ޚަބަރު

މަންކީޕޮކްސް ފެތުރުމުގެ ފުރުސަތު ކުޑަނަމަވެސް ރާއްޖެއަށް ބަލި އައުމަކީ އެކަށީގެންވާކަމެއް: އެޗްޕީއޭ


ރާއްޖެއިން މިވަގުތު މަންކީޕޮކްސް ފެނުމުގެ ފުރުސަތު ކުޑަނަމަވެސް ގިނަ ޤައުމުތަކަކުން ކޭސްތައް ރިޕޯޓުކުރަމުން ދިޔުމާއި ގުޅިގެން ރާއްޖެއިންވެސް ކޭސްއެއް އައުމަކީ އެކަށީގެންވާކަމެއްކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީއިން ވިދާޅުވެއްޖެއެވެ.

އެޗްޕީއޭއިން ވިދާޅުވީ މިބަލި ފެތުރެމުންދިޔުމާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާކަމަށެވެ.

ކަށިވިދުރި ޖައްސާ ވައިރަހުގެ ޢާއިލާއަށް ނިސްބަތްވާ ވައިރަހަކުން މިހާރު ބައެއް ޤައުމުތަކުގައި ފެތުރެމުން އަންނަ މަންކީޕޮކްސް މިމަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއާއި އަވައްޓެރި ޤައުމަކުން ފެނިފައި ނުވާކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. އެހެންނަމަވެސް ބަލީގެ އައުޓްބްރޭކެއް ރާއްޖެއަށް މީހުން އައިސްގޮސް އުޅޭ ޤައުމުތަކުގައި ފެތުރެމުންދާތީ ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. އެގޮތުން ބަލި ފެތުރިއްޖެ ޙާލަތެއްގައި ޢަމަލުކުރާނެ ގޮތުގައި އުސޫލުތަކެއް ކަނޑައެޅުމުގެ މަސައްކަތް ކުރިއަށްދާކަމަށް އެއިދާރާއިން ވިދާޅުވެއެވެ.

މިމަހުގެ 21 އާއި ހަމައަށް 12 ޤައުމަކުން 92 ކޭސް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއަށް ރިޕޯޓުކޮށްފައިވާކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. މިއީ ޢާއްމުކޮށް އެފްރިކާގެ ޤައުމުތަކުން ފެންނަ ބައްޔެއްނަމަވެސް ބަލި ފެތުރެން ފެށި ގޮތެއް ނޭނގި މިބަލި ދުނިޔޭގެ ބައެއް ޤައުމުތަކުގައި ފެތުރެން ފެށުމާއި ގުޅިގެން އެކަން ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ބަލަމުން އަންނަކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. އެޗްޕީއޭއިން ވިދާޅުވީ ބަލި ފަތުރާ ޖަރާސީމަށް ބަދަލެއް އައިސްފައިވޭތޯ މިހާރު އަންނަނީ ދިރާސާކުރަމުންނެވެ.

ކަށިވިދުރީގެ ވެކްސިން ޖެހުން މިވޭތުވެދިޔަ އަހަރުތަކުގައި ހުއްޓަލުމާއި ގުޅިގެން ވޭތުވެދިޔަ 10 އަހަރު ތެރޭގައި ބަލި ފެތުރޭ ޤައުމުތައް އިތުރުވަމުންދާކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. ބަލީގެ ޢަލާމަތްތަކުގެ ތެރޭގައި އެންމެ ފުރަތަމަ ހުން އައިސް، ގައިގައި ރިއްސާ ވަރަށް ބޮޑަށް ވަރުބަލިވެ ބޮލުގައާއި ކަރުގައި ރިއްސާކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. އަދި ކިހިލީގައާއި އުކުޅުވަޅުގައި ގޮށްލާކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.

އެޗްޕީއޭއިން ވިދާޅުވީ 1 ދުވަހާއި 4 ދުވަހުގެ ތެރޭގައި ހަށިގަނޑުގައި ބިހިތައް ނަގާކަމަށާއި އެންމެ ފުރަތަމަ ބިހިތައް ހުންނާނީ ފަތިކޮށްކަމަށެވެ.

ޢާއްމުކޮށް ގައިންގަޔަށް އަރާ ބަލިތަކާއި ޚިލާފަށް މިބަލި ފެތުރެނީ ބަލިޖެހިފައިވާ މީހަކާ ގިނައިރު ކޮންޓެކްޓް ވެގެންކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. މިބަލި ޖެހެނީ ބަލި ޖެހިފައިވާ މީހެއްގެ ކުޅުގައި ހުންނަ ޖަރާސީމު ނޭވާލުމުގެ ނިޒާމަށް ގޮސްގެންނާއި ބަލި މީހާގެ ހަމުގައިވާ ބިހިތަކުގައި ނުވަތަ އެއިން ނުކުންނަ ދިޔައިގައި ޖެހިގެންނާއި ބަލި މީހާ ބޭނުންކޮށްފައި ހުންނަ ތަކެތީގައި އަތްލުމުންކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.