ސަރުކާރުގެ އިޖުތިމާޢީ ބޯހިޔާވަހިކަމުގެ ސިޔާތުގެ ދަށުން ތަރައްޤީކޮށްފައިވާ ހިޔާ މަޝްރޫޢުއާ ގުޅިގެން ގިނަ ކަންބޮޑުވުންތަކެއް އެބަހުއްޓެވެ. ޢާއްމުންގެ ޝަކުވާ އިތުރުވެފައިވާ އެތައް މައްސަލައެކެވެ. ހިޔާ ޓަވަރުތަކަށް މީހުން ބަދަލުވީއިރުވެސް އެތަނުގައި އެންމެ އެކަށީގެންވާ ގޮތުގައި ޚިދުމަތްތައް ފަހިވެފައި ނެތްކަމީ ޙަގީގަތެކެވެ. އެހެންނަމަވެސް ހިޔާ ފްލެޓަށް ބަދަލުވި ގިނަ ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް އެޗްޑީސީން އައީ އެކި ފަރާތްތަކާ ގުޅިގެން މަސައްކަތްކުރަމުންނެވެ.
ކުނީގެ މައްސަލައަކީވެސް މިއިން އެއް މައްސަލައެވެ. ހިޔާއިން ކުނި ނެގުމަށް ވެމްކޯއަށް ކުރިމަތިވާ އެންމެ ބޮޑު ދައްޗަކީ ވެމްކޯގެ ޕިކަޕުތަކަށް އެސަރަޙައްދަށް ވަދެވޭނެ މަގުތައް ހެދިފައި ނެތުމުންކަމަށް ބުނުމުން އެކަންވެސް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ވަނީ ހަމަޖައްސައި ވެމްކޯގެ ޚިދުމަތް ލިބޭނެ މަގު ފަހިކޮށްދީފައެވެ. ވެމްކޯއިން ހިޔާގައި ކޮންމެ ދުވަހަކު ކުނި ނެގިނަމަވެސް އެތަނުގެ ގޮނޑުކަމަކަށް ބަދަލެއް ނާދެއެވެ. ކުނި މަދުވާހެންވެސް ހީނުވެއެވެ. ޓަވަރުތައް ވަށައިގެން ހިމެނޭ ހުރިހާތަނެއް ވަނީ ކުނިން ތަޣައްޔަރުވެފައެވެ.
ހިޔާގައި ކުނީގެ މައްސަލަ ބޮޑުވެ އެކަމުގައި ޢާއްމުންގެ ޝަކުވާ ބޮޑުވެފައިވާތީ ޕީއެސްއެމް ނިއުސްގެ ޓީމުންވަނީ އެސަރަޙައްދަށް ގޮސް އެކަންކަން ތަޖުރިބާ ކޮށްފައެވެ. ހިޔާ ކައިރިއަށް ދިޔުމުން ފެނުނުން މަންޒަރަކީ ހައިރާންވާފަދަ މަންޒަރެކެވެ. ކޮންމެ ޓަވަރަކާ ދިމާ ކުރިމަތީގައި ބޮޑު ކުނި ފުންޏެއް ނެތް ޓަވަރެއް މަދެވެ.
ވެމްކޯއިން ކުނި ނުނަގަނީ ބާވައޭ ހިތަށް އަރައި، ޓަވަރުތަކުގައި ދިރިއުޅޭ ބައެއް ފަރާތްތަކާ ސުވާލުކުރަމުން ދަނިކޮށް ވެމްކޯގެ މުވައްޒަފުން ކުނި ނެގުމުގައި ޙަރަކާތްތެރިވާ މަންޒަރު ފެނުނެވެ. ކުނީގެ މައްސަލަ ޙައްލުނުވެގެން އުޅެނީ ކީއްވެތޯ އެތަނުގައި ދިރިއުޅޭ ބައެއް ފަރާތްތަކާ ސުވާލުކޮށްލީމެވެ. ބައެއް ފަރާތްތަކުން ކެމެރާއަށް އަރަން ބޭނުން ނުވިނަމަވެސް ދެއްކީ އެއް ވާހަކަތަކެކެވެ. ހިޔާގައި ދިރިއުޅޭ ބައެއް ފަރާތްތަކުގެ ހަޑިމުޑުދާރުކަމުގެ ވާހަކައެވެ.
