މާލެ ސަރަޙައްދުގައި ކުނި ވަކިކޮށްގެން ނަގަން ފެށިތާ ހަފްތާއެއްވވަނީ ވެފައެވެ. މިވެގެންދިޔަ ހަފްތާގެ މަސައްކަތަށް ބަލާއިރު ކުނިވަކިކޮށް އުކާލުމަށް މިހާރު އެކުލަވާލާފައިވާ ޕްލޭން ކާމިޔާބުކަމާއެކު ތަންފީޒުވެގެންދާނެކަމުގެ ޔަގީންކަން ލިބިގެން ގޮސްފައިވާ ކަމަށް ވެމްކޯއިން ހާމަކޮށްފިއެވެ.
ގޭބިސީތަކުން އުފައްދާ ކުނި ވަކިކޮށްގެން އުކަން ފަށާފައިވަނީ މިމަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ. މިއީ ކުރެވިދާނެކަމެއްކަމާމެދު އެތައް ބަޔަކު ސުވާލު އުފައްދާފައިވަނިކޮށް ފެށި މިމަސައްކަތަށް ހަފްތާއެއްވީއިރު ވެމްކޯއިންވަނީ ތަފާސްހިސާބު ހާމަކޮށްފައެވެ. ވެމްކޯއިން ނެރުނު ތަފާސްހިސާބުތަކަށް ބަލާއިރު މާލެ ސަރަޙައްދުން ކުނި ނެރުނު ގޭބިސީތަކުގެތެރެއިން 15 އިންސައްތަ ގޭބިސީން ކުނި ނެރެފައިވަނީ އުސޫލުގައި ބަޔާންކުރާ ފަދައިން އެކި ބާވަތްތައް ރަނގަޅަށް ބަންދުކޮށްގެންނެވެ.
މިވޭތުވެދިޔަ ހަފްތާގައި ވެމްކޯއިން ނަގާފައިވާ ކުނީގެ 51 އިންސައްތައަކީ އެހެނިހެން ކުނީގެ ބާވަތްތައްކަމަށާއި 49 އިންސައްތަ ކުންޏަކީ ފަނާވާ ޒާތުގެ ކުނިކަމަށް ވެމްކޯއިން ހާމަކުރެއެވެ. މީގެއިން އެނގިގެންދަނީ ގިނަ ގޭބިސީތަކުން އަދިވެސް ކުނި ވަކިކުރަންޖެހޭ ގޮތަށް ކުނި ވަކި ނުކުރާކަންކަމުގައި ވެމްކޯއިން ބުނެއެވެ. ވެމްކޯއިން ބުނީ އުސޫލާއެއްގޮތަށް ކުނި ވަކިކުރާނަމަ މާލެ ސަރަޙައްދުން އެއްކުރާ ކުނީގެ ތެރޭގައި 65 އިންސައްތަ ވާންޖެހޭނީ ފަނަވާ ޒާތުގެ ކުންޏަށް ކަމަށާއި 22 އިންސައްތަ އެހެނިހެން ކުނި އަދި 13 އިންސައްތައަކީ ޕްލާސްޓިކްގެ ބާވަތްތައް ކަމަށް ވެމްކޯއިން ބުނެއެވެ. ވެމްކޯއިން ހާމަކޮށްފައިވާ ގޮތުގައި ގޭބިސީތަކުން އުކާލާ ޕްލާސްޓިކް ފުޅީގެ އެކި ބާވަތްތަކުން ވަނީ 27 އިންސައްތަ އިތުރުވެފައެވެ.
ބައެއް ގޭބިސީތަކުން ކުނި ރަނގަޅަށް ވަކިކޮށްގެން ނެރޭއިރުވެސް ވެމްކޯއިން ކުނިތައް އެއްކޮށް ކޮމްޕެކްޓްކުރާކަމުގެ ޝަކުވާއާއި ގުޅިގެން ވެމްކޯއިން ބުނީ ކުނި ނެގުމަށް މިހާރު 2 ކޮމްޕެކްޓަރ ޓްރަކް ބޭނުންކުރަމުން އަންނަކަމަށެވެ. މީގެތެރެއިން އެއް އުޅަނދަކީ ރަނގަޅަށް ވަކިކޮށްފައިވާ ކުނި ނެގުމަށް ބޭނުންކުރާ އުޅަނދެއްކަމަށާއި އަނެއް އުޅަނދު ބޭނުންކުރަނީ އެންމެ ރަނގަޅަށް ވަކިނުކޮށް ހުންނަ ކުނި ނަގަންކަމަށް ވެމްކޯއިން ބުނެއެވެ. އެހެންކަމުން ރަނގަޅަށް ބަންދުކޮށްފައި ހުންނަ ކުނި ވެމްކޯއިން އެއްކޮށްގެން ނުގެންދާނެކަމަށް ވެމްކޯއިން ބުނެއެވެ.
ވެމްކޯއިން ބުނީ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ފާހަގަކުރެވުނު އަނެއްކަމަކީ ނެތިފަނާވެދާ ފަދަ ކުނިވެސް ޕްލާސްޓިކް ފުޅިބުރިއަށް އަޅާފައި ހުންނަކަމަށެވެ. އެގޮތަށް ޢަމަލުނުކުރުމަށް ވެމްކޯއިން އިލްތިމާސްކުރެއެވެ.
ކުނިވަކިކޮށްގެން ނެގުމުގެ ކޮންސެޕްޓަކީ ރާއްޖޭގައި މީގެކުރިންވެސް ތަންފީޒުކުރަން މަސައްކަތްކޮށް އެކަށީގެންވާ ގޮތުގައި ކުރިއަށް ނުގެންދެވުނު މަސައްކަތެކެވެ. އެހެންނަމަވެސް އެކި ބަދަލުތަކާއެކު މިމަސައްކަތް މިހާރު މުޅި ރާއްޖޭގައި ކުރަން މިމަހުވަނީ ފަށާފައެވެ. މިގޮތުންވެސް އެންމެ ގޮންޖެހުން ބޮޑު ސަރަޙައްދަކީ މާލެ ސަރަޙައްދެވެ. ރާއްޖެއަށް އައު ކޮންސެޕްޓެއްކަމުން މިކަމަށް އަހުލުވެރިވެ ރަނގަޅު ގޮތުގައި މަސައްކަތް ހިންގައިގަތުމަށް ވަގުތު ނަގާނެކަމަށް މިނިސްޓްރީ އޮފް އެންވަޔަރަމަންޓްއިން ވިދާޅުވެއެވެ. ތިމާވެށީގެ މައްސަލަ ތަކުގެ ތެރެއިން ކުރިމަތިވެފައިވާ އެންމެ ބޮޑު އެއްމައްސަލައަކީ ރައްކާތެރިގޮތުގައި ކުނި މެނޭޖްނުކުރެވުމުގެ މައްސަލައެވެ. ކުނި މެނޭޖްކުރުމުގެ ގަވާއިދުގެ ދަށުން ކުނި ވަކިކޮށްގެން ނެގުމަށް މިފެށި ފެށުމަކީ މިމައްސަލަ ޙައްލުކުރުމަށް ކުރެވޭ މުހިއްމު މަސައްކަތެކެވެ.