މުނިފޫހިފިލުވުން

"ސެވަންޓީން" ގެ އާ އަލްބަމަށް ބޮޑު ތަރުހީބެއް


ދެކުނު ކޮރެއާގެ މަޝްހޫރު ބޭންޑް "ސެވަންޓީން" ގެ އާ އަލްބަމް "ފޭސް ދަ ސަން" އަށް ބޮޑު ތަރުހީބެއް ލިބެމުން އެބަދެއެވެ.
އަދި ރިލީޒްވެސް ނުކުރާ މި އަލްބަމަށް އެއް ހަފްތާ ތެރޭގައި 1.74 މިލިއަން ޕްރީ އޯޑާ ކޮޕީ މިހާރު ވަނީ ވިކިފައެވެ. މި އަލްބަމް ރިލީޒްކުރަން ހަމަޖެހިފައިވަނީ މި މަހުގެ 27 ވަނަ ދުވަހުއެވެ.

މިއާއިއެކު ބޭންޑުން އެންމެ ފަހުން މިދިޔަ އަހަރު އޮކްޓޫބަރު މަހު ރިލީޒްކުރި "އަޓާކާ" ވެސް މި ވަނީ ފަހަތަށް ޖައްސާލާފައެވެ. މި އަލްބަމުގެ ޕްރީއޯޑާގެ ގޮތުގައި ވިކިފައިވަނީ 1.41 މިލިއަން ކޮޕީއެވެ. އަދި "ފޭސް ދަ ސަން" ވެގެން ދާނީ މިލިއަނުން ވިކުނު ބޭންޑުގެ 6 ވަނަ އަލަބަމަށެވެ.

މީގެކުރިން ބޭންޑުން ނެރުނު މިލިއަނުން ވިކިފައިވާ އަލްބަމް ތަކަކީ 2019 ވަނަ އަހަރު ނެރުނު "އޭން އޮޑް" ، 2020 ވަނަ އަހަރު ނެރުނު "ހެންގް:ގަރާރޭ" ހަމަ އެ އަހަރު ނެރުނު "ސެމީކޮލޯން" 2021 ވަނަ އަހަރު ނެރުނު "ޔުއާ ވޮއިސް" އަދި ހަމަ އެ އަހަރު ނެރުނު "އަޓާކާ" އެވެ.

13 މެމްބަރުންގެ މައްޗަށް އެކުލެވިގެންވާ މި ބޭންޑު މިހާރު ތައްޔާރުވަމުންދަނީ ޖަޕާނުގައި ބާއްވާ ފޭންމީޓިންގް ހަނާބީ ކޮންސެޓަށެވެ. މި ކޮންސެޓް އޮންނާނީ މި މަހުގެ 7 ވަނަ ދުވަހާއި 8 ވަނަ ދުވަހު ޖަޕާނުގެ ސައިތަމާ ސުޕާ އެރީނާގައެވެ. ކޮންސެޓަށް ގާތްގަޑަކަށް 60000 ފޭނުން ދާނެކަމަށް ބެލެވެއެވެ.

ދެކުނު ކޮރެއާގެ މި ބޭންޑް ވުޖޫދަށް އައީ 2015 ވަނަ އަހަރު މެއި މަހުގެ 26 ވަނަ ދުވަހުއެވެ.