަށް ދިޔައެވެ.

ޝީނާ ކޭކް ފަޅަމުން ދިޔައިރު ޕާޓިގެ އެންމެހާ ބައިވެރިން އަތް ޖަހަމުން ގެންދިޔައެވެ. އެލީނާ އެއްލިކަޅިއަކުން ފެނިގެންދިޔައީ އަތްޖަހަމުން ދިޔަ މީހުންގެ ތެރޭގައި ހުރި މިފްރާހު އެވެ. އެލީނާގެ ހިތުގެ ހިނގުން އަވަސްވާން ފެށިއެވެ. އެމީހެއްގެ ނަން ހޯދުމަށް އެލީނާގެ ސިކުނޑި އެދެމުން ދިޔައެވެ. މިފްރާހުގެ ނަން އެނގުނު ހިސާބުން ދެމީހުންގެ ލޯބީގެ ބާބު ފެށިގެން ދިޔައެވެ. އެލީނާ އަދި މިފްރާހު ދިމާވިތާ އެއް އަހަރު ވީދުވަހު، ކައިވެނީގެ މަތިވެރި ގުޅުމުން ދެމީހުން ގުޅިގެންދިޔައެވެ. ކުރެވުނު ހަނީމޫން ދަތުރުތަކުން ދެމީހުންގެ ލޯބި އިތުރުވެގެން ދިޔައެވެ.

ދެމީހުންގެ ކައިވެންޏަށް 3 އަހަރު ވީ ދުވަހު މިފްރާހްއަށް ދިން ހަދިޔާތަކުގެ ތެރެއިން އެކެއް ހަދިޔާއަކީ އެލީނާގެ ޕްރެގްނެންސީ ޓެސްޓެވެ. ޕޮސިޓިވް މި ބަސް ނެގެޓިވް ބަހަކަށް ވެފައިވާ ދުވަސްވަރެއްގައި މި ލިބުނު ޙަބަރުން ދެމީހުންގެ އުފާވެރިކަން އެތައް ގުނައެއް އިތުރުވިއެވެ. ދެމީހުންވެސް ދެކެމުން އައި ހުވަފެން ސީދާ ވުމުގެ ފެހި ސިގްނަލް ލިބުނު ހަމާލުން ފެށިގެން ދެމީހުން އެކީގައި ހޭދަ ކުރާ ވަގުތު އިތުރުކުރަން ފެށިއެވެ. ދެމީހުންވެސް ވަޒީފާގެ ވަގުތު ނިމުމާއި އެކީ އަވަހަށް ގެއަށް އާދެއެވެ. މިފްރާހްގެ ކަމަކީ އެލީނާގެ ބަނޑުގައި އަތްތިލަ ބާއްވާލައިގެން ދަރިފުޅާއި ވާހަކަ ދެއްކުމެވެ. ލޯބިންފުރިގެންވާ ބަސްތަކުން އެލީނާގެ ހިތްއުފާކޮށްދިނުމެވެ. އެލީނާގެ ބަނޑުގައި ކަންފަތް ޖަހައިގެން ދަރިފުޅުގެ ވިންދު އަޑުއަހާލުމެވެ. މިފްރާހްގެ ދުވަސް ފެށެނީ އަދި ނިމެނީވެސް މިކަހަލަ ގޮތަކަށެވެ. އަލަށް މާބަނޑުވުމާއިއެކު ދެމީހުންނަށްވެސް ކުރެވުނީ އެހާމެ އުފާވެރި އަދި ހަނދާނުން ފޮހެލަން ދަތި އިޙުސާސް ތަކެކެވެ.

އެލީނާގެ ބަނޑަށް 8 މަސް ވެގެން ދިޔައިރު، މުޅި ޢާއިލާއިންވެސް ދިޔައީ ދަރިފުޅު ވިހެއުމަށް ބޭނުންވާ ފަހުގެ ތައްޔާރީތައް ވަމުންނެވެ. ޤަވާއިދުން ޑޮކްޓަރަށް ދައްކަމުން ދިޔަ އެލީނާ މިފަހަރުވެސް ސްކޭން ހައްދަން ދިޔައީ ޑިއުޓީ ނިންމާލުމަށްފަހުއެވެ. ސްކޭން ރޫމްގެ ކިއުގައި ގިނައިރުވާން ފެށުމުން މިފްރާހު ދިޔައީ ފެންފުޅިއެއް ގަންނާށެވެ. ގޮނޑީގައި އިނދެ އުނަގަނޑުގައި ރިއްސަން ފެށުމުން އެލީނާ ކޮޅަށް ތެދުވިއެވެ. ކޮޅަށް ތެދުވި ވަގުތު އުނގުމަތީގައި ބޭއްވިފައި އޮތް ދަބަސް މަތިން ހަނދާންނެތުމުން ދަބަސް ވެއްޓި ބިންމަތީގައި ޖެހުނެވެ. ތިރިއަށް ވެއްޓުނު ދަބަސް ކޮބައިތޯ ބަލާލިއިރު ފެންނާކަށް ނެތެވެ. ދެލޯ މައްޗަށް ނަގާ ބަލާލިއިރު ކުރިމަތީގައި އެލީނާގެ ދަބަސް ދިއްކޮށްލައިގެން މީހަކު ހުއްޓެވެ. މާސްކް އަޅައިގެން ހުރުމުން އެއީ ކާކުކަން ދެނެގަންނަން ވަގުތުކޮޅެއް ނެގިއެވެ.

