ޚަބަރު

ދުންބޯ އަންހެނުންގެ ނިސްބަތް 7 އަހަރުތެރޭގައި %35އަށްވުރެ މައްޗަށް!


ދުންފަތުގެ އިސްތިޢުމާލުކުރަނީ ހަމައެކަނި މީހާގެ ހޭލުންތެރިކަން ކުޑަވެގެންނޭ ބުނެވޭކަށް ނެތެވެ. ކިޔަވައިދޭ ފޮތްތަކުންނާއި ސިއްޙީ އިދާރާގެ އެކި ވަސީލަތްތަކުންނާއި ޑޮކްޓަރުން އަބަދު ދައްކާ ވާހަލައަކީ ދުންފަތުގެ ގެއްލުން ބޮޑުވާހަކައެވެ. ޝޯޝަލް މީޑިއާގެ ޕްލެޓްފޯމްތަކުގައިވެސް އަބަދުވެސް މިފަދަ ޕޯސްޓްތައް އެނބުރެއެވެ. އިންޓަނެޓް މެދުވެރިކޮށް ނުހޯދޭނެ މަޢުލޫމާތެއް މިހާރަކު ނެތެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު މިހާރު ރާއްޖޭގައި އެކިއެކި ބަލިބަލީގެ ސަބަބުން މީހުން މަރުވުމާއި އެކި ކަހަލަ ނުކުޅެދުންތެރިކަމަށް މީހުން ހުށަހެޅޭ ސަބެއްކަމުގައި ދުންފަތުގެ އިސްތިޢުމާލުކުރުން ހިމެނެއެވެ. އޭގެސަބަބުން ގައިން ގަޔަށް ނާރާ ބޮޑެތި ބަލިތައް ތަޙައްމަލުކުރާ މީހުން ގިނައެވެ.

ރާއްޖޭގައި އެންމެ ގިނަ މީހުން ތަޙައްމަލުކުރާ ގައިންގަޔަށް ނާރާ ބަލިތަކުގެ %84 މީހުންނަކީ ހިތުގެ ބައްޔާއި ކެންސަރާއި ސްޓްރޯކާއި ހަކުރު ބައްޔާއި އެކި ކަހަލަ ނަފްސާނި ބަލިތަކުގެ މީހުންނެވެ. މި ހުރިހާ ބަލިތަކަވެސް ހުށައެޅޭ މައި ސަބަބުތަކުގެ ތެރޭގައި ދުންފަތުގެ އިސްތިޢުމާލުކުރުން ހިމެނެއެވެ. މި ސަރަޙައްދުގެ ޤައުމުތަކަށް ބަލާއިރުވެސް ރާއްޖެއަކީ ދުންފަތުގެ އިސްތިއުމާލްކުރާ މީހުން ނިސްބަތުން އެންމެ ގިނަ އެއް ޤައުމެކެވެ.

އެކިއެކި ދިރާސާތަކުގެ ރިޕޯޓްތަކުން ދައްކާގޮތުގައި ރާއްޖޭގައި ދުންފަތުގެ އިސްތިއުމާލްކުރާ މީހުންގެ ޢަދަދު ދުވަހުން ދުވަހަށް ދަނީ އިތުރުވަމުންނެވެ. ދިވެހިރާއްޖޭގައި އެވަރެޖްކޮށް އަހަރަކު 150 މީހުން، ސީދާ ދުންފަތުގެ ސަބަބުން މަރުވާކަަށް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން އަންދާޒާކުރެއެވެ.

މީގެ 7 އަހަރުގެ ކުރީގެ ދިރާސާއަކުން ދައްކާ ގޮތުގައި ރާއްޖޭގައި 15 އަހަރާއި 49 އަހަރާ ދެމެދުގެ އުމުރުފުރާގައި ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންގެ ނިސްބަތަކީ %22.6 މީހުންނެވެ. އެއީ %97.2 ފިރިހެނުންނާ %2.8 އަންހެނުންވެ.

އޭގެ 4 އަހަރު ފަހުން 2019ވަނަ އަހަރު ހެދި "ސްޓެޕްސް ސަރވޭ"ގައި މި ޓްރެންޑަށް ވަރަށް ބޮޑު ބަދަލެއް އައިސްފައިވާކަމަށް ދައްކައެވެ. މި އުމުރުފުރާގައި ދުންފަތުގެ އިސްތިއުމާލުކުރާ މީހުންގެ ނިސްބަތް %23.1އަށްވަނީ އުފުލިފައެވެ. އެންމެ ބޮޑު ބަދަލަކީ އަންހެނުން ދުންފަތުގެ އިސްތިއުމާލުކުރާ ނިސްބަތް އިންތިހާއަށް މައްޗަށް ދިއުމެވެ.

މި ސަރވޭގައި ބުނެފައިވަނީ ރާއްޖޭގައި ދުންފަތުގެ އިސްތިއުމާލުކުރާ ފިރިހެނުންގެ ނިސްބަތަކީ %64.4 ކަމަށެވެ. އަދި އަންހެނުންގެ ނިސްބަތް %2 އިން %35.6އަށް އުފުލިފައިވާކަމަށެވެ.

މީގެ ސަބަބެއްގެ ގޮތުގައި ސަރވޭގައ ބުނެފައިވަނީ، ސިނގިރޭޓު ނޫން، ދުންފަތުގެ އިސްތިއުމާލުކުރުމުގެ ބާވަތްތަކާއި ގޮތްތައް އިތުރުވުމެވެ. އެގޮތުން އީ-ސިނގިރޭޓާއި ޝީޝާފަދަ ބާވަތްތައް އަންހެނުންނަށް ޚާއްސަކޮށް އިސްތިހާރު ކުރުމާއި، ޝީޝާ ބޮވޭ ތަންތަން އިތުރުވުން ހިމެނެއެވެ.

ރާއްޖެއަށް ކޮންމެ އަހަރަކު އެވަރެޖްކޮށް 400 މިލިއަން ސިނގިރޭޓު އެތުރެކުރެއެވެ. އަދި މީގެ އިތުރުން އީ-ސިނގިރޭޓުގެ އާލާތްތައްވެސް ގިނަ އަދަދަކަށް އެތެރެކުރެއެވެ.

ދުންފަތް ހުއްޓުވުމަށް ރާއްޖޭގައިވަނީ ދުންފަތުގެ ބާވަތްތަކުން ނަގާ ޓެކްސްވެސް ވަނީ އިތުރުކޮށްފައެވެ. އަދި ދުންފަތް އިޝްރިހާރު ކުރުމަކީވެސް މަނާ ކަމެކެވެ. އަދި ވަކި ސަރަޙައްދުތަކުގައި ދުންފަތުގެ އިސްތިއުމާލްކުރުމަކީވެސް އަދަބުލިބޭ ކަމެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ.

ނަމަވެސް މި ކަންކަން އެދެވޭ ގޮތުގައި ތަންފީޒް ކުރެވިގެން ނުދިއުމަކީ، ރާއްޖޭފައި ދުންފަތުފަތުގެ އިސްތިއުމާލުކުރާ މީހުން އިތުރުވުމުގެ އެންމެބޮޑު ސަބަބެވެ.