ޚަބަރު

ރާއްޖޭގެ އާބާދީގެ ކޮންމެ 500 މީހަކަށް ޑޮކްޓަރެއް


ޑޮކްޓަރުންނަކީ ސިއްޙީ ނިޒާމުގެ ހިތެވެ. ރާއްޖޭގެ ސިއްޙީ ނިޒާމުގެ އެންމެ ބޮޑު ވެއްޓުމަކީވެސް ދިވެހި ޑޮކްޓަރުން މަދުވުމެވެ. މިކަން ޙައްލުކުރުމަށް ކުރެވޭ މަސައްކަތުން ނަތީޖާ ރަނގަޅުވާ މަންޒަރު ފެނެއެވެ. އެހެންނަމަވެސް ޑޮކްޓަރަކު ބިނާކުރުމަށް ގިނަ ދުވަސްތަކެއް ނަގައެވެ. ސްޕެޝަލައިޒްވުމަށް މަދުވެގެން 7 އަހަރު ނަގައެވެ. އެއީ މީގެކުރިން ވަރަށް ހަނިކޮށް ދެވެމުންއައި ފުރުސަތެއްނަމަވެސް އެޒަމާން ބަދަލުވެއްޖެއެވެ. ސަރުކާރުގެ އެހީގައި އެކި ދާއިރާތަކުން ދިވެހިން ތަމްރީންކުރުމަށް މިހާރު އަންނަނީ ފުރުސަތުތައް ދެމުންނެވެ. މިގޮތުން މިހާރުވެސް ޑޮކްޓަރުކަން އަދި ސްޕެޝަލިސްޓުންނަށްވުމަށް އެތައް ޑޮކްޓަރުންނެއް އަންނަނީ ރާއްޖެއިން ބޭރުން ތަމްރީންވަމުންނެވެ. އެހެންކަމުން ރާއްޖޭގެ ސިއްޙީ ނިޒާމު ކުރިއަށް އޮތްތަނުގައި އިތުރު ހަރުފަތަކަށް ޖެހޭތަން ފެނިގެންދާނެއެވެ.

ރާއްޖޭގެ ސިއްޙީ ދާއިރާގެ ތަފާސްހިސާބު ޢާއްމުކޮށް އެންމެފަހުން ނެރެފައިވާ 'ހެލްތު ސްޓެޓިސްޓިކްސް މޯލްޑިވްސް 2020' ގައި ވާ ގޮތުން ރާއްޖޭގައި މިވަގުތު 1084 ޑޮކްޓަރުން ޚިދުމަތުގައި އެބަތިއްބެވެ. މީގެތެރޭގައި 651 ޑޮކްޓަރުންނަކީ ޢާއްމު ބަލިތަކުގެ ޑޮކްޓަރުންނެވެ. އަދި 433 ޑޮކްޓަރުންނަކީ ސްޕެޝަލިސްޓުންނެވެ. ރާއްޖޭގައި މިވަގުތު މަސައްކަތްކުރަމުންދަނީ 401 ދިވެހި ޑޮކްޓަރުންނެވެ. އަތޮޅުތެރޭގައި 565 ޑޮކްޓަރުން ޚިދުމަތް ކުރަމުން އަންނައިރު މާލެ ސަރަޙައްދުގައި 519 ޑޮކްޓަރުން އަންނަނީ ޚިދުމަތް ދެމުންނެވެ. އަދި މިއަހަރުތެރޭގައި އިތުރު 26 ޑޮކްޓަރުން ޚިދުމަތަށް ގެނައުމަށް ރެކްރޫޓްކޮށްފައިވާ ކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއެވެ.

ރާއްޖޭގެ އާބާދީއާއި ގާތްކުރާ މިންވަރަށްވެސް ރާއްޖޭގައި ޑޮކްޓަރުންނެއް ނެތެވެ. އާބާދީގެ ގާތްގަނޑަކަށް ކޮންމެ ފައްސަތޭކައަކަށް ޑޮކްޓަރަކު ކިރިޔާ ހަމަވަނީއެވެ. މިޙާލަތުގައި ރާއްޖޭގެ ސިއްޙީ ނިޒާމުން މިވަނީ ބޮޑު ޕެންޑަމިކަކާ ކުރިމަތިލާފައެވެ. ކޯވިޑްއާއި ގުޅިގެން ރާއްޖޭގައި މަސައްކަތްކުރަމުންދިޔަ އެތައް ބިދޭސީ ޑޮކްޓަރުނެއްވަނީ އަމިއްލަ ޤައުމަށް ގޮސްފައެވެ. މިޙާލަތުގައި ދިވެހި ޑޮކްޓަރުންވަނީ ޗުއްޓީއަކާ ނުލާ ދެއަހަރު ޚިދުމަތްކޮށްފައެވެ. މީގެތެރެއިން ކުރީ ސަފުގައި ޙަރަކާތްތެރިވީ ޑޮކްޓަރުންވަނީ އޮފް ދުވަހެއް ނެތި 24 ގަޑިއިރު ޚިދުމަތްކޮށްފައެވެ.