"ނިހާން!" އެލީނާ ހައިރާންވެ ގޮވާލިއެވެ. އެމީހަކު މާސްކް ތިރިކޮށްލުމުން އެއީ ނިހާންކަން ޔަޤީންވެ އެލީނާ ހިނިތުންވެލިއެވެ. ނިހާން އަކީ އެލީނާއާއި ކޮލެޖްއިން ދިމާވި އެކުވެރިއެކެވެ. އެކީގައި ކިޔަވަމުން ދިޔައިރު ބަދަހިވި އެކުވެރިކަން ހީނަރުވެގެންދިޔައީ ދެމީހުން އެކީ ކިޔަވަމުންދިޔަ ކޯސް ދޫކޮށްލާ ނިހާންގެ ކިޔެވުން ރާއްޖެއިން ބޭރަށް ބަދަލުކުރުމުންނެވެ. ނިހާންގެ ފޯނު ހަލާކުވުމުގެ ސަބަބުން އެއްވެސް މީހެއްގެ ނަމްބަރު ނެތް ކަމަށާއި އަނބުރާ ރާއްޖެ އައުމަށް ފަހު އޭރުގަައި އެކީގައި ކިޔަވަމުންދިޔަ ކުދިންގެ ނަމްބަރުތައް ހޯދޭތޯ މަސައްކަތް ކުރިނަމަވެސް ކާމިޔާބުވާގޮތް ނުވީކަމަށް ނިހާން ބުންޏެވެ.
"ދެން މިހާރު މިއޮތީ ދިމާވެފައެއްނުން. މިތާނގަތަ ވޯކް ކުރަނީ މިހާރު؟" އެލީނާ އަހާލިއެވެ.
"ހުމްމް. އިންޓާރންޝިޕްގަ މިއުޅެނީ... މިހާރު 6 ވަރަކަށް މަސް މިވީ.." އެލީނާގެ ބަނޑު ފެނި ނިހާން އިތުރަށް ވާހަކަ ދައްކަންފެށިއެވެ. "އަނހާ މަރުޙަބާ ކިޔަންވެފަ ދޯ މިއޮތީ. ކޮން އިރަކުން ވިހަނީ؟"

ކުރިއަށް އޮތް މަހުގައި ކަމަށް އެލީނާ ބުންޏެވެ. އެވަގުތު ނިހާންއަށް ފޯންކޯލެއް އަހިސްގެން ދާން ޖެހިއްޖެއެވެ. ނިހާން އައިކޮޅަށް އަނބުރާ ހިނގައިގަތް އިރު އަނެއް ކޮޅުން މިފްރާހް އެބަ އާދެއެވެ. އެލީނާއާއި އަރާހަމަވެ އެއީ ކާކުތޯ ސުވާލުކުރުމުން އެއީ ކޮލެޖް އިރުގެ ރައްޓެއްސެއްކަމަށްވާ ނިހާން ކަމަށް ބުންޏެވެ. ކިއު ނަމްބަރު ޖެހުމާއިއެކު މިފްރާހުއަށް އިތުރަށް ސުވާލުކުރާކަށް ފުރުޞަތެއް ނުލިބުނެވެ.

ސްކޭން ކުރަމުންދިޔަ ވަގުތުވެސް މިފްރާހު އިނީ އެލީނާގެ އަތުގައި ހިފަހައްޓާލައިގެންނެވެ. މިފްރާހު އަދިވެސް އެއްފަހަރު ޑޮކްޓަރަށް ހަނދާންކޮށްދިނީ ދަރިފުޅުގެ ޖިންސު އެނގެން ބޭނުން ނުވާ ވާހަކައެވެ. ޑޮކްޓަރު ކުރު ހިނިގަނޑެއް ޖަހާލުމަށްފަހު އަނބުރާ ސްކޭންއާ ދިމާލަށް ބަލާލިއެވެ. ކުޑަހިނދުކޮޅަކަށް މޫނު މަތީގައި އިން ހިނިތުންވުން މަޑުމަޑުން ކެނޑި ދެލޯ ކައިރި ކޮށްލާ ސްކޭންއާއި ދިމާލަށް ރަނގަޅަށް ބަލައިލިއެވެ. އަދި ކައިރީގައި ހުރި އެސިސްޓެންޓްގެގާތުގައި އެލީނާގެ ކުރީގެ ސްކޭންތައް ގެނެސްދިނުމަށް އެދުނެވެ. އަދި އިތުރު 3 ޓެސްޓެއް ހެދުމަށް އިރުޝާދު ދިނެވެ. ޓެސްޓްތައް ހެދުމަށްފަހު އަނެއް ދުވަހު ރިޕޯޓް ދެއްކުމަށް ދެމަފިރިން ދިޔައެވެ. ޑޮކްޓަރުގެ އަތަށް ރިޕޯޓު ލިބުމާއި އެކު އެލީނާ އަދި މިފްރާހްގާތުގައި ރިޕޯޓް ބަލާ ނިމެންދެން ބޭރުގައި މަޑުކޮށްލައިދިނުމަށް އެދުނެވެ.
ޑޮކްޓަރު ކޮޓަރީގައި ގިނައިރުތަކެއް ވާން ފެށުމުން އެލީނާގެ ހިތުގައި ނުތަނަވަސްކަން އުފެދެން ފެށިއެވެ. އިއްޔެ ސްކޭން ރޫމް ތެރޭގައި ޑޮކްޓަރުގެ މޫނުމައްޗަށް އައި ބަދަލު އެލީނާއަށް ވަރަށް ގާތުން ފެނުނެވެ. އެކަމާއި މެދު ރޭގައިވެސް އެތައް އިރަކު ވިސްނަން އޮވެވުނެވެ. އޭގެ ބައިގަޑިއިރު ފަހުން ނަރުހެއް އަހިސް، އެލީނާ އަދި މިފްރާހު ގާތު ޑޮކްޓަރު ކޮޓަރިއަށް ވަނުމަށް އެދުނެވެ. އެލީނާގެ ނުތަނަވަސްކަން އިތުރުވެ މިފްރާހުގެ އަތުގައި ބާރަށް ހިފާލިއެވެ. އެލީނާގެ ސިކުނޑި ތެރޭގައި ހިނގަމުންދާ ކަމެއްގެ ހިލަމެއް ނުވާ މިފްރާހު، ޖޯޑުވެފައިވާ އަތަށް ކުޑަކޮށް ފިތާލާ ބާރުކޮށްލިއެވެ.

ދެމީހުންގެ ކުރިމަތީގައި ޑޮކްޓަރު އިނދެ މަޑުމައިތިރި ކަމާއިއެކު ދެއްކި ވާހަކަތަކުން ދެމީހުންނަށް ކުރެވުނީ ތަފާތު އިޙުސާސު ތަކެކެވެ. މިފްރާހުގެ ދެލޮލުގައި ޖަމާވަމުން ދިޔަ ކަރުނައިން މިފްރާހުގެ ކުރިމަތީ އިން ޑޮކްޓަރުގެ މޫނު ފުސްވަމުން ދިޔައެވެ. ނަމަވެސް އެލީނާ އިނީ ބައިންދާފައި އިން ބުދެއްހެން ޑޮކްޓަރާއި ދިމާލަށް ބަލާށެވެ. ޖަހަމުން ދިޔަ އެސްފިޔައިންނާއި ލަމުން ދިޔަ އަވަސް ނޭވާއިން މިހާގެ ފުރާނަ ހުރިކަން އެނގުނުނަމަވެސް އެއްވެސް އިތުރު ޙަރަކާތެއް ނެތެވެ. ހީވާގޮތުން ޑޮކްޓަރުގެ އަނގައިން ނިކުންނަމުން ދިޔަ ބަސްތައް ދޭހަކުރަން އެލީނާގެ ސިކުނޑި މަސައްކަތް ކުރަމުން ދަނީއެވެ.

އެލީނާގެ ބަނޑުގައިވާ ދަރިފުޅަށް ޖެހިފައިވާ ބައްޔަކީ ޓައިޕް 2 އޮސްޓިއޯ ޖެނެސިސް އިމްޕާފެކްޓާއެވެ. ދުނިޔެއިން މަދުން ނޫނީ ނުފެންނަ ޓައިޕް 2 އަކީ ދަރިފުޅަށް ނުރައްކާތެރި ބައްޔެކެވެ. ޑޮކްޓަރު މި ބަލީގެ މަޢުލޫމާތު ވަރަށްވެސް ސާފުކޮށް އެލީނާއަށާއި މިފްރާހް އަށް ކިޔައިދިނެވެ. ދެމީހުންވެސް ހޮސްޕިޓަލުން ނިކުމެ ގެއާއި ހަމައަށް ދެވެންދެން އެކަކު އަނެކަކާއި ވާހަކައެއް ނުދައްކައެވެ. މީހަކާއި ދިމާލަށް ބަލައިވެސް ނުލައެވެ. ކޮޓަރިއަށް ވަދެ އެލީނާ ގޮސް އެނދުގައި އިށީނދުނެވެ. މިފްރާހުވެސް ފަހަތުންގޮސް މުށިތައް މަތީގައި ކަކޫ ޖައްސާލާ، އެލީނާގެ ކުރިމަތީގައި އިށީނދުނެވެ. އެތައް އިރަކު މުށިތަކާއި ދިމާލަށް ބަލަން އިނުމަށްފަހު އިސްނަގާ، މަޑުމަޑުން އެލީނާގެ އުނގުމަތީގައި އޮތް އަތާއިއަތް ޖޯޑުކޮށްލިއެވެ. އިސްޖަހައިގެން އިން އެލީނާގެ ލޮލުން ހޯސްލާފައި ކަރުނަތައް ފައިބާ ދެމީހުންގެ އަތް ތެތްމާލިއެވެ. މިފްރާހުވެސް އޭނާގެ ކަރުނައިން ފުރިގެންވީ ކަޅިން އެލީނާއާއި ދިމާލަށް ބަލާލާ ގޮވާލިއެވެ. އަދި ރުއިން ހުއްޓާލުމަށާއި މިއީ ހެއްދެވިފަރާތުން ތަޤުދީރުކުރެއްވި ގޮތްކަމާއި ކެތްކުރުން ނޫންގޮތެއް ނެތް ކަމަށް ބުންޏެވެ.

މިފްރާހު އޭނާގެ ކުދިކުދި ވެފައިވާ ހިތުން އާދޭސް ކުރަމުންދާއިރު އެލީނާގެ ޙިޔާލުތައް އެކި ކޮޅުކޮޅަށް ދަތުރު ކުރަމުން ދިޔައެވެ. އިރުކޮޅެއް ފަހުން އިސްއުފުލާލާ ރޮމުން މިފްރާހު އާ ވާހަަކަ ދައްކަން ފެށިއެވެ.

