މާލޭގައި އަވިން ޙަކަތަ އުފެއްދުމުގެ ދެ މަޝްރޫއެއް ފެށުމަށް ސްޓެލްކޯއިން ތައްޔާރުވެއްޖެއެވެ. މިދެ މަސައްކަތް މިއަހަރުގެ ތެރޭގައި ފަށާނެކަމަށް ސްޓެލްކޯއިން ވިދާޅުވެއެވެ.
ރާއްޖޭގައި ބޭނުންކުރާ ޙަކަތަ އިޔާދަކުރަނިވި ޙަކަތައަށް ބަދަލުކުރުމަކީ ސަރުކާރުގެ މުހިއްމު އަމާޒެކެވެ. މިއަމާޒަށް ވާސިލުވުމަށް އެންމެ ބޮޑު މަސައްކަތެއްކުރާ އެއް ކުންފުންޏަކީ ސަރުކާރުގެ ހަކަތައިގެ މައި ކުންފުނި ސްޓެލްކޯއެވެ. މިހާރުވެސް ސްޓެލްކޯއިން އަންނަނީ އިޔާދަކުރަނިވި ހަކަތައަށް މިދާއިރާ ބަދަލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ސްޓެލްކޯއިން ރާއްޖޭގައި ޚިދުމަތް ދެމުން އަންނަ ގިނަ ރަށްރަށުގައި ހަކަތަ އުފެއްދުމަށް މިހާރުވެސް އިޔާދަކުރަނިވި ހަކަތަ އަންނަނީ ބޭނުންކުރަމުންނެވެ.
ރާއްޖޭގެ ޙަކަތައިގެ ސިނާޢަތާއި ގުޅޭގޮތުން ރާއްޖޭގެ މީޑިއާއަކާއި ވާހަކަ ދައްކަވަމުން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަރީފު ވިދާޅުވީ މާލޭގައި އިޔާދަކުރަނިވި ހަކަތަ އުފެއްދުމަށްޓަކާ ގޭބިސީތަކުގެ ފުރާޅުތައް ކުއްޔަށް ނެގުމަށް ވިސްނާފައިވާކަމަށެވެ. އަދި މިގޮތަށް ކުއްޔަށް ދޫކުރާ ގޭބިސީތަކުގެ ފުރާޅުތަކުގައި ސޯލާ ޕެނަލް ހަރުކޮށް ޙަކަތަ އުފެއްދުމަށް ހަމަޖެހިފައިވާކަމަށް ޝަރީފް ވިދާޅުވިއެވެ. މިމަސައްކަތް މިއަހަރުގެ ތެރޭގައި ޢަމަލީ ގޮތުން ފަށައިގަނެވޭނެކަމަށް ޝަރީފްވަނީ ވިދާޅުވެފައެވެ. މިހާރު ޕްލޭންކޮށްފައިވަނީ ސޯލާ ހަރުކޮށްފައި ހުންނަ ގޭބިސީތަކުގެ ކަރަންޓު ބިލުން ސޯލާ ޕެނަލްގެ ކުލި އުނިކުރާގޮތަށްކަމަށްވެސް ޝަރީފްވަނީ ވިދާޅުވެފައެވެ.
ސްޓެލްކޯއިން މާލޭގައި ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ ހަކަތައިގެ އަނެއް މަޝްރޫޢަކީ މާލޭގެ ކަރަންޓު ކެޕޭސިޓީއަށް އިތުރު 2 މެގަވޮޓް އިތުރު ކުރުމުގެ މަސައްކަތެވެ. ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ވިދާޅުވީ މިމަސަައްކަތް ކުރާނީ އިޔާދަކުރަނިވި ހަކަތައިގެ މޮޑެލްއަށް ސޯލާ ޕެނަލް ހަރުކޮށްގެންކަމަށެވެ. ޝަރީފް ވިދާޅުވީ މިމަޝްރޫޢަށް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގެ ހުއްދަ ލިބިފައިވާކަމަށެވެ. އަދި މިހާރު ސިޓީ ކައުންސިލާއި ގުޅިގެން ބިމެއް ހަމަޖެއްސުމުގެ މަރުޙަލާއަށް ގޮސްފައިވާކަމަށް ސްޓެލްކޯއިން ވިދާޅުވެއެވެ.
ރާއްޖޭގެ ބަޖެޓުން ބޮޑު ހޭދައެއްކުރާ އެއް ދާއިރާއަކީ ހަކަތައިގެ ދާއިރާއެވެ. ހަކަތަ އުފެއްދުމަށް ތެލަށް ކުރާހޭދަ ކުޑަކޮށް އޭގެ ސަބަބުން ތިމާވެއްޓަށް ލިބޭ ގެއްލުން އެއްކޮށް ހުއްޓާލުމަށް ސަރުކާރުންވަނީ އަމާޒު ހިފާފައެވެ. މިއަމާޒަށް ވާސިލުވުމަށް ރާއްޖޭގައި ޔޫޓިލިޓީ ޚިދުމަތް ދެމުން އަންނަ މައި ދެކުންފުނިކަމަށްވާ ސްޓެލްކޯއާއި ފެނަކައިން އަންނަނީ މަސައްކަތްކުރަމުންނެވެ.