ޚަބަރު

ރާއްޖޭއިން ބޭރުގައި ރާއްޖޭގެ ނަން ވިދުވާލި ޖާދޫގަރު


ޖާދޫހެދުމަކީ މީހުން ޙައިރާންކުރުވާ އަދި ގިނަބައެއްގެ ޝައުގުވެރިކަން އެކަމަކަށް ހުއްޓޭކަމެކެވެ. ރާއްޖޭގައި ޢާއްމުކޮށް ނުފެންނަ ޙަރަކާތަކަށް މިކަން ވީނަމަވެސް މިއީ ޤައުމުތަކުގައި އެކަމަކަށް ނިސްބަތްކޮށް އަގު ބޮޑެތި ޝޯވތަކާއި މުބާރާތްތައްވެސް ބާއްވާ ހުނަރެކެވެ. ރާއްޖޭގައި ކުޅަދާނަ ޖާދޫގަރުން މަދު ނަމަވެސް ދިވެއްސަކު މިވަނީ ބައިނަލްއަޤުވާމީ ޖާދޫ ހެދުމުގެ މުބާރާތެއްގައި ވިދާލާފައެވެ.

މުޙައްމަދު ޝަރީފް އޭ ބުނުމުން ގިނަބަޔަކަށް ކާކުކަން ނޭނގުނުނަމަވެސް ބެގޯނިއާ ޝަރީފްއޭ ބުނެލުމުން ގިނަބަޔަކަށް އޭނާ ނޯޅޭނެކަން ޔަގީންނެވެ. ހިތާނީ ޕާޓީތަކާއި ޢީދު ޝޯވްތަކުގައި ރާއްޖޭގައި ޝަރީފުއާ އޭނާގެ ގުރޫޕަކީ ފާހަގަކޮށްލެވޭ ގުރޫޕެކެވެ. ހެންވޭރު ބޮޑުބެރު ގުރޫޕުގެ ނަމުން ފެށުނުނަމަވެސް އިތުރު ބަދަލުތަކާއެކު ދިވެހިސަމާއަށް ގުރޫޕުގެ ނަން ބަދަލުވިއެވެ. މީގެ ފަހަތުގައިވީ ދިވެހިންގެ މުނިފޫހިފިލުވައިދިނުމަށް ޝަރީފްގެ ހުރި ޝައުގުވެރިކަމެވެ. ޝަރީފްގެ ގްރޫޕްގެ ލަވަތަކުން " މައި ގާޑަން އެންއައިއޭ" މީ އެދުވަސްވަރު މަޝްހޫރުވެގެންދިޔަ އެއް ލަވައެވެ.

ޝަރީފް ދެކޭގޮތުގައި އެއްވެސް ޙަފްލާއެއްގައި ތިން ހަތަރުގަޑިއިރު ބޮޑުބެރު ބަލަން ތިބުމަކީ ބަޔަކަށް ވާވަރުގެ ކަމެއް ނޫނެވެ. އެހެންކަމުން އެއްކަމަކަށް ގުރޫޕް ޚާއްސަކުރުމުގެ ބަދަލުގައި ގުރޫޕުގެ މުނިފޫހިފިލުވައިދިނުމުގައި ބޭނުންކުރާ އުކުޅުތައް ނުވަތާ އާޓްގެ ބައިތައް އިތުރުކޮށްލީއެވެ. އެގޮތުން އެކްޓުކުރުމައި ތަމްސީލު ހުށައަޅައިދިނުމާއި ނެށުމާއި ޖާދޫ ހެދުން ތަޢާރަފްކުރިކަމަށް ޝަރީފް ބުނެއެވެ. އޭނާ ބުނާގޮތުން ޖާދޫ ހެދުމަށް ޝައުގުވެރިކަން އުފެދުނީ ޗާންދަނީ މަގު ގެއެއްގައި ކުޑައިރު ބާއްވާ ކާނިވަލަކަށް އައި ބޭރު މީހަކު ހެދި ޖާދޫގެ ކުޅިވަރެއް ފެނިގެންނެވެ.

އަމިއްލަ ގުރޫޕުގައި ޖާދޫގަރެއްގެ ގޮތުގައި ޝަރީފް މަސައްކަތް ފެށީ ވަރަށް އާދައިގެ ގޮތަކަށެވެ. އަމިއްލަ ތަކެތި ބޭނުންކޮށްގެން އޭނާ ފެށި މިމަސައްކަތުން މިއަދު އޭނާވަނީ ބައިނަލްއަޤުވާމީ މައިދާނުގައި ޤައުމަށް ރީތި ނަމެއް ހޯދައިދީފައެވެ. އަވައްޓެރި ސްރީލަންކާ މެޖީޝަން ސޮސައިޓީގެ ފަރާތުން ލަންކާގައި ބޭއްވި އިންޓަރނޭޝަނަލް މެޖިކް ފެސްޓިވަލްގެ 2022 ގަ ބައިވެރިވެ އޭނާވަނީ 2 ވަނަ ޙާސިލްކޮށްފައެވެ. އަވައްޓެރި ޤައުމުތަކުގެ ޖާދޫ ހަދާ މީހުންގެ ތެރެއިން 9 މީހަކާއި ވާދަކޮށް އޭނާއަށް ލިބުނު ކާމިޔާބީއަކީ ފާހަގަކޮށްލެވޭފަދަ ކުރިއެރުމެކެވެ. މުބާރާތުގައި އޭނާ ހުށައަޅާފައިވަނީ ދަޅާއި ވަލުން ހެދި ޖާދޫގެ އެކި އާޓުކަމަށް އޭނާ ބުނެއެވެ.

އެންމެ 10 މިނިޓުން ފެށި ޖާދޫގެ ޙަރަކާތްތައް ރަށްރަށުގައާއި ރިސޯޓުތަކުގައި ގަޑިއިރަކަށް މިހާރު އޭނާ ކުރިއަށްގެންދެއެވެ. ޖާދޫއާއި މެދު ދިވެހިން ދެކޭ ގޮތް ބަދަލުވެ މިހާރު މިކަމަށް ތަރުހީބު ބޮޑުވަމުންދާކަން ޝަރީފް ފާހަގަކުރެއެވެ. އޭނާގެ ނަންނަ އަވައްޓެރި ޤައުމުތަކުގައި ވިދާލާފައިވާއިރު އަންނަ ސެޕްޓެމްބަރުގައި އިންޑިއާގައި އޮތް މިފަދަ ޝޯވްއަކަށްވެސްވަނީ ބައިވެރިވުމުގެ ފުރުސަތު ލިބިފައެވެ.

އެންމެ 10 މިނިޓަށް ފެށި ޖާދޫގެ ޙަރަކާތްތައް ރަށްރަށުގައާއި ރިސޯޓުތަކުގައި ގަޑިއިރަކަށް މިހާރު އޭނާ ކުރިއަށްގެންދެއެވެ. ޖާދޫއާއި މެދު ދިވެހިން ދެކޭ ގޮތް ބަދަލުވެ މިހާރު މިކަމަށް ތަރުހީބު ބޮޑުވަމުންދާކަން ޝަރީފް ފާހަގަކުރެއެވެ. އޭނާގެ ނަންނަ އަވައްޓެރި ޤައުމުތަކުގައި ވިދާލާފައިވާއިރު އަންނަ ސެޕްޓެމްބަރުގައި އިންޑިއާގައި އޮތް މިފަދަ ޝޯވްއަކަށްވެސްވަނީ ބައިވެރިވުމުގެ ފުރުސަތު ލިބިފައެވެ.