"މިފްރާހް. މިއީ އަހަރެންގެ ސަބަބުން ވީ ކަމެއް ދޯ! އަހަރެންނަށް ގޯސްކޮށް ކޮންމެސް ކަމެއް ކުރެވުނީ ދޯ! .... އަޅެ އަހަރެން ބަނޑުގައި މި އޮތް ދަރިފުޅުގެ ކުށަކީ ކޮބާތަ؟ އަޅެ މިފްރާހް ބުނެދީބަލަ.... އަހަރެން މިވާހަކަ ދައްކާއިރުވެސް އޭނާގެ ކަށިތައް ބިނދެމުން ދޯ އެދަނީ... އޭނާއަށް ނޭވާލާން އުނދަގޫވާނެދޯ.... ދިރިހުރި ކަމެއްވެސް ނޭނގޭ.. އަޅެ އެފަކީރުގެ ކުށަކީ ކޮބާތަ؟" ވާހަކައިގެ ތެރެއިން ކޮޅަށް ތެދުވެ، ގޮތް ހުސްވެފައިވާ މީހެއް ފަދައިން ކޮޓަރީގެ ދެކޮޅު ދެކޮޅަށް ހިނގަމުން ދިޔައެވެ. މިފްރާހު ފަހަތުން ހިނގަމުން ވާހަކަ ދައްކަމުން ދާއިރުވެސް އެލީނާ ވަނީ އެ ޙިޔާލުތަކުގެ ތެރޭގައި ތާށިވެފައެވެ. ހަދާނެގޮތް ހުސްވެ އެލީނާގެ ކޮނޑުގައި ހިފާ ގަޔާއި ކައިރިކޮށް ބައްދާލިއެވެ. އަދި ލޯބިން ބުރަކަށީގައި ފިރުމަމުން އެލީނާއާއި ވާހަކަ ދެއްކިއެވެ. މިތާގައި އެއްވެސް ކުށްވެރިޔަކު ނެތްކަމަށާއި ދުނިޔަވީ ހަޔާތުގައި މި ކުރިމަތިވި އިމްތިޙާނަށް ކެތްތެރިވުމަށް އެދުނެވެ. އެތައް ވާހަކަތަކަަށް ފަހު އެލީނާ މަޑުމައިތިރިވިއެވެ.

ހިތާމައާއި ހިތްދަތިކަމުގައި މަހެއް ފާއިތުވެ ހިނގައްޖެއެވެ. އިރުއޮއްސުނު ވަގުތު އެނދުމަތީގައި ނިދިފައި އޮތް އެލީނާއަށް ހޭލެވުނީ ބަނޑުކޮޅުގައި ރިއްސާތީއެވެ. އެހެނަށްވުރެ ވޭންދެނިވިގޮތަކަށް ރިއްސަން ފެށުމުން އެލީނާގެ ހިތުގައި ބިރުވެރިކަމުގެ ރާޅުތައް ނަގަން ފެށިއެވެ. ކޮޅަކަށް ގުޑުވާލަން ނޭނގިފައި އޮތް އެލީނާ، އޭނާގެއަތް ދަމާލާ އެނދުގެ ކަނާތުފަޅީގައި އޮތް ފޯނުގައި އަތް ޖެހޭތޯ މަސައްކަތް ކުރިއެވެ. އަތުގައި ފޯނު ޖެހުމާއިއެކު ފޯނު ނަގާ މިފްރާހުއަށް ގުޅިއެވެ. 10 ވަރަކަށް މިނިޓް ފަހުން މިފްރާހު ގެއަށް އައިސް އެލީނާ ގޮވައިގެން ހޮސްޕިޓަލަށް ދިޔައެވެ. މާކަގިނައިރުތަކެއް ނުވެ އެލީނާ އަދި މިފްރާހުގެ އަލަތު ދަރިފުޅު ދުނިޔެއަށް އުފަންވިއެވެ. ދަރިފުޅުގެ މޫނު ފުރަތަމަ ފެނުނު ވަގުތު، ފާއިތުވި ދުވަސްތަކުގެ މަތިން ހަނދާން ނެތި، އުފާވެރިކަން ދެމީހުންނަށްވެސް އިހުސާސް ކުރެވުނެވެ. އެލީނާގެ އުނގު މަތީގައި އޮތް ދަރިފުޅުގެ ކުޑަކުޑަ އަތުގައި އޯގާތެރިކަމާއިއެކު މިފްރާހު ފިރުމަމުން ދިޔައެވެ. ދަރިފުޅާއޭ ގޮވާލާ ލޯތްބާއިއެކު އެތައް ވާހަކައެއް ދަރިފުޅާއި ދެއްކިއެވެ.

އެރޭ ދަންވަރުގެ ވަގުތެއްގައި، އެ ތުއްތު ދަރިފުޅުގެ އެންމެ ފަހު ނޭވާ މިފަނާވަނިވި ދުނިޔެއަށް ދޫކޮށްލީ މަންމައާއި ބައްޕަގެ ލޯބިވެތި ފިރުމުންތައް އިހުސާސް ކުރަމުންނެވެ. ވޭތުވެދިޔަ މަސް ދުވަހު އެވަގުތަށްޓަކައި ދެމަފިރިންގެ ނަފްސު ތައްޔާރުކުރަމުން ދިޔަ ނަމަވެސް، ވަގުތު އަހިސް ޖެހުމާއި އެކު ހީވީ ހިތް ފުނޑު ފުނޑުވެގެން ދިޔަ ހެންނެވެ. ދަރިފުޅު މެޔާލާ ބޮނޑިކޮށްލާ، އެލީނާ އަޑުން އަޑު ނަގާ ރޯން ފެށިއެވެ. މިފްރާހުވެސް އެލީނާގެ ގައިގައި ބައްދާލާ އެލީނާގެ ކަނދުރާ މައްޗަށް ކަރުނަތައް އޮއްސާލިއެވެ. ދަރިފުޅުގެ މޫނު އެޅުމުގެ ކުރިން ދަރިފުޅުގެ ކުޑަ ކުޑަ ބޮލުގައި އެންމެ ފަހު ފަހަރު ފިރުމާލާ ނިތްކުރިއަށް ބޮސްދެމުން ޖަންނަތުގައި ދަރިފުޅާއި މަންމަ ބައްދަލު ކުރާނެކަމަށް ބުންޏެވެ. ކަށު ނަމާދުގައި އެލީނާ ތަކުރާރުކޮށް ދުޢާ ކުރަމުން ދިޔައީ ސުވަރުގެއިން ދަރިފުޅާއި ބައްދަލުވާނޭ ދުވަހެއް ދެއްކެވުމަށެވެ. މިފްރާހުގެވެސް ދުޢާ އަކީ ހަމަ އެއީއެވެ.

