އީރާނުގެ ނިއުކްލިޔަރ މައްސަލަ ޙައްލު ކުރުމަށްޓަކައި އެޤައުމާއި ދުނިޔޭގެ ބޮޑެތި ބާރުތަކާ ދެމެދު ސޮއިކޮށްފައިވާ ނިއުކްލިޔަރ އެއްބަސްވުމަކީ ސަރަހައްދީ މައްސަލަތައް ޙައްލުކުރުމުގެ ނަމޫނާއެއްގެ ގޮތުގައި ބެލެވިދާނެ އެއްބަސްވުމެއްގެ ގޮތުގައި އީރާނުގެ ރައީސް ހަސަން ރޫޙާނީ ސިފަކުރައްވައިފިއެވެ.ތެހެރާންގައި ބޭއްވި ނޫސްކޮންފަރެންސެއްގައި ރޫހާނީ ވިދާޅުވީ އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމާ ގުޅިގެން އީރާނުގެ އިޤްތިޞާދަށް ހެޔޮބަދަލުތަކެއް އަންނާނެ ކަމަށް ބެލެވޭކަމަށާ މިއަހަރު އީރާނުގެ އިޤްތިޞާދު ފަހެއް އިންސައްތައިގެ ދުވެލީގައި ކުރިޔަށްދާނެކަމަށް އަންދާޒާ ކުރެވޭކަމަށެވެ.އީރާނުގެ ރައީސް މިމޭރުމުން ވާހަކަ ދައްކަވާފައިމިވަނީ އީރާނާދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލިކަން އެމެރިކާއާއި ވިލާތުގެއިއްތިޙާދުން އިޢުލާންކުރިތާ އެއްދުވަސްފަހުންނެވެ. ރޫހާނީވަނީ އީރާނާއި ދުނިޔޭގެ ބޮޑެތި ބާރުތަކާ ދެމެދު ސޮއިކުރި ނިއުކްލިޔަރ އެއްބަސްވުމަކީ އީރާނުގެ ތާރީޚުގައި ރަންއަކުރުން ލިޔެވޭނެ ސަފްޙާއެއްކަމަށް ސިފަކުރައްވާފައެވެ.