ދިވެހި ޑޮކްޓަރުންނަށް އޮތް ޑިމާންޑަކީ ހަމައެކަނި ސަރުކާރުން ބޭނުންވާކަމަކަށްވުރެ ބޮޑަށް އެކަމަށް ދިވެހިންތިބީ އެދި އެދިއެވެ. މީގެ އެންމެ ބޮޑު ހެއްކަކީ ރާއްޖޭގެ ބޮޑެތި ހުރިހާ ހޮސްޕިޓަލެއްގައިވެސް ދިވެހި ޑޮކްޓަރުންނަށް އޮންނަ ޑިމާންޑު އިތުރުވުމެވެ. ޚާއްސަކޮށް ވަކި ބަލިތަކަކަށް ސްޕެޝަލިސްޓު ޑޮކްޓަރުންނަށް ދެއްކުމަކީ ގޮންޖެހުން ބޮޑުކަމެކެވެ. ދިވެހިން މިހާރު އެންމެ ދެކެން ބޭނުންވާ އެއްދުވަހަކީ އެކަށީގެންވާ ޑޮކްޓަރސް ފޯސްއެއް އުފެދި ޚިދުމަތް އަވަސްވާނެ ދުވަހެކެވެ.


ކޮންމެ އަހަރެއްގެ އެޕްރީލްމަހުގެ 18 ވަނަ ދުވަހަކީ ރާއްޖޭގައި ފާހަގަކުރާ ދިވެހި ޑޮކްޓަރުންގެ ދުވަހެވެ. މިއަހަރުގެ ޑޮކްޓަރުންގެ ދުވަސް ފާހަގަކުރުމަށް މުޅި އަހަރުތެރެއަށް ބަހާލައިގެން ޙަރަކާތްތައް ހިންގުމަށް މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ. ޕީއެސްއެމްނިއުސްއަށް މަޢުލޫމާތު ދެއްވަމުން މެޑިކަލް އެސޯސިއޭޝަންގެ ހިންގާ ކޮމިޓީގެ ރައީސާ އަދި އައިޖީއެމްއެޗްގެ އެމަރޖެންސީ ފިޒީޝަން ޑރ.އާމިނަތު ޒޭބާ އަޙްމަދު ވިދާޅުވީ މިއަހަރު މިދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށް މަސައްކަތް ކުރަމުން އަންނަކަމަށެވެ. އެގޮތުން ކޯވިޑްގެ ޙާލަތުގައި މިދުވަސް ފާހަގަކުރުމަށް އެއްވެސް ޙަރަކާތެއް ވޭތުވެދިޔަ ދެއަހަރުވެސް ކުރިއަށް ނުގެންދެވުނުނަމަވެސް މުޅި އަހަރުތެރެއަށް ބަހާލައިގެން އެކި ޙަރަކާތްތައް މިއަހަރު ކުރިއަށްގެންދިޔުމަށް ނިންމާފައިވާކަމަށެވެ.

މިދުވަހާއި ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން މެޑިކަލް އެސޯސިއޭޝަންގެ އެގްޒެކެޓިވް ސެކެޓްރީ އަދި އައިޖީއެމްއެޗްގެ ކޮންސަލްޓެންޓް އިން ނިއުރޮލޮޖީ ޑރ. އަޙްމަދު ރަޝީދު ވިދާޅުވީ އެމްއެމްއޭއިން މިދުވަސް ފާހަގަކުރުމަށް 2005 ވަނަ އަހަރުން ފެށިގެން މަސައްކަތްކުރާއިރު އަމާޒަކީ މިއަހަރުގެ ޙަރަކާތްތަކުގައި ދިވެހި ޑޮކްޓަރުންނާއެކު ރާއްޖޭގައި މަސައްކަތްކުރާ ބޭރު ޑޮކްޓަރުންގެ ޝާމިލުވުންވެސް އިތުރުކުރުންކަމަށެވެ.

ރާއްޖޭގައި ޑޮކްޓަރުންގެ ދުވަސް ފާހަގަކުރަމުން އަންނަނީ ރާއްޖޭގައި އެންމެ ފުރަތަމަ ޑޮކްޓަރުކަން ކިޔަވާ ވިދާޅުވި ޑރ.އެންޑީ ޢަބްދުﷲ ޚިދުމަތް ކުރައްވަން ފެއްޓެވި ދުވަހަށް ނިސްބަތްކޮށެވެ. އެއީ 1964 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 18 އެވެ.