ކުޑަކުދިންގެ ނެޕީއާއި ސެނިޓަރީ ނެޕްކިން ފަދަ ތަކެތި ބޭނުންކުރުމަށްފަހު ހިޔާގެ ވައިގޮޅިން އުކާލާފައި ހުންނަ ވާހަކައެވެ. ބަތް ޕާރުސަލް ފަދަ ތަކެތި ކެއުމަށްފަހު ކޮތަޅާއެކު ޓަވަރުގެ ތިރިއަށް އަޅާ ވާހަކައެވެ. ޓަވަރުތަކުގެ ކުރިމަތީގައި ކުނިވާޒާތުގެ ކުނި އެޅުމަށް ބޮޑެތި ޑަސްބިން ވެމްކޯއިން ވަނީ ބަހައްޓާފައެވެ. އެހެންނަމަވެސް އެޑަސްބިންތަކަށް ކުނި އެޅުމުގެ ބަދަލުގައި އެކި ދިމަދިމާއަށް މީހުން ކުނި އަޅާކަމަށް ހިޔާގައި ދިރިއުޅޭ ފަރާތްތަކުން ބުނެއެވެ.
ވެމްކޯއިން ޚިދުމަތް ދެމުންދާ ހުރިހާ ރަށެއްގައި ޚިދުމަތް ދިނުމުގެ މިންގަނޑުތަކަކާއި އުސޫލުތަކެއްވަނީ ކަނޑައަޅާފައެވެ. އެގޮތުން ކޮންމެ ގޭބިސީއަކުން އުފުލާނެ ކުންޏާއި، ގޭތެރޭގައި ހިފާގެންގުޅޭ ތަކެއްޗާއި ފަރުނީޗަރާއި، ކުނި ނުވާޒާތުގެ ގިނަ ކުނި އުކާނަމަ ވެމްކޯގެ ކެޕްސް ލައިޓްގެ ޚިދުމަތް ފޯރުކޮށްދެއެވެ. އެހެންނަމަވެސް ހިޔާގައި ޢަމަލުކުރަމުންދަނީ މިއުސޫލަކުން ނޫނެވެ. ގެބަދަލުވެ ގިނަ ޢަދަދެއްގެ ކުނި އުކާލަންޖެހޭއިރު އެތަކެތި ބޭރަށް ނެރެ ޖަމާކުރަނީއެވެ. މިއީ އެއްގޮތަކަށްވެސް ރަނގަޅު ގޮތެއް ނޫނެވެ. މާލޭގައިވެސް ގެބަދަލުވުމައި އަދި ގޭގެ އާބާތުރަފިލުވާ އުކާލަންޖެހޭ ކުނި އުކުމަށް ވަކި ޚިދުމަތެއް ހޯދަނީއެވެ. ހިޔާގެ ރައްޔިތުންނަށްވެސް އެފުރުސަތު އެބައޮތެވެ.
ވެމްކޯއިން މިހާރުވަނީ މާލެއެކޭ އެއްފަދައިން ރަޖިސްޓަރކޮށްގެން ކުނި ނެގުމަށް ހިޔާއަށްވެސް ހުޅުވާލާފައެވެ. އެހެންނަމަވެސް މިކަމާއި ގުޅިގެން ހިޔާގައި ދިރިއުޅޭ ފަރާތްތަކުގެ ކަންބޮޑުވުން އެބަހުއްޓެވެ. އެއީ މާލޭގެ އެޕާޓްމަންޓް ދޮރުމަތިން ކުނި ނަގާ އަގުގައި އެތައް ސަތޭކަ ބަޔަކު ބޭނުންކުރާ ލިފްޓަކުން ކުނި ތިރިއަށް ގެންދިޔުމުގައި އެތައް ގޮންޖެހުމެއް ހުރިއިރުވެސް އެއްއަގެއްގައި ކުނި ނަގަންޖެހޭތީއެވެ. މިކަމާއި ގުޅިގެން ވެމްކޯއިން ވަކި އެއްޗެއް ވިދޅުނުވި ނަމަވެސް އެއަގަކީ އެއީ މެއިންޓަނަސްފީއާއެކު ނަގާ އަގެއްކަމަށް ވެމްކޯއިން ބުނެއެވެ. ވެމްކޯއިން ހިޔާ ފްލެޓުތަކުން ކުނިނަގައިދިނުމަށް ނިންމާފައިވަނީ 150 ރުފިޔާއަށެވެ.
ތިމާ އުފައްދާ ކުންޏަކީ ތިމާ ޒިންމާވާންޖެހޭ އެއްޗަކަށް ހަދަންޖެހެއެވެ. ހަމައެއާއެކު ރައްޔިތުންނަށް އެކަން ކުރުމަށް ޤަބޫލުކުރެވޭ ފަސޭހަ މަގުތަކެއްވެސް ފަހިކޮށްދޭންވެސް ޖެހެއެވެ. އެހެންނޫނީ ހިޔާފަދަ ސަރަހައްދުތަކުގައި މިއީ ޢާއްމު އުނދަގުލަކަށްވުން ގާތެވެ.