ޚަބަރު

ޖިންސީ އަނިޔާގެ ތުހުމަތުގައި ހައްޔަރުކުރި އުމުރުން ދުވަސްވީ އަންހެން މީހާގެ ޙާލު އެޗްއާރްސީއެމުން ބަލައިފި


އުމުރުން 6 އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި އައްޑޫ ސިޓީން ހައްޔަރުކޮށްފައިވާ އުމުރުން ދުވަސްވީ މީހާއާ ބައްދަލުކޮށް އެމީހާގެ ޙާލު ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއިން ބައްލަވަފިއެވެ.

އެޗައާރްސީއެމުން އެމީހާގެ ޙާލުބަލާފައި މިވަނީ މިމައްސަލަގައި ޢާއްމުންގެ ފަރާތުން ކަބޮޑުވުން ފާޅުކޮށް އެކޮމިޝަނަށް ޕެޓިޝަނެއް ހުށައަޅާފައިވާ ދަނޑިވަޅެއްގައެވެ.

މިމައްސަލައާއި ގުޅިގެން އެޗްއާރްސީއެމުން ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ އުމުރުން 6 އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިމަކުގެ ތުހުމަތުގައި އުމުރުން 59 އަހަރުގެ އަންހެނަކު ޙައްޔަރުކޮށް އެމައްސަލަ ކަމާބެހޭ އިދާރާތަކުން ބަލަމުންދާކަން އެޗްއާރްސީއެމްގެ ސަމާލުކަމަށް އައުމާއި ގުޅިގެން މައްސަލަ ބަލަމުންދާ ގޮތާއި އެކުއްޖާއާއި މައްސަލައިގައި ޝާމިލުވާ އަންހެން މީހާގެ ޙާލުވެސް ކައިރިން ބަލަމުން އަންނަކަމަށެވެ.

މިމައްސަލައިގައި ފުލުހުންނާއި ޖެންޑަރ މިނިސްޓްރީން ޢަމަލުކުރަމުންދާ ގޮތް ބަލަމުންދާކަން ފާހަގަކުރައްވާ އެޗްއާރްސީއެމުން ވިދާޅުވީ އެޗްއާރްސީއެމްގެ ޓީމަކުން މިމައްސަލައިގައި ހައްޔަރުކޮށްފައިވާ އަންހެން މީހާއާއި ބައްދަލުކޮށް އޭނާގެ ޙާލު ބަލާފައިވާކަމަށެވެ. ހަމައެއާއެކު މިމައްސަލައިގައި ޝާމިލުވާ އަންހެން މީހާ ބަލަހައްޓަމުން ގެންދިޔަ ސްކޫލަށް ދާ ޢުމުރުފުރައިގެ އޭނާއަށް މާމަ ކިޔާ 3 ކުދިން ދިރިއުޅޭމުންދާ މާހައުލަށް ޒިޔާރަތްކޮށް އެކުދިންގެ ޙާލަތުވެސް ކޮމިޝަނުން ބަލާފައިވާކަމަށް އެޗްއާރްސީއެމުން ވިދާޅުވެއެވެ.

އެޗްއާރްސީއެމުން ވިދާޅުވީ މިމައްސަލައިގައި ހައްޔަރުކޮށްފައިވާ އަންހެން މީހާގެ ފަރާތުން ހުށައަޅާފައިވާ އިތުރު މައްސަލައެއްވެސް ކޮމިޝަނުން ބަލަމުންދާކަމަށެވެ. އެހެންނަމަވެސް އެމައްސަލައާއި ގުޅޭ ތަފްސީލެއް ކޮމިޝަނުން ހާމައެއް ނުކުރައްވައެވެ. މިމައްސަލައިގައި ގުޅުންހުރި ހުރިހާ ފަރާތެއްގެ ޙައްގުތައް ކަށަވަރުކުރުމަށް ކޮމިޝަންގެ އިޙްތިޞާސްގެ ތެރެއަށް ފެތޭކަންކަން ބަލަމުންދާނެކަމުގެ ޔަގީންކަން ކޮމިޝަނުންވަނީ ދިވެހި ރައްޔިތުންނަށް ދެއްވާފައެވެ.

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި މި އަންހެން މީހާ ހައްޔަރުކޮށްފައިވަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހުއެވެ. އޭނާގެ މައްސަލަ ތަޙުގީގު ނިމެންދެން ބަންދުކުރުމަށް ކޯޓުން ނިންމާފައިވާއިރު ދެފަހަރެއްގެމަތިން މުއްދަތުވެސް ވަނީ އިތުރުކޮށްފައެވެ. އަދި އޭނާގެ ބަންދަށް ހައިކޯޓުންވެސް ވަނީ ތާއީދުކޮށްފައެވެ.