ދުނިޔެ

ކާބަން ދުން ބޭރުކުރާ މިންވަރު ކުޑަކުރަން އިންޑިއާއަށް އެހިވާނަން


ކާބަން ދުންތައް ބޭރުކުރުން ކުޑަކުރުމަށް އިންޑިޔާއިން ކުރަމުން ގެންދާ މަސައްކަތްތަކަށް މާލީ ގޮތުންނާއި ފަންނީގޮތުން އެހީތެރިވާނެ ކަމަށް ފަރަންސޭސިވިލާތުން ބުނެފިއެވެ. ރަސްމީ ދަތުރުފުޅެއްގައި އިންޑިޔާއަށް ވަޑައިގެން އުޅުއްވާ ފަރަންސޭސި ރައީސް ފްރާންސްވާ އޮލާންދް ވިދާޅުވީ ކާބަން ދުންތައް ބޭރުކުރާ މިންވަރު ކުޑަކުރުމަކީ އިންޑިޔާގެ ތަރައްގީގެ ލަނޑުދަނޑިއެއް ކަމަށާ އެކަމުގައި އިންޑިޔާއަށް އެހީތެރިވާނެ ކަމުގެ ޔަގީންކަން ދެއްވާކަމަށެވެ. ފަރަންސޭސި ރައީސް ފްރާންސްވާ އޮލާންދް މިމޭރުމުން ވާހަކަ ދައްކަވާފައިވަނީ އިންޑިޔާގެ އުތުރުގެ ޗަންދިގާރު ސިޓީގައި ކުރިޔަށްދާ އިންޑިޔާއާއި ފަރަންސޭސިވިލާތުގެ ވިޔަފާރީގެ ސަމިޓްގައެވެ. މިސަމިޓްގައި އިންޑިޔާގެ ބޮޑުވަޒީރު ނަރަންދުރަ މޯދީ އާއެކު އޮލާންދް ވެސް ބައިވެރިވެ ވަޑައިގަންނަވައެވެ. ދުނިޔޭގެ ޖައްވު ތަޣައްޔަރުކުރާ އަދި ތިމާވެއްޓަށް ގެއްލުންދޭ ކާބަން ގޭސްތައް ބޭރުކުރާ މިންވަރު ދަށްކުރުމަށްޓަކައި ތިމާވެއްޓަށް ގެއްލުން ނުލިބޭ ސާފު ހަކަތައިގެ މިންވަރު ސާޅީސް އިންސައްތައަށް އިތުރު ކުރުމަކީ ކުރިޔަށްއޮތް ފަނަރަ އަހަރު ތެރޭގައި ހާސިލް ކުރުމަށް އިންޑިޔާ ކަނޑައަޅާފައިވާ ލަނޑުދަނޑިއެކެވެ.