މުޙަންމަދު އިޒާން މިފްރާހު ދުނިޔެ ދޫކުރިތާ 6 މަސް ފަހެވެ. ވޭތުވެދިޔަ ދުވަސްތައް ވެގެން ދިޔައީ ދެމީހުންނަށްވެސް އުނދަގޫ ދުވަސްތަކަކަށެވެ. އެތައް ރެޔަކު މިފްރާހުއަށް ހުވަފެނުން ހޭލެވެނީ ކަރުނައިގެ ތެރެއިންނެވެ. އެލީނާގެ ބަނޑުބޮޑު އިރު ދަރިފުޅަށް ގަނެގެން ގެނައި ހުރިހާ އެއްޗެއް ބަހައްޓާފައި ހުރީ ކޮޓަރީގެ އެއް ކަނެއްގައެވެ. މިހާރު އެއްޗިހިތަށް ވަނީ ގުދަން ކޮށްފައެވެ. ނަމަވެސް އެލީނާ ދުވާލުގެ ގިނަ ވަގުތުތައް ހޭދަކުރަނީ ކޮޓަރީގެ އެކަނާއި ދިމާލަށް ބަލަހައްޓައިގެންނެވެ. ފުން ޙިޔާލުތަކުގެ ތެރެއަށް ގެނބިގެން އިނދެވެނީ ކިހާ އިރަކު ކަމެއްވެސް ނޭނގެއެވެ. ނިދުމަށް އުނދަގޫވިއެވެ. މަޑުމަޑުން ދެމީހުންގެ ހާލަތު ކުރިއަށްވުރެ ރަނގަޅުވަމުންގޮސް ދެމީހުންވެސް ވަޒީފާއަށް ނިކުމެ ކުރީގެ ދިރިއުޅުމަށް އަނބުރާ ދެވޭތޯ މަސައްކަތް ކުރިއެވެ.
މިގޮތުގައި މަސްތަކެއް ވޭތުވަމުންދިޔައެވެ. ދެމީހުންވެސް ގޭގައި ހޭދަކުރާ ވަގުތު ކުޑަވާން ފަށައިފިއެވެ. ވަޒީފާގައި ގިނަ ވަގުތު ހޭދަކުރެވެން ފެށުނެވެ. މިފްރާހުއަށް ގެއަށް އާދެވެނީ އެލީނާ ނިދާފައިއޮށްވައެވެ. ނޫނީ މިފްރާހު ހެނދުނު ހޭލާއިރު އެލީނާ ވަނީ އޮފީހަށް ގޮހެވެ. އެއްގެއެއްގައި އެއްކޮޓަރިއެއްގައި ދިރިއުޅެމުން ދިޔަނަމަވެސް ދެމީހުންނަކީ ބީރައްޓެހިންނަށް ވެއްޖެއެވެ. ހަފްތާ ބަންދުގައި ނިދިހަމަކުރަނީއެވެ. ނޫނީ މަސައްކަތެއްގައި އޮފީހަށް ދާންޖެހެނީއެވެ.

ހަފްތާގެ ހޮނިހިރު ދުވަހެވެ. މިފްރާހުއަށް ހޭލެވުނީ އެލާމްވާ އަޑަށެވެ. ފޯނުގެ އެލާމް ކަނޑާލާ މޯޅިއަކަށް ދެމިލާ އެނދުގެ އަނެއް ފަރާތަށް ފުރޮޅުނެވެ. އެނދުގެ ކަނާތުފަޅި އޮތީ ހުސްކޮށެވެ. އަނދިރިކަން ވެރިވެފައިވާ ކޮޓަރިތެރެ ބަލާ ހޯދިއިރުވެސް އެލީނާ ފެންނާކަށް ނެތެވެ. އެނދުން ތެދުވެ ކޮޓަރިން ބޭރަށް ނިކުމެ ގަޑީ ބަލާލިއިރު 9 ޖަހަނީއެވެ. ފެންބޮވައިގެންފައި ހުރުމުން ފްރިޖުން ފެންފުޅިއެއް ނަގައި ދޮރު ލައްޕާލިއެވެ. އެވަގުތު ފްރިޖް ދޮރުގައި ތަތްކޮށްފައި އިން ގަނޑުކޮޅެއް ފެނުނެވެ. ނިންމަންޖެހޭ މަސައްކަތެއް ނިންމުމަށް އޮފީހަށް ދަނީ ކަމަށާއި ސައި ހަދާފައި ހުންނާނެ ވާހަކައެވެ. ފުން ނޭވާއެއް ދޫކޮށްލުމަށްފަހު ގޮނޑީގައި އިށީނެވެ. ވަގުތު ހިނގަމުން ދިޔަވަރަކަށް މިފްރާހުއަށް އެކަނިވެރިކަން އިހުސާސްވާން ފެށިއެވެ. މިހާ އެކަނިވެރިކަން އިހުސާސްކުރަން ޖެހުނީ ކީއްވެގެންބާއޭ ހިތަށް އަރަން ފެށިއެވެ.

