ސޯޝަލް މީޑިއާ ބޭނުންކުރުމުން ލިބޭ ފައިދާ އާއި އެއްގޮތަށް ގެއްލުންވެސް ލިބެއެވެ. މިކަމާއި އެންމެ ބޮޑަށް ކުރިމަތިލާ އެއް ބަޔަކީ ސެލެބްރިޓީންނެވެ. ބައެއް ތަރިންނަށް އެމީހުން ކުރާ ޕޯސްޓްތަކަށް މީހުން ކުރާ ނެގެޓިވް ކޮމެންޓްތައް ބަލައި ނުގަނެވެއެވެ. ރުޅި އައިސް ރައްދުވެސް ދެވެއެވެ. އަނެއް ބަޔަކު މިހާތަނަށްވެސް އެއްވެސް އެކައުންޓެއް ސޯޝަލް މީޑިއާގައި ނަހަދައެވެ. މީގެތެރެއިން ފާހަގަކޮށްލެވޭ ބައެއް ތަރިންނަކީ މިއީއެވެ.
ރަންބީރަކީ މި ލިސްޓުގެ އެންމެ ކުރީގައި އުޅޭ އެކަކެވެ. މި މަހުގެ 14 ވަނަ ދުވަހު ބަތަލާ އާލިއާ ބަޓް އާ ކައިވެނިކޮށްފައިވާ ރަންބީރުގެ އިންސްޓަގްރާމް އެކައުންޓެއް އޮންނަ ވާހަކަ މީގެކުރިން ވަނީ ދެކެވިފައެވެ. ނަމަވެސް އެއްވެސް މީހަކަށް އެ އެކައުންޓު ހޯދޭގޮތް އަދި ވަނީ ނުވެފައެވެ.
ސަންޖޭ ލީލާ ބަންސާލީގެ ޓްރެޖިކް ރޮމޭންޓިކް ފިލްމު "ސާވަރިޔާ" އިން ހިންދީ ސިނަމާއަށް ތައާރަފްވި ރަންބީރު ކުޅެފައިވާ ބައެއް ފިލްމުތަކުގެ ތެރޭގައި "ވޭކްއަޕް ސިދް" ، "އަޖަބް ޕްރޭމް ކީ ގަޒަބް ކަހާނީ" ، "ރާޖްނީތީ" ، "ރޮކްސްޓާ" ، "ބަރްފީ" އަދި "ޔޭ ޖަވާނީ ހޭ ދިވާނީ" ހިމެނެއެވެ.
"މަރުދާނީ" ގެ ތަރި ރާނީ މުކަރްޖީ އަކީވެސް ސޯޝަލް މީޑިއާގައި އެއްވެސް ވަރަކަށް އުޅޭ ތަރިއެއް ނޫނެވެ. ރާނީ ބުނިގޮތުގައި ސޯޝަލް މީޑިއާ ބޭނުން ނުކޮށް ހުރުން އޭނާ މާ ހިތްހަމަޖެއެވެ. 1998 ވަނަ އަހަރު ދެއްކި ރޮމޭންޓިކް ފިލްމު "ކުޗް ކުޗް ހޯތާ ހޭ" އިން ރާނީއަށް ލިބުނު މަޝްހޫރު ކަމާއެކު އޭގެ ތިން އަހަރު ފަހުން 2003 ވަނަ އަހަރުވެސް އޭނާ ކުޅުނީ ހަމަ އެހާ ކާމިޔާބުވި ފިލްމެކެވެ. އެއީ ވިވޭކް އޮބްރޯއާއިއެކު ކުޅުނު "ސާތިޔާ" އެވެ. "ޗަލްތޭ ޗަލްތޭ" ، "ހަމް ތުމް" ، "ބްލެކް" ، 'މަރްދާނީ" ، "ނޯވަން ކިލްޑް ޖެސިކާ" އަދި "ހިޗްކީ" މިއީ ހައްތަހާވެސް ރާނީ ބެލުންތެރިންނަށް ދޫކޮށްލި ރީތި ފިލްމުތަކެވެ.
ސައިފް ބުނާގޮތުގައި ސޯޝަލް މީޑިއާގައި އޭނާއަށް ކުރާ ނެގެޓިވް ކޮމެންޓު ހަޖަމެއް ނުވެއެވެ. މާބޮޑަށް ހިތުގަ ޖެހެނީއެވެ. އެހެންވެ ސައިފް އަކީވެސް އެއްވެސް ސޯޝަލް މީޑިއާ އެއް ބޭނުންކުރާ ތަރިއެއްނޫނެވެ. ކުރީގެ ތަރި ޝަރުމީލާ ޓެގޯރުގެ ދަރިފުޅު ސައިފް އެންމެ ފުރަތަމަ ފެނުނީ 1993 ވަނަ އަހަރު ދެއްކި ފިލްމު "ޕަރަމް ޕަރާ" އިންނެވެ. ސައިފްގެ ކުރިއަށްހުރި ފިލްމުތަކުގެ ތެރޭގައި "އަދިޕުރޫޝް"، ހިންދޫ އެޕިކް "ރާމަޔާނާ" އަދި ރިތިކް ރޯޝަނާއިއެކު ކުޅޭ "ވިކްރަމް ވޭދާ" ގެ ހިންދީ ރީމޭކް ހިމެނެއެވެ.
