ޚަބަރު

ގަހެއް އިންދުމަށްފަހު އެގަސް ބަލަހައްޓަނީ ކިތައް މީހުން ބާ؟


ތިމާވެށީގެ ދުވަހާއި ސްކޫލް ތަކުގެ އަހަރީ ދުވަހާއި ހޮސްޕިޓަލްތަކާއި ސަރުކާރު މުއައްސަސާ ތަކުން ފާހަގަ ކުރާ އެކި ދުވަސްތަކާ ހަރަކާތްތަކާ ގުޅުވައިގެން ރާއްޖޭގައި ގަސް އިންދުމުގެ ޙަރަކާތް ހިންގައެވެ. އަދި އެފަދަ ދުވަސްތަކުގެ ތެރެއިން ސޯޝަލް މީޑިއާގެ ޕްލެޓްފޯމަށް މިއަދަކީވެސް އެކަހަލަ ދުވަހެކެވެ. މިއަދަކީ ބައިނަލްއަގުއާމީ ތިމާވެށީގެ ދުވަހެވެ. އެހެން ކަމުން ތިމާ އިންދާގަހަކީ ހަމައެކަނި ފޮޓޯއެއް ނަގާލުމަށް ނުވަތަ ދެއްކުމަށް ކުރާކަމަކަށްވުރެ ބޮޑަށް އެގަސް ހެދި ބޮޑުވުމުން ތިމާއަށާއި މުޖުތަމައަށް އެގަހުން ލިބޭނެ ފައިދާއަކަށް ވިސްނާލާށެވެ.

މިއަދު ސޯޝަލް މީޑިއާއިން އެންމެ ގިނައިން ފެންނާނީ ތިމާވެށީގެ ދުވަހާ ގުޅުވައިގެން ގަސް އިންދާފައި ހުންނަ ފޮޓޯތަކާއި ވީޑިއޯތަކެވެ. ގަހެއް އިންދުމަށްފަހު އެކި ގޮތްގޮތަށް އެގަހާ އެކު ފޮޓޯނަގާހަދައެވެ. އަދި ފޮޓޯ އެޑިޓްކޮށް މީސް މީޑިއާގައި ތިމާވެށީގެ ޝިއާރު ޖަހާ ޝެއަރ ކުރުމަކީ ދިވެހިންގެ އާދައެވެ. ދެން އެގަހާމެދު އަޅާލަނީ މަދުބައެކެވެ. ހެދޭނެ ގޮތަކަށް ހެދެން ދޫކޮށްލަނީއެވެ. މިއީ އެންމެންގެ ވާހަކައެއް ނޫނެވެ. އެހެންނަމަވެސް ގިނަ މީހުން ކަން ކުރަނީ މިހެންނެވެ.

އަހަރެމެން އިންސާނުންނެކޭ އެއްގޮތަށް ދުނިޔޭގައިވާ ހުރިހާ ދިރޭއެއްޗެއް ދިރިހުރުމަށް ބޭނުންވާނެ އެންމެ މުހިންމު އެކައްޗަކީ ފެނެވެ. ގަސް އިންދާފައި ހެދޭނެ ގޮތަކަށް ހެދެން ނުވަތަ މަރުވާން ދޫކޮށްނުލާށެވެ. އެއީ އަހަރެމެން ދިރިހުރުމަށް ބޭނުންވާ ސާފު ވައި އުފައްދާއެއްޗެވެ. އެމީހަކު އިންދާގަހެއްގެ ޒިންމާ އެމީހަކު ނަގަންޖެހޭނެއެވެ. އަދިއެއީ އެހެން މީހެއްގެ ޒިންމާއެއްކަމަށް ދެކިގެން އެކަން ކުރުމަށް ވުރެ ނުކުރުން މާރަނގަޅުވާނެއެވެ.

ތިމާވެށި ހިމާޔަތް ކުރުމަށް އަތު ގުޅާލުމަށް އެންމެން އެކީ މަސައްކަތް ނުކޮށް ރާއްޖޭގެ މިނާޒުކު ތިމާވެށި ހިމާޔަތް ކުރެވި ދާނެކަމަކަށް ނުބެލެވެއެވެ. ސަރުކާރުން ދޭ ލަފަޔާ އިރުޝާދާއެއްގޮތައް އަމަލުކޮށް މިކަން ކުރަން މިހާރު މާބޮޑަށްވެސް ލަސްވެއްޖެއެވެ. ރަށްރަށުގައި އުފެދިފައި ހުންނަ ސަރުކާރުގެ މުއައްސަސާތަކުން މިކަންކަމަށް ސާމާލުކަން ދޭ މިންވަރު ކުޑައެވެ. މީހުން ދިރިއުޅޭ ރަށްރަށުން އާންމުންނަށް އުނދަގޫވާ ގަސްތައް ކަނޑާ ކޮށާ ހެދި ނަމަވެސް އެކަނޑާ ގަހަކަށް ގަހެއް ހައްދަން މަަސައްކަތް ކުރާތަން ފެންނަނީ މަދުފަހަރަކުއެވެ.

