މިނިވަން ފަންސާސް ޗެމްޕިއަންޝިޕްގެ ފައިނަލް ބުރުގެ ސެމީ ފައިނަލް މެޗުތަކާއި ފައިނަލް މެޗް ކުޅޭ ދުވަހަށް ބަދަލްގެނެސްފިއެވެ. ކުރިން ތާވަލްކުރެވިފައިވާ ގޮތުން މިނިވަން ފަންސާސް ޗެމްޕިއަންޝިޕްގެ ފައިނަލް ބުރުގެ ސެމީ ފައިނަލް ދެ މެޗު ކުޅުމަށް ހަމަޖެހިފައިއޮތީ މި މަހުގެ ބާވީސް އަދި ތޭވީހުގައެވެ. އަދި ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިއޮތީ މިމަހުގެ ސައްބީސްވަނަ ދުވަހުގައެވެ. މިހާރު ސެމީ ފައިނަލް މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ ތޭވީސް އަދި ސައުވީގައެވެ. އަދި ފައިނަލް މެޗް އޮންނާނީ މިމަހުގެ ހަތާވީސްވާ ބުދަ ދުވަހުގެ ހަވީރުއެވެ. މެޗުތައް ކުޅޭ ދުވަސްތަކަށް ބަދަލް މިގެނައީ ށ.ފޯކައިދޫ އަދި ބ.އޭދަފުށި ޓީމް ސެމީއާއި ފައިނަލް ކުޅޭ އައްޑޫއަށް ގެންދިޔުމަށް ދަތުރުފަތުރުގެ ކަންތައްތައް ހަމަނުޖެހިގެންކަމަށް އެފްއޭއެމުން މައުލޫމާތުދެއްވައެވެ. މިނިވަން ފަންސާސް ޗެމްޕިއަންޝިޕްގެ ފައިނަލް ބުރުގެ ސެމީ ފައިނަލް މެޗުތަކާއި ފައިނަލް މެޗް ޓީވީއެމުން ވަގުތުން ގެނެސްދޭނެއެވެ. އަދި މެޗް ހިނގަމުންދާގޮތް ދިވެހިރާއްޖޭގެ އަޑުން ދުރަށް ފޮނުވާނެއެވެ.