ކޯވިޑާ ގުޅިގެން ކުރިމަތިވި ހީނަރުކަމުން އަރައިގަތުމަށާއި ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ޙާސިލުކުރުމުގައި ފަތުރުވެރިކަން މުހިއްމު ވަޞީލަތެއްގެ ގޮތުގައި ބޭނުންކުރުމަށް ގުޅިގެން މަސައްކަތްކުރުމަށް ރާއްޖޭގެ ނައިބު ރައީސް ފައިސަލް ނަސީމް އދ.ގެ މެމްބަރު ޤައުމުތަކުގެ ކިބައިން އެދިވަޑައިގަންނަވައިފިއެވެ. އަދި މިކަމުގައި ރާއްޖެ ޝައުގުވެރިވާކަން އެމަނިކުފާނުވަނީ ހާމަކުރައްވާފައެވެ.
ނައިބު ރައީސް މިކަމަށް އެދިވަޑައިގަތީ "ޕުޓިންގ ސަސްޓެއިނަބަލް އެންޑް ރެޒިލިއެންޓް ޓޫރިޒަމް އެޓް ދި ހާޓް އޮފް އެން އިންކްލޫސިވް ރިކަވަރީ" މަޢުޟޫއަށް އ.ދ.ގެ ޢާންމު މަޖިލީހުގައި މިއަދު ބޭއްވި މަތީ ފެންވަރުގެ ތީމެޓިކް ބަހުސްގައި ތަޤްރީރު ކުރައްވަމުންނެވެ. މި ބަހުސް އަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ ޖަމުޢިއްޔާ (ޔޫ.އެން.ޑަބްލިއު.ޓީ.އޯ) އާ ގުޅިގެން އދ.ގެ އާންމު މަޖިލީހުގެ ރައީސް ޢަބްދުالله ޝާހިދު އިންތިޒާމު ކުރެއްވި ބަހުސްއެކެވެ.
މިބަހުސްގައި ތަޤުރީރުކުރައްވަމުން ނައިބު ރައީސް ފައިސަލް ނަސީމްވަނީ ކޯވިޑުން އަރައިގަތުމަށް ރާއްޖޭގެ ސަރުކާރާއި ވިޔަފާރިވެރިން ގުޅިގެން ކުރެއްވި މަސައްކަތުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ކޯވިޑްގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށް ކުރިމަތިވި ހީނަރުކަމުން އަރައިގަތުމަށް މަގު ތަނަވަސްވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގެ ހަރުދަނާ ސިޔާސަތުތަކާއި އަމިއްލަ ވިޔަފާރިވެރިންގެ ފަރާތުން ލިބުނު އެއްބާރުލުން މުހިންމު ދައުރެއް އަދާކުރިކަމުގައި ނައިބު ރައީސްވަނީ ވިދާޅުވެފައެވެ.
ކޯވިޑް-19 ބަލިމަޑުކަމުގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާއަށް ކުރި ނޭދެވޭ އަސަރުތައް ބަޔާންކުރައްވަމުން ޤައުމުގެ ޖީ.ޑީ.ޕީ.ގެ %60 ދަށަށް ދިޔައިރު، 4.6 ބިލިއަން އެމެރިކާ ޑޮލަރަށްވުރެ ބޮޑު ގެއްލުމާ ކުރިމަތިލާން ޖެހުނުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގައި ފަތުރުވެރިކަން ޤާއިމުކުރެވިފައިވާ ގޮތަށް އަލިއަޅުވާލައްވަމުން އެއީ އަމިއްލަ ވިޔަފާރިވެރިންނާއި ސަރުކާރާ ގުޅިގެން މަސައްކަތް ކުރުމުގެ ފުރިހަމަ މިސާލެއް ކަމުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.
ރާއްޖޭގެ ބޮޑުމިނާއި އޮންނަ ސަރަޙައްދާއި އަދި ތަރައްޤީއަށް ގިނަ ގޮންޖެހުންތަކެއް ހުރި ނަމަވެސް ރާއްޖެއަށް ފަތުރުވެރިކަން ތަޢާރަފުވީ ފަހުން ފަންސާސް އަހަރު ވީއިރު،ފަތުރުވެރިކަމަކީ ރާއްޖޭގެ ޖީ.ޑީ.ޕީގެ 45 އިންސައްތަ ޙިއްޞާކުރާ އަދި ރާއްޖޭގެ އިޤްތިޞާދު ކުރިއަރަމުން އައުމުގެ މައިގަނޑު ބާރަކަށް ވެގެންގޮސްފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ކޯވިޑު-19ގެ ބަލިމަޑުކަމުގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދުކުރަން މަޖުބޫރުވިކަން ފާހަގަކުރައްވާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އޭގެ ފަހުން ބޯޑަރު އަލުން ކާމިޔާބުކަމާއެކު ހުޅުވާލެވި ދުނިޔޭގެ އެކި ކަންކޮޅުތަކުން އަންނަ ފަތުރުވެރިންނަށް ރާއްޖެއަށް ޒިޔާރަތްކުރުމަށް ފުރުޞަތު ލިބި، ރާއްޖޭގެ އިޤްތިޞާދު ރަނގަޅުވުމުގެ މަގުމަތީގައިވާކަން ފާހަގަކުރައްވާފައެވެ. އަދި 2021 ވަނަ އަހަރު އަމާޒުހިފި އެއް މިލިއަން ފަތުރުވެރިންގެ އަމާޒަށް ވުރެ 30 އިންސައްތަ އިތުރަށް ހާޞިލުކުރެވިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އަދި ފަތުރުވެރިކަމުގެ ސިނާޢަތް އިތުރަށް ހަރުދަނާކުރުމަށް މިނިމަމް ވޭޖް ކަނޑައެޅުމުގެ ޤާނޫނެއް ވުޖޫދަށް ގެނެސް، ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ 13،000 އަށްވުރެ ގިނަ މުވައްޒަފުންނަށް އޭގެ ފައިދާ ލިބިދީފައިވާކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާގެ މުވައްޒަފުންނަށް އޭގެ ފައިދާ ލިބޭގޮތަށް ޓޫރިޒަމް ސިނާޢަތުގެ ސަރވިސް ޗާޖްގެ ގޮތުގައި 10 އިންސައްތަ ނަގަންޖެހޭގޮތަށް ޤާނޫނެއް ވުޖޫދަށް ގެނެސްފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ރާއްޖޭގެ ޘަޤާފަތާއި ތަރިކަ އާއި، ޖަޒީރާ ވަންތަ ދިރިއުޅުމުގެ ވައްޓަފާޅި ތަޖުރިބާކުރުމުގެ ފުރުޞަތު ފަތުރުވެރިންނަށް ތަނަވަސްވާނެހެން ފަތުރުވެރިކަން ރަށްތަކަށް ފުޅާކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކާއި ޚާއްޞަކޮށް މި ސިނާޢަތުގައި އަންހެނުންނާއި މުޖުތަމަޢުގެ ބައިވެރިވުން އިތުރުކުރަން ކުރަމުން އަންނަ ކަންކަމަށް އެމަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުވާލެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވާހަކަފުޅުގައި، ރާއްޖޭގެ ފަތުރުވެރިކަމުގެ މާސްޓަރ ޕްލޭނަކީ، ތިމާވެށި ޙިމާޔަތްކުރުމާއި، ދެމެހެއްޓެނިވި ގޮތެއްގައި ފަތުރުވެރިކަން ކުރިއެރުވުމަށް ސަރުކާރުންދޭ އަހަންމިއްޔަތު ފެނިގެންދާނެ ޕްލޭނެއްކަން ފާހަގަކުރެއްވިއެވެ.