މުނިފޫހިފިލުވުން

"ޖޯކާ" ގެ ދެވަނަ ބަޔަށް ތައްޔާރުވަނީ..


2019 ވަނަ އަހަރު ރިލީޒްކުރި ވޯނާ ބްރަދާސްގެ ކާމިޔާބު ފިލްމު "ޖޯކާ" ގެ ދެވަނަ ބައެއް ހަދަން ނިންމައިފިއެވެ. މީގެ ދެވަނަ ބައެއް ހަދާނެ ވާހަކަ ފިލްމު އެޅުވިތާ ކައިރީގައިވެސް ދެކެވުނުއެވެ. އެހެންނަމަވެސް ފިލްމުގެ ޕްރޮޑަކްޝަން ޓީމުން މިވާހަކަތަކަށް މާ ބޮޑު ޖަވާބެއް ނުދެއެވެ.

ފިލްމުގެ ދެވަނަ ބަޔާއި ގުޅިގެން ދއްކި ވާހަކަތައް އެންމެ ބޮޑަށް އަމާޒުވީ ފިލްމުގައި ޖޯކަރުގެ ރޯލުން ފެނުނު ވާކީން ފީނިކްސްއަށެވެ. އޭނަވެސް މިކަމާއި ގުޅިގެން ކުރި އެއްވެސް ސުވާލަކަށް ޖަވާބެއް ނުދިނެވެ.

އަނެއްކާވެސް މި ވަނީ މި ފިލްމުގެ ދެވަނަ ބައެއްގެ އަޑު ވަރަށް ގަދަވެފައެވެ. މި ފަހަރު އިވޭގޮތުން ކުރީގެ ފިލްމުވެސް އުފެއްދި ވޯނާ ބްރަދާސްއިން އަންނަނީ ބޮޑު ޑީސީޔޫ ރޯލަކަށް ތައްޔާރުވަމުންނެވެ.

އެތައް ގޮތަކުން ކާމިޔާބުވި މި ފިލްމުގެ ޑައިރެކްޓަރ ޓޮޑްވެސް މި ފިލްމގެ ވާހަކަ އިތުރު ބަޔަކަށް ދިގު ދަންމާކަށް ކުރިން ވިސްނާފައެއް ނެތެވެ. އެހެންނަމަވެސް ފިލްމަށް ލިބުނު ބޮޑު ކާމިޔާބީގެ ސަބަބުން އޭނާވެސް ވަނީ އިތުރު ވިސްނުމަކަށް ދާން ވަނީ ނިންމާފައެވެ.

ސްކޮޓް ސިލްވާ ފައްކާކޮށްފައިވާ ސްކްރީންޕްލޭއަކަށް ޓޮޑް ފިލިޕް ޑައިރެކްޓުކޮށްފައިވާ "ޖޯކާ" އަކީ 2019 ވަނަ އަހަރު ދެއްކި ފިލްމުތަކުގެ ތެރެއިން ހަ ވަނައަށް އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމެވެ.

2020 ވަނަ އަހަރުގެ އޮސްކާގެ ދެ އެވޯޑު މި ފިލްމުން ވަނީ އުފުލާލާފައެވެ. މި ފިލްމުން ފީނިކްސަށް ވަނީ އެ އަހަރު އޮސްކާގެ އެންމެ މޮޅު އެކްޓަރުގެ އެވޯޑުވެސް ލިބިފައެވެ.

"ޖޯކާ" ހީވެސް ނުކުރާ ވަރުގެ ބޮޑު ހިޓަކަށްވެގެން ދިޔައިރު ޓޮޑް އަކީ މީގެ ކުރިން ވެސް ވަރަށް ކާމިޔާބު ފިލްމުތަކެއް ގެނެސްދީފައިވާ ޑައިރެކްޓަރެކެވެ. އޭގެ ތެރޭގައި "ދަ ހޭންގްއޯވާ" ޓްރިލޮޖީ އާއި "ވޯ ޑޯގްސް" އަދި "އޯލްޑް ސްކޫލް" ހިމެނެ އެވެ.

މީގެއިތުރުން 2016 ވަނަ އަހަރު ގެނެސްދިން ކޮމެޑީ ފިލްމު "ބޮރެޓް" ވަނީ އެއަހަރުގެ އެންމެ މޮޅު އެޑަޕްޓެޑް ސްކްރީންޕްލޭ އެވޯޑަށްވެސް ޓޮޑް ވަނީ ނޮމިނޭޓްވެފަ އެވެ.