ޚަބަރު

ހިޔާގެ އާބާދީ 22000 މައްޗަށް


ސަރުކާރުން ހިންގި ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ ތެރެއިން ހިޔާ މަޝްރޫއުގެ ފްލެޓްތަކުގައި ދިރިއުޅެމުން އަންނަ އާބާދީ 22000 މައްޗަށް އަރާފައިވާކަމަށް ހުޅުމާލޭ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ހިސާބުތަކުން ދައްކައިފިއެވެ. ހިޔާ ސަރަހައްދުގެ ހުރިހާ ފްލެޓެއްގައި މީހުން ދިރިއުޅެން ފެށުމުން ގާތްގަނޑަކަށް 35000 މީހުންގެ އާބާދީއެއް އޮންނާނެކަމަށް ވަނީ އަންދާޒާކޮށްފައެވެ.

ހިޔާގައި ދިރިއުޅޭ ފަރާތްތަކަށް ކުރިމަތިވާ ދަތިތަކާއި ފްލެޓުގެ މަސައްކަތް ނުނިމި ލަސްވާ ސަބަބުތައް ދެނެގަތުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ކުރިއަށްގެންދިޔަ ސަރވޭއިން ދައްކާގޮތުގައި ހިޔާގެ 4561 ޔުނިޓުގައި މިވަގުތު މީހުން އަންނަނީ ދިރިއުޅެމުންނެވެ. އެވްރެޖްކޮށް ކޮންމެ ފްލެޓެއްގައި 5 މީހުން ދިރިއުޅެމުން އަންނައިރު ހިޔާގެ ޖުމްލަ އާބާދީ މިހާރުވަނީ 22800އަށް އަރާފައެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ ސުހެއިލް އަޙްމަދު ވިދާޅުވީ ފްލެޓަށް ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން 6399 ފަރާތަކުން އެޗްޑީސީއާއެކު ސޮއިކޮށްފައިވާކަމަށެވެ. އެހެންނަމަވެސް މީގެތެރެއިން ބައެއް ފްލެޓުތަކުގެ މަސައްކަތް އަދި ނުނިމޭކަމަށް ސުހެއިލް ވިދާޅުވިއެވެ.


"ސަރވޭގައި އަޅުގަނޑުމެން ބަލާފައިވާނެ ފްލެޓުތަކުގައި ދިރިއުޅޭ ފަރާތްތަކަށް މިހާރު ދިމާވަމުންދާ ދަތިތައް. އަދި ފްލެޓުގެ މަސައްކަތް ނުނިމި ލަސްވާ ސަބަބުތައްވެސް މިހާރު ދެނެގަނެވިއްޖެ. ހިޔާއާއި ގުޅޭގޮތުން ގޮތް ނިންމާނީ މި ސަރވޭ ރިޕޯޓުގެ އަލީގައި." ސުހެއިލް ވިދާޅުވިއެވެ.

ހިޔާގެ ފްލެޓު ނުނިމި ލަސްވާ ސަބަބުތަކާއި ހިޔާގެ ފްލެޓުވެރިންނަށް ދިމާވާ ދަތިތައް ދެނެގަތުމަށް އެޗްޑީސީން ސަރވޭއެއް ކުރިއަށްގެންގޮސްފައިވަނީ މިދިޔަ މަހުގެ ތެރޭގައެވެ. މިސަރވޭއިން ފްލެޓުވެރިންނާއި ގުޅޭ މުހިއްމު މަޢުލޫމާތުތައް ދެނެގަނެވިފައިވާއިރު ޚިދުމަތްތައް ރަނގަޅުކުރުމުގައި މިމަޢުލޫމާތުގެ ބޭނުންކުރާނެކަމަށް އެޗްޑީސީން ވިދާޅުވެއެވެ.

ހިޔާގައި ދިރިއުޅޭ ފަރާތްތަކަށް ބޭނުންވާ ޚިދުމަތްތައް ޤާއިމުކުރުމަށް އެޗްޑީސީން އަންނަނީ މަސައްކަތް ކުރަމުންނެވެ. މިގޮތުން ފްލެޓު ސަރަޙައްދުގައި ޤާއިމުކުރާ ޕާކުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. މީގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނައިރު އެމަސައްކަތް ކުރާނީ ހިޔާގައި ދިރިއުޅޭ މީހުންގެ ޚިޔާލު ހޯދައިގެންކަމަށް އެޗްޑީސީން ވިދާޅުވެއެވެ.