ސަތާރަ ބިލިއަން ރުފިޔާއާއެކު ރާއްޖޭގައި މިވަގުތު އޮތް އެންމެ ބޮޑު ސޭވިންގްސް މިހާރު ހުރީ ޕެންޝަން ފަންޑުގައެވެ. ރާއްޖޭގެ ޕެންޝަން އޮފީހަށް 13 އަހަރު މިއަދު ފުރިފައިވާއިރު ވޭތުވެދިޔަ 13 އަހަރު މިދާއިރާއިން ބޮޑެތި ކާމިޔާބީތަކެއް އެއޮފީހުންވަނީ ހޯދާފައެވެ.
ރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ޕެންޝަން އޮފީސް އުފައްދާފައިވަނީ 2009 ވަނަ އަހަރުގެ މެއިމަހުގެ 13 ވަނަ ދުވަހުއެވެ. ޕެންޝަން އޮފީހުގެ އަހަރީ ދުވަހާއި ގުޅިގެން އޮފީސް ވަގުތީގޮތުން ހިންގެވުމާ ޙަވާލުވެ ހުންނެވި އެކްޓިންގ ޗީފް އެގްޒެކެޓިވް ސުޖާތާ ޙަމީދު ދެއްވި މެސެޖުގައި ވިދާޅުވީ ޕެންޝަން އޮފީހަށް 13 އަހަރުވީއިރު ރާއްޖޭގައި މިވަގުތު އޮތް އެންމެ ބޮޑު ސޭވިންގްސް ހުރީ ޕެންޝަން ފަންޑްގައިކަމަށެވެ. އެގޮތުން މިވަގުތު ޕެންޝަން ފަންޑު 17 ބިލިއަން ރުފިޔާއަށް އަރާކަމަށް ސުޖާތާވަނީ ވިދާޅުވެފައެވެ.
ރާއްޖޭގެ ފޯމަލް ސެކްޓަރގައި މަސައްކަތްކުރާ 80 އިންސައްތައަށްވުރެ ގިނަ މީހުން އަންނަނީ ޕެންޝަން ފަންޑުގައި ފައިސާ ރައްކާކުރަމުންނެވެ. ޕެންޝަން އޮފީހުން ހާމަކޮށްފައިވާ ގޮތުން މިފަންޑުގެ ދަށުން އަހަރަކު އެވްރެޖްކޮށް އިންވެސްޓްމަންޓް ފައިދާގެ ގޮތުގައި 5 އިންސައްތައިގެ ކުރިއެރުން އަންނަނީ ލިބެމުންނެވެ.
ޕެންޝަން އޮފީހުން ވިދާޅުވީ މިސްކީމުގައި ބައިވެރިވެ ޕެންޝަން ފަންޑުގައި ފައިސާ ރައްކާކުރަމުންދާ ފަރާތްތަކަށް އެހެން ޢިނާޔަތްތައް އިތުރުކުރުމަށް މަސައްކަތްކުރަމުންދާކަމަށެވެ. އަދި މިމަސައްކަތަށް ކުރިއެރުންތަކެއް ލިބެމުންދާކަމަށް ޕެންޝަން އޮފީހުން ވިދާޅުވެއެވެ.
ވޭތުވެދިޔަ 13 އަހަރު ދުވަހުގެ ތެރޭގައި ޕެންޝަން އޮފީހުންވަނީ ގިނަ ކުރިއެރުންތައް ހޯދާ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށް މަސައްކަތްތަކެއްކޮށްފައެވެ. އެގޮތުން ރާއްޖޭގައި ވަކި ޢުމުރެއް ކަނޑައަޅާ ރިޓަޔަރމަންޓް ޕެންޝަން ސްކީމްގެ ދަށުން ޕެންޝަން ލިބޭނެ އިންތިޒާމުވަނީ ހަމަޖައްސާފައެވެ. ހަމައެއާއެކު ވަޒީފާ އަދާކުރަމުންދާ ޒުވާނުންނަށް ޕެންޝަނަށް ފައިސާ ރައްކާކުރެވޭނެ ހަރުދަނާ ނިޒާމެއްވަނީ ޤާއިމުކޮށްފައެވެ. މީގެއިތުރުން ޕެންޝަން ސްކީމުތަކުގެ އިންވެސްޓްމަންޓުތައް އިތުރުކޮށް ބައިވެރިންނަށް ފައިދާ ހުރި ގޮތްތަކެއް ހޯދައިދިނުމަށްވެސް އަންނަނީ މަސައްކަތްކުރަމުންނެވެ. އަދި ޕެންޝަން އޮފީހުގެ ޚިދުމަތްތައް ޒަމާނީކޮށް ޚިދުމަތް ހޯދާ ފަރާތްތަކަށް ލުއިފަސޭހަ ގޮތްތަކެއް ހަމަޖެއްސުމަށްވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ.