ޚަބަރު

ނަރސިންގކޯހަށް ބާރު ބޮޑުވިޔަސް ވަޒީފާއިން ވަކިވާން އެދޭ ނަރުހުން އިތުރުވަނީ


ނަރުހުންނަކީ ސިއްޙީ ދާއިރާގެ މައިބަދައެވެ. ސިއްޙީ ނިޒާމުގެ ހަރުދަނާކަން ބިނާވާނީ ނަރުހުންގެ ހުރި ހަރުދަނާކަމެއްގެ މައްޗަށްކަން މިވޭތުވެދިޔަ 2 އަހަރުތެރޭގައިވަނީ ފެނިގެންގޮސްފައެވެ.

އިންޓަރނޭޝަނަލް ކައުންސިލް އޮފް ނަރސެސްއިން ވިދާޅުވާގޮތުގައި ކޯވިޑް-19ގެ ސަބަބުން މުޅި ދުނިޔޭގެ ސިއްޙީ ނިޒާމު އަރިއަޅާލުމުގެ މައިގަނޑު ސަބަބަކީ އެފަދަ ޕެންޑަމިކަކަށް ޓްރެއިނިންގއާއެކު ކުރިމަތިލާނެ ނަރުހުންގެ ވޯކްފޯހެއް ނެތުމެވެ. ނަތީޖާއެއްގެ ގޮތުން ބަލި ކޮންޓްރޯލްކުރުމަށް ސިއްޙީ ނިޒާމު ތެދުވީ ނަރުހުންގެ ފުރިހަމަ ކެޕޭސިޓީ ނެތިއެވެ. އެހެންކަމުން ނަރުހުންގެ ދުވަހުގެ މިއަހަރު ޝިޢާރު ބިނާކޮށްފައިވަނީ ނަރުހުން ތަމްރީންކޮށް ނަރުހުން ކުރިއެރުވުމަށް ސަރުކާރުތަކުން ކުރާ ހޭދަ އިތުރުކުރުމަށް ބާރުއަޅާފައެވެ.

ރާއްޖޭގައިވެސް ނަރުހުންގެ ގިނަ ކަންބޮޑުވުންތަކެއް އެބަހުއްޓެވެ. ޕީއެސްއެމްނިއުސްއަށް މަޢުލޫމާތު ދެއްވި ބައެއް ނަރުހުން ފާހަގަކުރައްވާގޮތުގައި މިދާއިރާގެ އެންމެބޮޑު އެއް ކަންބޮޑުވުމަކީ ކުރިއަށް ދިޔުމުގެ ފުރުސަތުތައް ހަނިވުމެވެ. ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގައި ޑޮކްޓަރުން ސްޕެޝަލައިޒްވާހެން ނަރުހުންވެސް ސްޕެޝަލައިޒްވާންޖެހެއެވެ. ނަތީޖާއެއްގެ ގޮތުން ސަރޖަރީތަކާއި އެހެނިހެން ޕްރޮސީޖަރތަކާއި ޚާއްސަ ބަލިތަކަށް ފަރުވާ ދޭ ނަރުހުންގެ ފެންވަރު މަތިވުމުގެ ސަބަބުން ފޯރުކޮށްދެވޭ ޚިދުމަތުގެ ފެންވަރުވެސް މަތިވެއެވެ. އެހެންނަމަވެސް ރާއްޖޭގައި ޢާއްމުކޮށްތިބެނީ ޖެނެރަލް ނަރުހުންނެވެ.

ރާއްޖޭގެ ސިއްޙީ ދާއިރާއަށް އެންމެބޮޑު ގޮންޖެހުމަކީ ސިއްޙީ ޚިދުމަތް މާލެ ސަރަޙައްދާއި އަތޮޅުތެރޭގައި އެއްހަމައެއްގައި ހިފެހެއްޓުމުގައި ކުރިމަތިވެފައިވާ ގޮންޖެހުމެވެ. މިމައްސަލަ ނަރުހުންނަށްވެސް ކުރިމަތިވެއެވެ. އަތޮޅުތެރެއަށް ސަރުކަރުން ކިތަންމެ މޮޅު ވަޞީލަތްތައް ޤާއިމުކޮށްދިންނަމަވެސް އެތަކެތީގެ ބޭނުންކުރަން ދަންނަ ނަރުހުން ނުއުފެއްދޭކަމުގެ ކަންބޮޑުވުން ނަރުހުންވަނީ ފާޅުކުރައްވާފައެވެ.

ސިއްޙީ ދާއިރާގައި މަސައްކަތްކުރައްވާ ފަރާތްތަކުގެ މުސާރައަށް ހެޔޮ ބަދަލެއް އަންނާނެކަމަށް ސަރުކާރުންވަނީ ވިދާޅުވެފައެވެ. މިކަމާ ގުޅޭގޮތުން ނަރުހުންގެ ޚިޔާލެއްވެސް އެބައޮތެވެ. ޕީއެސްއެމްއާއި ވާހަކަދެއްކި ނަރުހުން ވިދާޅުވާ ގޮތުގައި މައްސަލައަކީ މުސާރައެއް ނޫނެވެ. އޮނިގަނޑު ހަރުދަނާވެ ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް ނަރުހުންނަށް ދޭފަދަ ޢިނާޔަތްތަކެއް ހަމަޖެއްސުމުން ވަރަށްބޮޑު ބަދަލެއް ދާއިރާގެ ކުރިއެރުމަށް އަންނާނެކަމަށް ނަރުހުން ދެކެއެވެ. އެގޮތުން މާލެ ސަރަޙައްދުގައި ބޮޑު ކުލީގައި ދިރިއުޅެމުންދާއިރު "ލިވިންގ އެލަވަންސް" ފަދަ އެލަވަންސްތަކެއް ހަޖެހުމަކީ މިދާއިރާގައި މީހުން ހަރުލެއްވުމަށްވެސް ކުރެވޭނެ މުހިއްމުކަމެއްކަމަށް ނަރުހުން ވިދާޅުވެއެވެ.

