ވިޔަފާރި

އެސްޓީއޯގެ ހިއްސާއަކަށް 65 ރުފިޔާ ބަހަން ކުންފުނީގެ ބޯޑުން ނިންމައިފި


އެސްޓީއޯއަށް މިދިޔަ އަހަރު ލިބުނު ފައިދާއިން ހިއްސާއަކަށް 65ރ. ބަހަން އެކުންފުނީގެ ބޯޑުން ނިންމައިފިއެވެ.

އެސްޓީއޯއިން ހިއްސާއަކަށް 65ރ. ބެހުމަށް ނިންމާފައިވާއިރު، އެކުންފުނިން މިދިޔަ އަހަރު ހިއްސާއަކަށް ބަހާފައިވަނީ 60ރ. އެވެ. މިއީ މިދިޔަ އަހަރާއި އަޅާބަލާއިރު 5ރ. އިތުރުވުމެކެވެ. އަދި 2020 ވަނަ އަހަރު ބަހާފައިވަނީ 58ރ. އެވެ.

އެސްޓީއޯގެ ބޯޑުން މިގޮތަށް ނިންމިނަމަވެސް، ހިއްސާ މިއަދަދަށް ހިއްސާ ބެހުމަށް އެކުންފުނީގެ އަހަރީ އާންމު ޖަލްސާއަށް ހުށަހަޅާނެއެވެ. އެކުންފުނީގެ އަހަރީ އާންމު ޖަލްސާ ބާއްވާނެ ތާރީޙެއް މިހާތަނަށް އެސްޓީއޯއިން ހާމަކޮށްފައިނުވެއެވެ.

އެސްޓީއޯގެ ބޯޑުން ހިއްސާދާރުންނަށް ފައިދާ ބަހާނެ ގޮތް ނިންމިއިރު، އެކުންފުނީގެ އަހަރީ ރިޕޯޓުގެ މިމަހުގެ 15 އިގެ ކުރިން ނެރޭނެ ކަމަށް އެކުންފުނިންވަނީ މީގެ ކުރީން ހާމަކޮށްފައެވެ. ރާއްޖޭގެ ހިއްސާގެ ބަޒާރުގައި ރެޖިސްޓްރީވެފައިވާ ކުންފުނިތަކުން ކޮންމެ އަހަރެއްގެވެސް މާލީ ހިސާބުތައް އެޕްރީލް މަހުގެ 30 ވަނަ ދުވަހުގެ ކުރިން ނެރެން ޖެހޭ ކަމަށް ސީއެމްޑީއޭގެ އަދި މޯލްޑިވްސް ސޮޓްކް އެކްސްޗޭންޖުގެ ޤަވާއިދު ބުނެއެވެ. ނަމަވެސް އެސްޓީއޯގެ އޮޑިޓުތައް ލަސްވެފައި ވުމާއެކު އެކުންފުނިން ވަނީ އަހަރީ ރިޕޯޓު ސީއެމްޑީއޭގެ ހުއްދައާއެކު ނެރުން މިމަހުގެ 15އާ ހަމައަށް ފަސްކޮށްފައެވެ.

އެސްޓީއޯގެ އޮޑިޓް ނުކުރާ ކުއާޓަރލީ ރިޕޯޓުތަކަށް ބަލާއިރު އެސްޓީއޯއަށް މިދިޔަ އަހަރު ޖުމްލަ އާމްދަނީގެ ގޮތުގައި 10.19 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. 2020 ވަނަ އަހަރު އެކުންފުންޏަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 8.5 ބިލިއަން ރުފިޔާއެވެ. އަދި ސާފު ފައިދާގެ ގޮތުގައި ފުރަތަމަ ކުއާޓަރގައި 109 މިލިއަން ރުފިޔާ ލިބިފައިވާއިރު ދެވަނަ ކުއާރޓާގައި 110 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މީގެ އިތުރުން 3 ވަނަ ކުއާރޓާގައި އެކުންފުންޏަށް 129 މިލިއަން ރުފިޔާ ޖެހިފައިވާއިރު ފަހު ކުއަރޓާގެ ސާފު ފައިދާގެ ގޮތުގައި ޖެހިފައިވަނީ 131 މިލިއަން ރުފިޔާއެވެ. މިއާއެކު ޖުމްލަ ސާފު ފައިދާގެ ގޮތުގައި އެކުންފުންޏަށް 479 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ކުއަރޓަލީ ރިޕޯޓުތަކުން ދައްކައެވެ.

އެސްޓީއޯއަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ގިނަ ވިޔަފާރިތަކެއް ކުރާ ކުންފުންޏެކެވެ. އެގޮތުން ތެލާއި ބޭހާއި އަދި ކޮންސްޓްރަކްޝަން ސާމާނުގެ އިތުރުން ކެއިން ބުއިމުގެ ބާވަތްތަކުގެ ވިޔަފާރިވެސް އެކުންފުނިން ކުރެއެވެ. މިއާއެކު އެކުންފުންޏަކީ އަހަރުން އަހަރަށް ފައިދާވާ ކުންފުންޏެކެވެ.