ސަރުކާރުން ރާއްޖޭގެ ތިމާވެށި ހިމާޔަތް ކުރުމަށް ނުހަނު ގިނަ މަސައްކަތްތަކެއް ކުރެއެވެ. ހޫނުގަދަވާ ވާހަކަ ޖޯލިފަތިތަކުގަޔާ އަށިތަކުގައި ދެއްކުމަށްވުރެ ގަހެއް އިންދާފައި ހެއްދޭތޯ މަސައްކަތް ކުރާށެވެ. އޭރުން ތިބާއަށް ވާ ހޫނަށްވުރެ ހެދިބޮޑުވަމުންދާ ގަސްފެނި ހިތައް ލިބޭ ފިނިކަން މާބޮޑުވާނެއެވެ. އަދި އެގަހުން އުފައްދާ ވައިން ސިއްޙީގޮތުން ލިބޭ ފައިދާވެސް މާބޮޑުވާނެއެވެ. އަދި ގްރީން ޓެކްސް ނަގާ މިގައުމަށް އަންނަ ފަތުރުވެރިންނަށްވެސް ފެނިގެންދާނީ ހިތްގައިމު މަންޒަރުތަކެކެވެ.

ކުޅި، ފަލާއި ޗަސްބިންތައް ދަނީ މަރުވެ މަދުވަމުންނެވެ. ރާއްޖޭގައި ނެތިގެން ގޮސްދާނެ ކަމުގެ ބިރު ހީވެފައިވާ އެތައް ގަހެއް އެބަހުއްޓެވެ. އެގަސްތައް ސަރުކާރުން ވަނީ ހިމާޔަތްވެސް ކޮށްފައެވެ. މިފަދަ ގަސްތައްވެސް ރަށްރަށުގައި އިންދާ ހެއްދުމުގެ ފުރުސަތު އެބައޮތެވެ. މިފަދަ ގަހެއް އިންދައިގެން ހެއްދުމުން ރާއްޖެއިން ނެތިގެން ގޮސްދާނެކަމުގެ ބިރު ހީވެފައިވާ ގަހެއް ތިމާ ހައްދާފައި ހުންނާނޭ ބުނެލުމުގެ ފުރުސަތު އެބައޮތެވެ. ގަސް އިންދުމަކީ ހަމައެކަނި ތިމާވެށީގެ ދުވަހާ ގުޅުވައިގެން ނުވަތަ އެނޫންވެސް ކަމަކާ ގުޅުވައިގެން ކުރާކަމަކަށް ނުހަދަމާ ހިންގާށެވެ. މީ ވިއްސާރަ މޫސުމެކެވެ. އެހެންކަމުން ގަސް އިންދައިފިނަމަ އެގަހެއް ހެދުމުގެ ފުރުސަތުވެސް ބޮޑެވެ.

ރާއްޖޭގައި ތިމާވެށީގެ ދުވަސް މިއަދު ފާހަގަކުރަމުންދާއިރު މިއަދު އިންދާނެ ގަސްތައް ހޯދުމަށް މީގެ ދެމަސް ކުރިން ކައުންސިލްތަކުން ވަނީ އެކި ރިސޯޓްތަކުގައި އެދިފައެވެ. މިގޮތަށް ގަސް ހޯދާއިރު ފެންނުދިނަސް ހެދޭކަހަލަ ގަސްތަކުގެ ގޮފިތައް ހޯދުމަށް އިސްކަން ދެއެވެ. މިގޮތަށް ގަސް ހޯދާއިރު އެންމެ ގިނައިން ލިބެނީ ރުކެވެ. ނުވަތަ މުޑި ކާއްޓެވެ.

ރާއްޖޭގައި މިފަދަ ދުވަސްތަކާ ގުޅުވައިގެން ރަށް ފެހި ކުރުމަށް އިންދާ ގަސްތަކުގެ 80 އިންސަތަ ގަސް އަޅާ ނުލެވި ދޫކޮށްލުމުގެ ސަބަބުން މަރުވާކަމަށްވެއެވެ.

މިއަދަކީ ބައިނަލްއަޤުއާމީ ތިމާވެށީގެ ދުވަހެވެ. އެހެންކަމުން ތިމާ އިންދާ ގަހަކީ ނުވަތަ ތިމާވެށި ހިމާޔަތް ކުރުމަށް ކުރާ ކޮންމެކަމަކީ އޭގެ ސަބަބުން މުޖްތަމައަށާއި ވެއްޓަށް ދިގުދެމިގެންދާގޮތަށް ފައިދާ ކުރުވަނިވި ކަމަކަށް ހަދަމާ ހިގާށެވެ.