ސިއްޙީ ދާއިރާއަށް އަދި އެނޫންދާއިރާތަކާ އަޅާބަލާއިރުވެސް އެންމެ ގިނައިން ރާއްޖޭގައި ތަމްރީނުވާ އެއްދާއިރާއަކީ ނަރުހުންކަން ތަފާސްހިސާބުތަކުން ދައްކައެވެ. އެހެންނަމަވެސް އެކަސީގެންވާ ޢަދަދާއި ގާތަށްވެސް ނަރުހުން ވަޒީފާގައި ނެތެވެ. އައިޖީއެމްއެޗުގައި މަސައްކަތްކުރައްވާ ސީނިއާ ނަރުހަކު ވިދާޅުވޮ ގޮތުގައި ދުވާލެއްގެ މައްޗަށް އެކަކު ނުވަތަ ދެނަރުހުން ވަޒީފާއިން ކެނޑުމަށް އެދެއެވެ. މިގޮތަށް ދިމާވާ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ކުރިއެރުމުގެ ފުރުސަތު ނެތުމާއި ލިބޭ އެއްޗަކުން ދެކޮޅު ނުޖެހުން އޭނާ ފާހަގަކުރެއްވިއެވެ. ނަތީޖާއެއްގެ ގޮތުން ޚިދުމަތުގައި ތިބި މަދު ނަރުހުންނަށް އޮންނަ ޕްރެޝަރާއި ލޯޑު ބޮޑުވެއެވެ. އޭގެ ސަބަބުންވެސް ކުދިން ވަޒީފާ މަތިން ފޫހިވާކަމަށް އޭނާ ވިދާޅުވިއެވެ.

ނަރުހުންގެ ދާއިރާގައި ގިނަ ކަންބޮޑުވުންތަކެއް އެބަހުއްޓެވެ. ނަރުހުންގެ އަނެއް މައްސަލައަކީ މިހުރިހާ ކަންބޮޑުވުން ހިއްސާކުރުމަށް އުސޫލު ކަނޑައަޅާ ލެވެލްގައި ނަރުހުންގެ ދައުރު ނެތުމެވެ. ނަރުހުންގެ ބަހެއް އެލެވެލްގައި ނެތުމުގެ ސަބަބުން ނަރުހުންގެ ކަންބޮޑުވުން އެންމެ އެދެވޭ ގޮތުގައި ސަރުކާރާ ހަމައަށް ފޯރުކޮށް ނުދެވޭކަމުގެ ޝަކުވާ ނަރުހުންގެ އެބައޮތެވެ.

ނަރުހުންގެ ދުވަސް ފާހަގަކުރުމަށް މިއަހަރު އެންމެގިނަ ޙަރަކާތްތަކެއް ހިންގުމަށް ނިންމާފައިވަނީ އައިޖީއެމްއެޗުގައެވެ. އެހޮސްޕިޓަލުންވަނީ ދުވަހުގެ ޝިޢާރާ ގުޅުވާ ނަރުހުން ތަމްރީނުކުރުމަށް ބާރުއެޅުމުގެ ގޮތުން ޓްރެއިނިންގ ޙަރަކާތްތައް މުޅި އަހަރަށް ބަހާލައިގެން ހިނގުމަށް ރާވާފައެވެ. އެގޮތުން ސައިންޓިފިކް ސިމްޕޯޒިއަމްއާއި ކްރިޓިކަލް ކެެއަރވޯކްޝޮޕްތައްވަނީ އިންތިޒާމުކޮށްފައެވެ. އަދި ދުވަހާ ގުޅިގެން ނަރުހުން ވޭތުވެދިޔަ ދެއަހަރު ކޮށްދިން ޚިދުމަތުގެ އަގުވަޒަން ކުރުމަށްޓަކާ ޚާއްސަ ޑިނާ ނައިޓެއް ހެންވޭރު ދަނޑުގައި ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެވަޑައިގަންނަވާ މިޙަރަކާތުގައި ނަރުހުންގެ ގޮތުގައި 40 އަހަރު ޚިދުމަތްކުރެއްވި ބޭފުޅުންގެ އަގު ވަޒަންކުރުމަށްވަނީ ހަމަޖެހިފައެވެ. އަދި ސިއްޙީ ނިޒާމުގައި ނަރުހުންގެ ދައުރު ދައްކުވައިދޭ ނަރުހުންގެ އެހާރާއި މިހާރުގެ ތާރީޚީ ފޮޓޯތައް ހިމެނޭ ފޮތެއްވެސް ނެރުމަށްވަނީ ހަމަޖެހިފައެވެ.

ރާއްޖޭގައި 4000 އެއްހައި ނަރުހުން އަންނަނީ ޚިދުމަތް ކުރަމުންނެވެ. މީގެތެރެއިން 2356 ނަރުހުންނަނީ ދިވެހި ނަރުހުންނެވެ. ޢާއްމުގޮތެއްގައި ނަރުހުންގެ ގޮތުގައި އަންހެނުން ޙަރަކާތްތެރިވީނަމަވެސް މަޑުމަޑުން މިދާއިރާއަށް ނިކުންނަ ފިރިހެނުންވެސް އަންނަނީ އިތުރުވަމުންނެވެ.