މުރަކަ ބިސް ބޭނުންކޮށްގެން ރާއްޖޭގެ ފަރުތައް އިއާދަކުރުމަށް ބޭނުންވާ މަޢުލޫމާތާއި ތަމްރީނު ދިނުމުގެ މަސައްކަތުގެ ބައްދަލުވުމެއް އ.ދ އޮމަދޫގައި ބާއްވައިފިއެވެ.
މި މަސައްކަތު ބައްދަލުވުމުގައި 13 ފަރާތަކުން ވަނީ ބައިވެރިވެފައެވެ. މީގެ ތެރޭގައި ރާއްޖޭގެ މެރިން ރިސާޗް އިންސްޓިޓިއުޓުގެ މުވައްޒަފުންނާއި، ތިމާވެށި ހިމާޔަތް ކުރުމުގައި މަސައްކަތުގައި ހަރަކާތްތެރިވާ ބައެއް ޖަމިއްޔާތަކުންނާއި އަދި އޮމަދޫ ރައްޔިތުން ވަނީ ބައިވެރިވެފައެވެ. މިމަސައްކަތު ބައްދަލުވުމުގައި، މުރަކައިގެ ބިސް ބޭނުންކޮށްގެން ފަރުތައް އިއާދަ ކުރުމާއި ގުޅޭ ފަންނީ މަޢުލޫމާތުގެ އިތުރުން، މިކަމުގެ ޢަމަލީ މަސައްކަތް ކުރާނެ ގޮތް ބައިވެރިންނަށް ކިޔައިދީފައިވެއެވެ.
ގާތްގަނޑަކަށް ދެ ހަފްތާ ދުވަހަށް ކުރިއަށް ގެންދިޔަ މިމަސައްކަތު ބައްދަލުމުގައި ބައިވެރިންނަށް މަޢުލޫމާތާއި ތަމްރީނު ދީފައިވަނީ، އޮސްޓްރޭލިއާގެ ކޮމަންވެލްތު ސައިންޓިފިކް އެންޑް އިންޑަސްޓްރިއަލް ރިސާޗް އޯގަނައިޒޭޝަން (ސީ.އެސް.އައި.އާރް.އޯ)ގެ ސައިންސްވެރިންނެވެ. މިމަސައްކަތު ބައްދަލުވުމަކީ މެރިން ރިސާޗް އިންސްޓިޓިއުޓް އާއި ސީ.އެސް.އައި.އާރް.އޯ ގުޅިގެން ކުރިއަށް ގެންދިޔަ މަސައްކަތު ބައްދަލުވުމެކެވެ.
މެރިން ރިސާޗް އިންސްޓިޓިއުޓުން ވިދާޅުވީ މިއީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ގަލާއި މުރަކައިގެ ބާވަތްތައް އުފައްދައި، ފަރުތައް އިއާދަ ކުރުމުގައި ބޭނުން ކުރެވޭނެ ތަފާތުގޮތްތައް ތަޖުރިބާ ކުރުމުގެ ގޮތުން، ސީ.އެސް.އައި.އާރް.އޯއާއި ގުޅިގެން ހިންގާ ޕްރޮގްރާމެއްގެ ތެރެއިން ކުރިއަށް ގެންދިޔަ މަސައްކަތު ބައްދަލުވުމެއް ކަމަށެވެ. އަދި މިއީ ރާއްޖޭގައި މިކަމުގެ ޤާބިލިއްޔަތުކަން އިތުރުކުރުމަށް ހިންގާ ސިލްސިލާ ޕްރޮގްރާމުގެ ތެރެއިން 3 ވަނަ މަސައްކަތު ބައްދަލުވުން ކަމަށް މެރިން ރިސާޗް އިންސްޓިޓިއުޓުން ވިދާޅުވެއެވެ.
މެރިން ރިސާޗް އިންސްޓިޓިއުޓުން ވިދާޅުވީ، މިހާރު ރާއްޖޭގައި ގަލާއި މުރަކަތައް އިއާދަކުރެވެނީ ފްރޭމްތަކުގައި ހަރުކޮށް އެތަކެތި ބޮޑު ކޮށްގެން ކަމަށެވެ. ނަމަވެސް ބައިނަލްއަޤްވާމީ ފެންވަރުގައި ކުރެވޭ މިފަދަ މަސައްކަތްތަކުގައި ބައިވެރިވެ މުޅި ރާއްޖޭގައި ބޭނުން ކުރެވިދާނެ ފަދަ ޓެކްނޮލޮޖީތަކުގެ އަޖުމަ ބެލުމަކީ މޫސުމަށް އަންނަ ބަދަލުތަކާއެކު މުހިންމު ކަމެއް ކަމަށް އެއިންސްޓިޓިއުޓުން ފާހަގަކުރެއެވެ. އަދި މިމަސައްކަތު ބައްދަލުވުމުގައި ބައިވެރިންނަށް ދަސްކޮށްދިން މި ޓެކްނޮލޮޖީއަކީ ދުނިޔޭގެ އެކި ހިސާބުތަކުގައި ސައިންސްވެރިންގެ މަޤުބޫލުކަން ހޯދަމުން އަންނަ އުކުޅެއްކަން އެއިންސްޓިޓިއުޓުން ފާހަގަ ކުރެއެވެ.
މިމަސައްކަތު ބައްދަލުވުން ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ، މެރިން ރިސާޗް އިންސްޓިޓިއުޓުގެ ޑިރެކްޓަރ ޖެނެރަލް ޝާފިޔާ ނައީމްއެވެ. މިރަސްމިއްޔާތުގައި ޝާފިޔާ ވަނީ މިމަސައްކަތް ފުޅާކުރުމުގެ އިތުރުން ރާއްޖޭގައި މިކަމަށް ގިނަ ބަޔަކު އަހުލުވެރިކުރުވުމަށް މައްޗަށް އަލިއަޅުވާލާފައެވެ.
އޮމަދޫ ކައުންސިލުގެ އެހީތެރިކަމާއެކު އޮމަދޫގައި 13 ދުވަހުގެ މުއްދަތައް ކުރިއަށް ގެންދިޔަ މި ވޯކްޝޮޕްގެ ބައިވެރިންނަށް ވަނީ ހަނދާނީ ލިއުން ހަވާލުކޮށްފައެވެ.