ބޮލީވުޑް އެކްޓަރ ޝާހުރުކްޚާނަކީ ހިންދީ ސިނަމާގައި މިހާރު ހުރި އެންމެ މަޝްހޫރު ތަރިއޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ކިންގް ޚާންގެ ނަމުން މަޝްހޫރު ތަރި ވަނީ މިހާތަނަށް 80 ށް ވުރެ ގިނަ ފިލްމު ކުޅެފައެވެ. ޝާހު ވަނީ 1991 ވަނަ އަހަރު ގޯރީ ޚާނާއި ކައިވެނިކޮށްފައެވެ. އެ ކައިވެންޏަށް މިހާރު ވަނީ 3 ކުދިންވެސް ލިބިފައެވެ. އެއީ ސުހާނާ، އާރްޔާން އަދި އަބްރަހަމް އެވެ.
ހިންދީ ސިނަމާގައި ރަގަޅަށް ފައިތިލަ ސާބިތުވުމުގެ ކުރިން ޝާހުވެސް ވަނީ އެތައް ނާކާމިޔާބީ އަކާއި ކުރިމަތިލާފައެވެ. 2011 ވަނަ އަހަރު ދެއްކި ޝާހުގެ ސުޕަ ހީރޯ ފިލްމު "ރާ ވަން" އަކީ ބޮޑު ފްލޮޕެކެވެ. ޝާހު ބުނިގޮތުގައި މި ފިލްމު ފްލޮޕް ވުމުން އޭނާ ވަރަށް ދެރަވެ ގަދަޔަށް ރޮވުނެވެ. ބޮކްސް އޮފީހުގައި ރަގަޅު އާމްދަނީއެއް ހޯދި ފިލްމެއް ނަމަވެސް ބެލުންތެރިން މި ފިލްމު ބަލައެއް ނުގަތްކަމަށް ޝާހު ބުންޏެވެ. އަދި މިކަމާއި ދެރަވެގެން 3 މަސް ދުވަސް ވަންދެން ޑިޕްރެސްވެފައި ހުރިކަމަށްވެސް ޝާހު ވަނީ ބުނެފައެވެ.
މީގެއިތުރުން އޭނާގެ އައިޕީއެލް ޓީމް ކޮލްކަތާ ނައިޓް ރައިޑާސް މެޗްތަކުން ބަލިވުމުންވެސް އެހާ ދެރަވެ ރޮވުނު ކަމަށް ޝާހު ބުންޏެވެ. އަދި ބޮޑަށް ދެރަވީ ޓީމު ބަލިވެގެން ނޫން ކަމަށާއި މީހުން އޭނާއަށް ދިމާލަށް ކިޔާފައި ހުރި އެއްޗެހީގެ ސަބަބުން ކަމަށްވެސް ޝާހު ވަނީ ބުނެފައެވެ.
ޝާހުގެ ކުރިއަށް އޮތް ފިލްމު "ޕަތާން" ގައި އޭނާ ހުންނަ ގޮތް މިދިޔަ މަހު ވަނީ ދައްކާލާފައެވެ. މި ލުކްގައި ފެންނަނީ ސިކްސް ޕެކާއިއެކު ޝާހުގެ ވަރުގަދަ ހަށިގަނޑެވެ. މިއާއިއެކު މުޅި އިންޓަރނެޓަށް ވަނީ ގުޑުން އަރުވާލާފައެވެ. ޝާހުގެ އިތުރުން ދީޕިކާ ޕަޑްކޯނާއި ޖޯން އަބްރަހަމްވެސް މި ފިލްމުން ފެންނާނެއެވެ.
ޝާހު އޭނާގެ ކެރިއަރު ފެށީ ޓީވީ ސީރީޒް އެއްކަމަށްވާ "ދިލް ދަރިޔާ" އިންނެވެ. ބިގް ސްކްރީނުން ޝާހު ފުރަތަމަ ފެނުނު ފިލްމަކީ "ދީވާނާ" އެވެ. އޭގެ ފަހުން އޭނާ ވަނީ އެތައް ބްލޮކްބާސްޓާ ފިލްމެއް ބެލުންތެރިންނަށް ދޫކޮށްލާފައެވެ.