ހަމަ އެވަގުތު އޮފީހުގައި، ކޮމްޕިއުޓަރު ކައިރީ އިށީނދެ އިން އެލީނާވެސް އިނީ ޙިޔާލަކަށް ގެއްލިފައެެވެ. ހޮނިހިރު ދުވަހުގެ އެވަގުތު އެލީނާ ނޫން އެހެން މީހެއްގެ ހިލަމެއް ނުވެއެވެ. ގޭގައި އަރާމު ކުރަން އޮތް ދުވަހު، އައިސް އޮފީހުގައި މީނީ ކީއްވެބާއޭ ހިތަށް އަރަން ފެށިއެވެ. އެހެނަސް އެއީ ނިންމަންޖެހޭ މަސައްކަތެއް އޮތުމުންކަމަށް އަމިއްލަ ޒަމީރަށް ވިސްނައިދީ މަސައްކަތާއިގެން ކުރިއަށް ދިޔައެވެ. މިގޮތުގައި ކުރިއަށް އޮތް ދުވަސްތައް ދެމީހުން ގުނަމުން ދިޔައެވެ. އެކީގައި ކެއުމަށް އިންސާފް ކުރެވެނީ މަދު ފަހަރަކުއެވެ. ކޮންމެހެން ދައްކަންޖެހޭ ވާހަކަ ނޫން އިތުރު ވާހަކައެއް ނުދައްކައެވެ. ބޭއިޙްތިޔާރުގައި ކަމަށްވެސް ވެދާނެއެވެ. ދެމީހުންނަށް އެއްވެސް ކަމެއް މަދެއް ނުވެއެވެ. ނުވެފައެއް ނޯވެއެވެ. އެހެނަސް ދެމީހުން ގުޅުވާލަދޭ ވާފަށް ދަނީ ދުވަހެއް ދުވަހަކަށް ދޫވަމުންނެވެ.
އެހެން ދުވަސްތަކެކޭ އެއްފަދައިން މިއަދުވެސް އޮފީސް ނިންމާލުމަށްފަހު މިފްރާހު ދިޔައީ ރައްޓެހިންނާއި އެކު ކޮފީ އަކަށެވެ. ތަފާތު އެކި އެކި ވާހަކައިގައި ކޮފީގައި ތިއްބާ މިފްރާހުއަށް ފެނިގެން ދިޔައީ ސިޑިން އަރައިގެން އަންނަ އެލީނާއެވެ. މިފްރާހުގެ މޫނުމައްޗަށް އަރަމުން ދިޔަ ލުއި ހިނިތުންވުން ގެއްލިގެން ދިޔައީ ފަހަތުން އެރި ފިރިހެނަކު ފެނިފައެވެ. އެއްދުވަހަކު އެލީނާއާއިއެކު ހޮސްޕިޓަލުގެ ތެރެއިން އެމީހާ ފެނުނު ހަނދާންވިއެވެ. އޭނާގެ ނަމަކީ ނިހާންކަން ހަނދާންވިއެވެ. އެދެމީހުން ގޮސް މޭޒެއްގެ ކައިރީގައި އިށީނެވެ. މިފްރާހުގެ ކަޅި އެލީނާއާ ދުރަކަށް ނުދިޔައެވެ. އެލީނާގެ ކޮންމެ ހަރަކާތަކަށްމެ ބެލެން ފެށިއެވެ.

އެލީނާގެ ތުންފަތާއި ރަތްކުލަ ހާދަ ގުޅެއެވެ. މީގެ ކުރިން ރަތްކުލަ ބޭނުން ނުކުރަނީ ކީއްވެބާއެވެ. އެލީނާގެ ހަށިގަނޑު އެހާ ހިކުނީ ކޮންއިރަކު ބާއެވެ. އެލީނާ ހޭއިރު އަނގަ މަތީގައި އަތްއަޅަން ފެށީކޮންއިރަކު ބާއެވެ. އެލީނާގެ ހިނިތުންވުން މިފްރާހުއަށް ނުދައްކާއިރު ނިހާން އަށް ފެންނަންވީ ކީއްވެބާއެވެ. މިފްރާހުއާއިއެކު ބޭރަށް ނުދާއިރު އެހެން ހިލޭ ފިރިހެނަކާއިއެކު ކޮފީއަށް އެރީ ކީއްވެބާއެވެ. މިފްރާހްގެ ސިކުނޑީގައި ސުވާލުތައް ގިނަވި ވަރަކަށް ރުޅި އިހުސާސް ވާން ފެށިއެވެ. ކޮފީ ބުއިމުގައި ޝާމިލްވެ ތިބި އެކުވެރިން ގާތު ނިކަން އަވަހަށް ދާން ޖެހިއްޖެ ކަމަށް ބުނެ މޭޒުމަތީގައި 30 ރުފިޔާ ބޭއްވުމަށްފަހު މިފްރާހު ހިނގައިގަތެވެ. އިތުރަށް އެލީނާއާއި ދިމާލަށް ބަލަން އިންނަން ކެތް ނުވީއެވެ. މިފްރާހުގެ މިސްރާބު ހުރީ ގެއާއި ދިމާލަށެވެ.

އެލީނާގެ އިންތިޒާރުގައި މިފްރާހު އިންނަތާ އެތައް އިރެއްވީފަހުން ގޭގެ ދޮރު ހުޅުވާލި އަޑު އިވުނެވެ. މިފްރާހު ފެނިފައި އެލީނާ ސިއްސައިގެން ދިޔައެވެ. މޭމަތީގައި އަތް އަޅާލުމަށް ފަހު ސިއްސައިގެން ދިޔަކަމަށް ބުނެ ކުރު ހިނިގަނޑެއް ޖަހާލިއެވެ. ކޮޓަރިއާއި ދިމާލަށް މިސްރާބު ކުރި ފިޔަވަޅުތައް މެދާއި ހަމާލުން ހުއްޓުނީ މިފްރާހުގެ އަނގައިން ނިކުތް ޖުމްލައިންނެވެ.
"މިއަދު ބުއި ކޮފީ ހަމަ އެހާ މީރީތަ؟"

މިފްރާހްއާއި ދިމާލަށް އެލީނާ ބަލާލީ ކީކޭ އޭ ބުނާ ފަދައިންނެވެ. ދެވަނަ ފަހަރަށް ސުވާލު ތަކުރާރު ކުރުމުން އެލީނާ ޖަވާބުގައި މީރުކަމަށް ބުނެލިއެވެ. އެންމެ ކޮފީއެއް ބޯލަން އެހާ ގިނައިރުވޭތޯ މިފްރާހު ސުވާލުކޮށްލިއެވެ. ގިނަ ސުވާލު ކުރަން ފެށުމުން އެލީނާ ހިތްހަމަ ނުޖެހުނެވެ.