"ހެރީ ޕޮޓާ" އިން މަޝްހޫރުވި ތަރި ޑޭނިއަލް ރެޑްކްލިފަކީ ޒާތީ ވާހަކަތައް އެއްވެސް ވަރަކަށް ދައްކާހިތްވާ ތަރިއެއް ނޫނެވެ. އަދި އަމުދުން ސޯޝަލް މީޑިއާގައި އެ ވާހަކަތައް ހިއްސާކުރުމަކީ ޑޭނިއަލް ވަރަށް ފޫހިވާ ކަމެކެވެ. ޑޭނިއަލް އަތުގައި އެއްވެސް ސޯޝަލް މީޑިއާ އެކައުންޓެއް ނޯވެއެވެ.
މިހާރު އުމުރުން 32 އަހަރުގެ ޑޭނިއަލް ފިލްމީ ކެރިއަރު ފެށީ އޭނާގެ އުމުރުން އެންމެ 10 އަހަރުގައެވެ. އޭނާ އެންމެ ފުރަތަމަ ފެނުނީ ބީބީސީ ވަން އިން 1999 ވަނަ އަހަރު އުފެއްދި ޓެލެވިޒަން ފިލްމު "ޑޭވިޑް ކޮޕާފީލްޑް" އެވެ. އޭގެފަހުން 2001 ވަނަ އަހަރު ދެއްކި ޖޭކޭ ރޯލިންގެ ފެންޓަސީ ނޮވެލްގެ މައްޗަށް އުފައްދާފައިވާ "ހެރީ ޕޮޓާ އެންޑް ދާ ފިލޯސަފާސް ސްޓޯން: އިން ހެރީ ޕޮޓާގެ ރޯލު އޭނާއަށް ލިބުނެވެ.
"ބްލެކްވިޑޯ" ގެ ތަރި ސްކާލެޓް ބުނީ އޭނާ ބޮޑުވެގެން އައީ ސޯޝަލް މީޑިއާ ފެނި އެކަހަލަ މާހައުލެއްގައި ނޫން ކަމަށެވެ. ޓްވިޓާ، ފޭސްބުކް އަދި އިންސްޓްގްރާމް އެކައުންޓެއްވެސް ސްކާލެޓް ނުގެންގުޅެއެވެ. 2018 ވަނަ އަހަރާއި 2019 ވަނަ އަހަރު އެންމެ ބޮޑު އާމްދަނީއެއް ލިބުނު ބަތަލާ އެންމެ ފުރަތަމަ ފެނުނު ފިލްމަކީ 1994 ވަނަ އަހަރު ދެއްކި ފެންޓަސީ ކޮމެޑީ "ނޯތް" އެވެ.
އެކްޓަރެއްގެ އިތުރުން ޖަޔާ އަކީ ސިޔާސީ މީހެއްވެސް މެއެވެ. ނަމަވެސް ޖަޔާ އެއްގޮތަކަށްވެސް ސޯޝަލް މީޑިއާ ބޭނުމެއް ނުކުރެއެވެ. މުޅި ބައްޗަން އާއިލާގައިވެސް ސޯޝަލް މީޑިއާ ބޭނުންނުކުރާ މީހަކަށް ހުރީ ޖަޔާއެވެ.
ބޮލީވުޑް ސުޕަ ސްޓާ އަމީތާބު ބައްޗަންގެ އަންހެނުން ޖަޔާ ފުރަތަމަ ފެނުނީ 1971 ވަނަ އަހަރު ދެއްކި ފިލްމު "ގުއްޑީ" އިންނެވެ. ޖަޔާ އެންމެ ފަހުން ފެނުނީ 2016 ވަނަ އަހަރު ދެއްކި ފިލްމު "ކީ އެންޑް ކާ" އިން ހާއްސަ ފެނިލުމަކުންނެވެ. އޭނާ ދެން އެންމެ އަވަހަށް ފެންނާނީ އަންނަ އަހަރު ރިލީޒްކުރަން ހަމަޖައްސާއިވާ ކަރަން ޖޯހަރުގެ ފިލްމު "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" އިންނެވެ.