ޚަބަރު

މުޖުތަމަޢުގެ ހަމަޖެހުން ކަށަވަރުކުރުމަށް ކުޅިވަރުގެ ދާއިރާ ހަރުދަނާކުރުން މުހިއްމު: މަހްލޫފް


ކުށުގެ ވެއްޓަށް ހުށައެޅޭ ކުދިން މަދުކޮށް މުޖުތަމަޢުގެ ހަމަޖެހުން ޤާއިމުކުރުމުގައި ކުޅިވަރު މުހިއްމު ދައުރެއް އަދާކުރާކަމަށް މިނިސްޓަރ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޙްލޫފް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ޔޫތް މިނިސްޓްރީއާއި ކައުންޓަރ ޓެރަރިޒަމް ސެންޓަރު ގުޅިގެން ސަރުކާރު މުވައްސަސާތަކާއި ކުޅިވަރުގެ ޖަމިއްޔާތަކަށް އަމާޒުކޮށް ފެށި ވޯކްޝޮޕް އިފްތިތާޙްކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.

މިނިސްޓްރީ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓާއި ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރ ގުޅިގެން ކުރިއަށްގެންދާ މި ވޯކްޝޮޕަކީ އެންޓި ޓެރަރިޒަމާއި ހައްދުފަހަނައައެޅުމާއި ދެކޮޅަށް މަސައްކަތްކުރުމާއި، ކުޅިވަރު ޙަރަކާތްތައް ބޭއްވުމުގައި ސެކިއުރިޓީ ހަރުދަނާ ކުރުމާއި ގުޅޭގޮތުން ބާއްވާ ވޯކްޝޮޕެކެވެ.

މިވޯކްޝޮޕް އިފްތިތާޙްކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން ޔޫތް މިނިސްޓަރ މަޙްލޫފް ވިދާޅުވީ މިވޭތުވެދިޔަ 3 އަހަރުގެ ތެރޭގައި ކުޅިވަރުގެ ދާއިރާއިން ރާއްޖޭގައި އިންގިލާބީ ކުރިއެރުންތަކެއް އައިސްފައިވާކަމަށެވެ. މިގޮތުން ޒަމާނުއްސުރެ ރާއްޖޭގައި މީހުންގެ މެދުގައި މަޤުބޫލުކަން ހޯޑާފައިވާ ފުޓުބޯޅަ އިތުރު ހަރުފަތަކަށް ޖެހިލާފައިވާކަމަށާއި މިނޫން ކުޅިވަރުތަކުންވެސް ރާއްޖޭގެ ނަން މިހާރު ވިދާލާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މުޖުތަމަޢުގައި ތިބި ނާޒުކު ޙާލަތްތަކުގައި ތިބި ކުދިން ކުށުގެ ވެއްޓަށް ދިޔުމުގައި ހުޅުވިފައިވާ ދޮރުތައް ބަންދުކޮށް އެކުދިން އެމަގަށް އެޅުވުމަށް މަސައްކަތްކުރާ ފަރާތްތައް ހުއްޓުވުމުގައިވެސް ކުޅިވަރު މުހިއްމުކަމަށެވެ. އެގޮތުން ކުދިން ކުޑައިރުން ފެށިގެން އެކުދިންނަށް ކުޅިވަރުގެ ދާއިރާގައި ހުރި ފުރުސަތުތައް ދައްކައިދިނުމަކީ މުޖުތަމަޢުގެ ހަމަޖެހުމަށްޓަކައި އެޅޭނެ މުހިއްމު ފިޔަވަޅެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ނޭޝަނަލް ކައުންޓަރ ޓެރަރިޒަމަ ސެންޓަރގެ ޑިރެކްޓަރ އަދި ޓެރަރިޒަމާއި ހައްދުފަހަނައެޅުމުގެ ޙަރަކާތްތަކާއި ދެކޮޅަށް އދ.އިން ހިންގާ ޕްރޮގްރާމްގައި ރާއްޖެ ތަމްސީލުކުރައްވާ ލެފްޓިނެންޓް ކާނަލް އިބްރާހިމް ނަޢީމް ވިދާޅުވީ މިއީ މިފަދަ ގޮތަކަށް ރާއްޖޭގައި މިކަމާއި ގުޅޭގޮތުން ބައްދަލުވުމެއް ބޭއްވޭ ފުރަތަމަ ފަހަރުކަމަށެވެ. އަދި މިއާއެކު ކުޅިވަރުގެ ދާއިރާއާއި ގުޅިގެން ކުށްކުރުން މަދުކުރުމަށް ކުރެވޭނެ މަސައްކަތްތަކާއި ކުޅިވަރުގެ އެކި ޙަރަކާތްތަކުގެ ސެކިއުރިޓީ ބެލެހެއްޓުމުގައި ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރާނެކަމަށެވެ.

ތިން ދުވަހުގެ މުއްދަތަކަށް ހޮޓެލް ޖެންގައި ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ މިބައްދަލުވުމުގައި ސަރުކާރުގެ މުވައްސަސާތަކާއި އަމިއްލަ ޖަމިއްޔާ ޖަމާޢަތްތަކުގެ ތެރެއިން ކުޅިވަރު ތަމްސީލުކުރާ ފަރާތްތައް ހިމެނޭހެން 70 ފަރާތަކުން ބައިވެރިވާކަމަށް އެންސީޓީސީން ވިދާޅުވެއެވެ. މި ބައްދަލުވުމުގައި އދ.ގެ އޭޖެންސީތަކާއި ދުނިޔޭގައި ޓެރަރިޒަމާއި ހައްދުފަހަނައެޅުމައި ދެކޮޅަށް މަސައްކަތްކުރާ ޖަމާޢަތްތަކުން ވަނީ ބައިވެރިވެފައެވެ.