"މިފްރާހް ކީކޭތަ ކިޔަން ތިއުޅެނީ؟" އެލީނާ ބުންޏެވެ. އަދި މިއަދު ކޮފީއަށް ދިޔައީ ރައްޓެހި ނިހާންއާއި އެކު ކަމަށާއި އެއަށްފަހު އަނބުރާ އޮފީހަށް ގޮސް މަސައްކަތެއް ކުރަން ޖެހުމުން ލަސްވީކަމަށް ބުންޏެވެ. ލިބުނު ޖަވާބުން ހިތްހަމަ ނުޖެހިގެން މިފްރާހު ދެން އެހީ ނިހާން އަކީ އެލީނާގެ ކާކުތޯއެވެ. އެލީނާގެ ގާތަށް ރުޅިއަންނަން ފެށިއެވެ.

"މިފްރާހްއަށް ރަނގަޅަށްވެސް އެނގޭނެ ނިހާންއަކީ އަހަރެންގެ ރަހުމަތްތެރިއެއްކަން. އެތައް ދުވަހެއް ފަހުން ދިމާވީމަ ކޮފީއަށް ދިޔައިއްޔަ ކޮބައިތަ މައްސަލައަކީ. މީގެ ކުރިންވެސް ދިޔައިން ދޯ. އަނެއްކަ މިފްރާހުވެސް ކޮފީއަށް ދޭ މީހުންނާއިއެކީގަ"
ވޭތުވެދިޔަ އަހަރެއްހާ ދުވަހު ބަންދުވެފައި ހުރި އިހުސާސްތައް ބޭއިޚްތިޔާރުގައި ބޭރުވާންފެށިއެވެެ. އެލީނާއަށް ޖަވާބު ދިނުމުގެ ގޮތުން ކޮފީއަށް ދިޔައީމަ ނިމުނީ ނޫންކަމާއި ފިރިމީހާއަށް ކޮށްދޭންޖެހޭ ކަންކަންވެސް ހުންނާނެކަމަށް މިފްރާހު ބުންޏެވެ. އެލީނާއަށް ނުކޮށްދެވެނީ ކޮންކަމެއްބާއޭ ހިތަށް އެރިއެވެ. ދޮވެ އިސްތިރިކޮށްދެއެވެ. ބަރާބަރަށް ކާން ހަދައިދެއެވެ. ގޭތެރެ ސާފުކުރެއެވެ.
މިފްރާހު ބުނަމުން ދިޔައީ ލޯތްބާއި އަޅާލުން ނުލިބޭ ވާހަކައެވެ. ދެމީހުން އެކީގައި ހޭދަކުރާ ވަގުތު މަދު ވާހަކައެވެ. އެކަކު އަނެކަކު ދެލޮލަށް ނުފެނި އެތައް ވަގުތެއްދާ ވާހަކައެވެ. ޖަވާބުގައި އެލީނާގެ ގައިގައި މިފްރާހު އެންމެ ފަހުން ބައްދާލި ދުވަސް ހަނދާން ހުރިތޯ އަހާލިއެވެ.

"އެހެން މީހެއްނުން ލޯބިން ބައްދަނީ އެ މިހާރު؟" ކޮސްވެފައި އިން ގޮތަކަށް އިނދެ މިފްރާހް ބުނެލިއެވެ.
މިފްރާހް ގާތު މޮޔަ ނުގޮވާ ހުރުމަށް ބުނެ އެތަނުން ދުރަށް ދިއުމަށްޓަކައި އެލީނާ ހިނގައިގަތެވެ. ނެގި ފިޔަވަޅު ހުއްޓުމަކަށް އައީ މިފްރާހްގެ އަނގައިން ބޭރުވަމުން ދިޔަ ތުހުމަތު ތަކުންނެވެ.

"މޮޔަތަ މިގޮވަނީ؟ މިއަދު އަހަރެންނަށް މި ފެނުނީ ނިހާންއާއި އެކީގައި ހޭން އިންދަ. ނުފެނި ކުރަނީ ކިތައް ކަމެއްވެސް ނޭނގެ. އަހަރެން ކުރިމަތީގައި ހޭކަށް ނުކެރޭ އެކަމަކު ހިލޭ ފިރިހެނުން ކުރިމަތީ ދަތްތައް ދިލުވައިގެން ހޭން ކެރޭ. .... ބައެއް ފަހަރު ހިތައް އަރާ މީގެ 5 އަހަރު ކުރިން އެލީނާނޫން އެހެން މީހަކާ ދިމާވި ނަމައޭ. އޭރުން މިދުވަސް ދެކޭކަށް ނުޖެހުނީސް. އަހަރެންގެ ދަރިއެއްވެސް ދުނިޔޭގައި އޮތީސް" މިފްރާހު ހުރީ ކިޔޭ ނުކިޔޭ އެއްޗެއް ނޭނގޭ ވަރަށް ރުޅި ގަދަވެފައެވެ. އެހެނަސް އެނބުރި ބަލައިލިއިރު އެލީނާގެ ލޮލުން ހޯސްލާފައި ފައިބަމުންދިޔަ ކަރުނަތައް ފެނިފައި މި ކިޔުނީ ކިހާ ވަރެއްގެ އެއްޗެއްކަން ރެޔަކާލިއެވެ. ދެމީހުންގެ ގުޅުމުގައި ފޫބައްދާލުމަށް އުނދަގޫވާނެ ވަރުގެ ރެނދެއް ލައިފިކަން އިހްސާސްވާންފެށިއެވެ.

