ވިޔަފާރި

ތިމާވެށީގެ ދުވާހައި ގުޅުވައިގެން ވިލާ ގްރޫޕުން ތިލަފުށި ސާފުކުރުމުގެ ޕްރޮގްރާމެއް


ދުނިޔޭގެ ތިމާވެށީގެ ދުވަހާއި ގުޅުވައިގެން ވިލާ ގްރޫޕުން އިސްނަގައިގެން ތިލަފުށީގައި ސާފުކުރުމުގެ ޕްރޮގްރާމެއް ކުރިއަށްގެންގޮސްފިއެވެ.

ވިލާ ގްރޫޕުން ހުކުރުދުވަހު ކުރިއަށްގެންދިޔަ މި ޕްރޮގްރާމްގައި އެންމެ ބޮޑަށް ސާފުކޮށްފައިވަނީ ތިލަފުށީގެ ގޮނޑުދޮށް ސަރަހައްދެވެ.

ވިލާ ކުންފުނީގެ މި ހަރަކާތުގައި ވިލާގެ އެކި ގޮފިތަކުން 350 އަށް ވުރެ ގިނަ މުވައްޒަފުން ބައިވެރިވެފައިވާއިރު، މި ހަރަކާތުގައި ވެމްކޯއާއި އެޗްޑީސީންވެސް ބައިވެރިއެވެ.

މި ހަރަކާތުގެ ތެރެއިން ގާތްގަނޑަކަށް 2 ގަޑިއިރާއި 30 މިނެޓު ތެރޭ ގިނަ އަދަދެއްގެ ކުނި ތިލަފުށީ ގޮނޑުދޮށް ސަރަހައްދުން ވަނީ އެއްކޮށްފައެވެ. އަދި އެއްކުރި ކުނި ވެމްކޯ ސައިޓަށް ވަނީ ގެންގޮސްފައެވެ.

ޖޫން މަހުގެ 5 ވަނަ ދުވަހަކީ ބައިނަލްއަޤްވާމީ ތިމާވެށީގެ ދުވަހެވެ. މި ދުވަހާއި ގުޅުވައިގެން ބޭއްވި ހަރަކާތުގައި ތިލަފުށީ ގޮނޑުދޮށް ސަރަހައްދަށް ލައްގާފައި ހުރި ކުނިތަކާއި އަދި އެތަނުގައި ހުރި ހަލާކުނުވާ ޒާތުގެ އެހެން ކުނިތައްވެސް ވަނީ ނަގާފައެވެ.

ވިލާ ކުންފުނިން ބުނީ މި ހަރަކާތުގެ މަޤްސަދަކީ ކުންފުނީގެ މުވައްޒަފުންނަށް ތިމާވެށްޓާއި ގުޅޭ މުހިންމު މަޢުލޫމާތުތައް ދެވޭ، ބައިވެރިވުން ބޮޑު ހަރަކާތެއް ކުރިއަށް ގެންދިއުން ކަމަށެވެ.

އެކުންފުނީގެ ތިލަފުށީ ސައިޓުގައި ހަރަކާތްތެރިވާ މުވައްޒަފުންގެ އިސްނެގުމަށް ކުރިއަށް ގެންދިޔަ މި ހަރަކާތަކީ މުސްތަޤްބަލުގެ ޖީލަށްޓަކައި ތިމާވެށި ރައްކާތެރިކޮށް ކުނި މަދުކުރުމަށް ވަކާލާތު ކުރުމަށް އެކުންފުނިން ކުރަމުންދާ މަސައްކަތުގެ ދަށުން ކުރިއަށް ގެންދިޔަ ހަރަކާތެއްކަމަށް ވިލާއިން ބުނެއެވެ. އަދި ތިލަފުށި ގިނަ ބަޔަކު ގޮނޑެއްގެ ގޮތުގައި ސިފަކުރިޔަސް، މިރަށަކީ މިހާރު މީހުން ދިރިއުޅޭ ރަށެއްކަން އެކުންފުނިން ވަނީ ފާހަގަކޮށްފައެވެ. އަދި އެ ރަށުގައި ހަރަކާތްތެރިވާ އެހެން ފަރާތްތަކުންވެސް މިފަދަ ހަރަކާތްތައް ކުރިއަށް ގެންދާނެކަމަށް އުއްމީދުކުރާކަމަށް އެކުންފުނިން ބުނެއެވެ.

ވިލާ ގޫރޫޕުން ބުނީ އެކުންފުނިން ތިމާވެށި ރައްކާތެރިކުރުމަށް ދޭ އަހަމިއްޔަތުކަން އެކުންފުނީގެ ހުރިހާ ދިމާލަކުންވެސް ފެންނަމުންދާ ކަމަށެވެ. އެގޮތުން ކުންފުނީގެ ދަށުން ހިންގާ ސަން އައިލޭންޑް އަދި ރޯޔަލް އައިލޭންޑުން ދާދި ފަހުން ގްރީން ކީ އެވޯޑު ފުރަތަމަ ފަހަރަށް ހޯދި ރާއްޖޭގެ ދެ ރިސޯޓަށް ވެފައިވާކަން އެކުންފުނިން ފާހަގަކުރެއެވެ.