މިއަހަރުގެ އޯލެވެލް އިމްތިނާނު 5000 އަށްވުރެ ގިނަ ދަރިވަރުންނާއެކު ބޭއްވުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ތައްޔާރުވެއްޖެއެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިހާރު އަންނަނީ އިމްތިޙާނު ހަދާ ސެންޓަރުތަކަށް އިމްތިހާނު ކަރުދާސްތައް ފޮނުވުމުގެ މަސައްކަތް ކުރަމުންނެވެ.
ކޯވިޑް-19ގެ ތެރޭގައި ގިނަބައެއްގެ އެދުމުގެ މަތިން ރާއްޖޭގެ ދިރާސީ އަހަރު، އަހަރުގެ މެދުތެރެއަށް ބަދަލުކޮށް ކިޔަވައިދޭތާ މިވަނީ ދެއަހަރުވެފައެވެ. މިގޮތުން މިފަދައިން ކިޔަވައިދޭ ދެވަނަ އަހަރުގެ އޯލެވެލް އިމްތިޙާނަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ދަނީ ތައްޔާރުވަމުންނެެވެ.
އޯލެވެލް އިމްތިހާނު ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަނީ އަންނަ މޭއިމަހުގެ 4 ވަނަ ދުވަހުން ޖޫން މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށެވެ.
މިއަހަރުގެ އިމްތިހާނުގައި ރާއްޖޭގެ 239 ސެންޓަރަކާއި ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސްގެ ބެލުމުގެ ދަށުން ސްރީލަންކާގައި ހުންނަ މޯލްޑިވްސް ކަލްޗަރަލް ސެންޓަރުގައާއި އަދި މެލޭޝިޔާގައި ހުންނަ މޯލްޑިވްސް ސެންޓަރުގައި އޯލެވެލް އިމްތިޙާނު ކުރިއަށްދާނެކަމަށް އެޑިއުކޭޝަނުން ވިދާޅުވެއެވެ. މިގޮތުން މިއަހަރުގެ އިމްތިޙާނުގައި ޖުމްލަ 5939 ދަރިވަރުން އިމްތިޙާނު ހެދުމަށް ހަމަޖެހިފައިވާކަމަށް އެޑިއުކޭޝަނުން ވިދާޅުވެއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ވަނީ މިމަހުގެ 20 ވަނަ ދުވަހުން ފެށިގެން އިމްތިޙާނު ހަދާ ސެންޓަރުތަކަށް ޕޭޕަރުތައް ފޮނުވުމުގެ މަސައްކަތް ފަށާފައެވެ. މިމަސައްކަތް މިމަހުގެ 29 ވަަނަ ދުވަހުގެ ނިޔަލަށް ނިންމާލެވޭނެކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.
އޯލެވެލް އިމްތިހާނުގެ އާޓް އެންޑް ޑިޒައިން ޕޭޕަރު ދަރިވަރުންވަނީ މިއޭޕްރީލް މަހުގެ 13 އަދި 14 ވަނަ ދުވަހު ހަދާފައިކަމަށް އެޑިއުކޭޝަނުން ވިދާޅުވެއެވެ. އެގޮތުން މިދެދުވަސްމަތިން ރާއްޖޭގެ އެކި ސެންޓަރުތަކުން 181 ދަރިވަރަކުވަނީ އިމްތިޙާނު ހަދާފައެވެ.
ކޯވިޑްއާއި ގުޅިގެން މިވޭތުވެދިޔަ ދެއަހަރު ތެރޭގައި ބައެއް އިމްތިޙާނުތައްވަނީ ފަސްކޮށްފައެވެ. އަދި އިމްތިޙާނުތައް ބޭއްވިއިރު ބާއްވާފައިވަނީ ކޯވިޑްގެ ޙާލަތާއި ގުޅޭގޮތަށް ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކުގައެވެ. މިގޮތުން މިއަހަރުވެސް އިމްތިޙާނު ދުވަސްވަރު ކޯވިޑަށް ޕޮޒިޓިވްވާ ދަރިވަރުންނަށް ޚާއްސަ އިމްތިޔާޒުތަކެއްގެ ތެރެއިން އިމްތިޙާނުގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނެކަމަށް އެޑިއުކޭޝަނުން ވިދާޅުވެއެވެ.
2021 ވަނަ އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ނިންމާލުމަށް ތަޢުލީމީ ދާއިރާއިން ތައްޔާރުވަމުން އަންނައިރު މިއަހަރުގެ ކިޔެވުންފަށާފައި ވަނީ މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ 10 އެއްގައެވެ.