"އެލީ..." މަޑުމަޑުން އެލީނާއާއި ކައިރިއަށް ޖެހެން ފެށިއެވެ. ނަމަވެސް އެލީނާ ޖެހުނީ ފަހަތަށެވެ. މިފްރާހުއާއި ދުރަށެވެ. އެލީނާގެ ދުނިޔެއަކީ އެއީ ކަމަށް އެއްއިރެއްގައި ޤަބޫލު ކުރި ހަޔާތުގެ ބައިވެރިޔާ މިއަދު އެލީނާގެ ހިތް އެކީމެ ފުނޑު ފުނޑުކޮށްލައިފިއެވެ. މިފްރާހުގެ އެޖުމްލަ ވެގެންދިޔައީ އެލީނާގެ އާރާސްތު ވަމުންދިޔަ ހިތަށް އެޅިގެންދިޔަ ޒަޙަރަކަށެވެ. އެލީނާގެ މޭގައި އަތް އަޅާލާ ބިންމައްޗަށް ތިރިވިއެވެ. އެލީނާގެ ހިތަށް އެރިއެވެ. މިއީ އަހިސްދާނެ ދުވަހެއްކަމަށް ވިސްނުނު ނަމަވެސް ދެކެން ބޭނުންވި ދުވަހެއް ނޫނެވެ. އެލީނާގެ ދަރިފުޅު ވަޅުލުމަށް ފަހު ގެޔަށް އައި ވަގުތުން ފެށިގެން ދެމީހުންގެ ދެމެދުގައި ފާރެއް ލެވުނު އިހްސާސް އޭނާއަށް ކުރެވުނެވެ. ދެމީހުންވެސް ކުރަމުންދިޔަ ހިތާމައިގެ ފުނަށް ޤަރަގުވެ، އެފާރާއި މެދު ވިސްނާކަށް ބޭނުމެއް ނުވިއެވެ. އެހެނަސް ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި އެފާރު އުސްވެ ފުޅާވަމުންގޮސް ދެމީހުންނަށް އެކަކު އަނެކަކު ވަނީ ގެއްލިފައެވެ. އެކަކު އަނެކަކު ހޯދަން މަސައްކަތެއްވެސް ނުކުރެވުނެވެ.

މަޑުމަޑުން މިފްރާހު ގޮސް އެލީނާގެ ކުރިމަތީގައި އިށީނދުނެވެ. އަދި އެލީނާގެ އަތުގައި ހިފާލިއެވެ. އެލީނާ އިސް އުފުލާލުމާއިއެކު ދެމީހުންގެ ހަތަރުކަޅި ހަމަވިއެވެ. މީގެ ކުރިން ބުނެ ނުދެވި ހުރި އެތައް ވާހަކަތަކެއް ދެމީހުންގެ ލޮލުން ބުނެދެމުންދިޔައެވެ. މިފްރާހު އާދޭހާއި އެކު މާފަށް އެދެމުން ދިޔައެވެ. އަދި ވަގުތު ފާއިތެއް ނުވެއެވެ. އަދިވެސް ވަގުތު އެބައޮތެވެ. ހީނަރުވެގެންދިޔަ ގުޅުން ބަދަހި ކުރުމަށެވެ. އަމިއްލަ ނަފްސާއި މެދު ދެކެމުން އައި ގޮތް ބަދަލުކޮށްލުމަށެވެ. ދެމަފިރިންގެ ދަރިފުޅު ދުނިޔެ ދޫކުރުމަކީ އެކެއްގެވެސް ކުށެއް ނޫނެވެ. އެއީ މަތިވެރި ޢިލާހުގެ މިންވަރު ފުޅެވެ. ދެމަފިރިންނަށް އޮތީ ކެތް ކުރުމެވެ. ދެމަފިރިންގެ ޙަޔާތަށް ހޮޅިލާ ބިންްދާލި ބިޔަ ރާޅުގެ ވޭނީ އަޞަރު ފިލުވާލުމަކީ ފަޞޭހަކަމަކަށް ނުވާނެއެވެ. އެހެނަސް މިހާރު އެލީނާ އަދި މިފްރާހް ބޭނުންވަނީ މާޒީއަށް ބެލުމެއްނެތި އެކުގައި ކުރިއަށް ހިނގާށެވެ. ދެމީހުންވެސް ތަޙައްމަލު ކުރަމުންދާ ހިތާމައިން އަރައިގަނެ ކުރިއަށް އޮތް ދުވަސްތައް ހިތްހަމަޖެހުމާއި އެކީގައިވޭތުކުރުމަށެވެ. ދެމަފިރިން އުންމީދު ކުރަނީ ހެޔޮ ބަދަލަކަށެވެ.

-ނިމުނީ-

އެޑިޓަރުގެ ނޯޓް

މީ ދިވެހިރާއްޖޭގެ އަޑުން މިރޯދަމަހު ގެެނެސްދޭ ކުރު ވާހަކަ މުބާރަތަށް ހުށައަޅާފައިވާ ވާހަކަތަކުގެ ތެރެއިން ވާހަކައެކެވެ. މި ވާހަކަ ލިޔުނީ ޢިލްމާ ސަޢީދު / ރާތު، ނ.ހޮޅުދޫ އެވެ. ވާހަކަ ހުށައަޅަދިނީ ނ.ހޮޅުދޫ ކުރުކީލަގެ އާމިނަތު ޝިއުނާ އެވެ. ރޭޑިއޯއިން މި ވާހަކަ ބްރޯޑްކާސްޓްކޮށްފައިވަނީ 05 ރަމަޟާން 1443 އެވެ.