މުނިފޫހިފިލުވުން

ލައިވް ޝޯއެއް ދީ ނިމުނުތަނާ މަޝްހޫރު ލަވަކިޔުންތަރިޔާ ކޭކޭ މަރުވެއްޖެ


ބޮލީވުޑްގައި ލޯބީގެ ލަވަތަކަށް މަޝްހޫރު ލަވަކިޔުންތެރިޔާ ކްރިޝްނާ ކުމާރު ކުންނަތު (ކޭކޭ) މަރުވެއްޖެއެވެ. މިއުޒިކީ ދުނިޔޭގަ ކޭކޭގެ ނަމުން މަޝްހޫރު ލަވަކިޔުންތެރިޔާ އަދި ކޮމްޕޯސަރ މަރުވީ ކަލްކައްތާގައި ދިން ލައިވް ކޮންސެޓަކަށް ފަހުއެވެ.

ބޮލީވުޑްގެ ނޫސްތައް ބުނާ ގޮތުން ކޭކޭ ކަލްކައްތާ އަށް ދިޔައީ ގުރުދާސް ފެސްޓުގައި ލަވަކިޔާ ދިނުމަށެވެ. އަދި އެ ޝޯގައި ލަވަކިޔަން ހުއްޓާވެސް ބައެއް އުނދަގޫތައް އޭނާ އަށް ކުރުމަތިވާން ފެށިކަމަށާއި އެހެންނަމަވެސް ޝޯ ނިމެންދެން ކޭކޭ ޝޯގައި ބައިވެރިވެފައިވާކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެެވެ.

ކޭކޭ މަރުވީ ޝޯ ނިންމާލުމަށްފަހު ހޮޓަަލަށް ދިޔަތާ މާގިނައިރުތަކެއް ނުވަނީހެވެ. އަދި ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޭނާ މަރުވެފައިވާކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. ހޮސްޕިޓަލާއި ހަވާލީ ބައެއް ނޫސްތަކުން ބުނާ ގޮތުން ކޭކޭ މަރުވީ ހާޓް އެޓެކެއް ޖެހިގެންނެވެ. ކޭކޭގެ ހަށިގަނޑު ޕޯސްޕޯޓަމް ހެދުމަށް ފޮނުވާފައިވާކަމަށްވެސް ހަބަރުތައް ބުނެއެވެ.

ބޮލީވުޑްގައި ލަވަކިޔުންތެރިޔެއްގެ ގޮތުގައި ކޭކޭ މަޝްހޫރު ވެގެން އައީ އޭނާ ނެރުނު ފުރަތަމަ އަލްބަމް "ޕަލް" ގެ ރިލީޒާއެކުއެވެ.

ކޭކޭގެ އަޑުން ކިޔާދީފައިވާ ބައެއް ލަވަތައް ވަނީ ބޮލީވުޑްގެ ޗާޓްތަކުގައި ރަސްކަންކުރި ލަވަތަކަށް ވަނީ ވެފައެވެ. މީގެތެރޭގައި ހަމްދިލް ދޭ ޗުކޭ ސަނަމްގެ "ތަޅަޕް ތަޅަޕް" މި ލަވައާއި ފިލްމް ދަސްގެ " ދަސް ބަހާނޭ" އާއި ގުންޑޭގެ "ޓިއުން މާރި އެންޓިޔާރީ" އާއި މޭހޫނާގެ " ގޮރި ގޮރި" އާއި ބަޖްރަންގީ ބައިޖާންގެ " ތޫ ޖޯ މިލާ" ލަވަތައް ހިމެނެއެވެ. ހިންދީ ބަހުގެ އިތުރުން ތެމިލް، މަރާޓީ، ބެންގާލީ އަދި މަލަޔާލަމް ބަހުންވެސް ކޭކޭ ވަނީ ލަވަކިޔާދީފައެވެ.

ކޭކޭގެ މަރުގެ ހަބަރާއި އެކު ބޮލީވުޑްގެ މަޝްހޫރު ފަންނާނޫ އަންނަނީ މި ހިތާމައިގައި ބައިވެރިވެ އެމީހުންގެ ޝުުއޫރުތައް ހިއްސާކުރަމުންނެވެ. އުމުރުން 53 އަހަރުގައި ކުއްލި ގޮތަކަށް ކޭކޭ މަރުވިއިރު އޭނާގެ އަންބަކާއި ދެކުދިން ދުނިޔޭގައި އެބަތިއްބެވެ.