ޚަބަރު

ހުޅުމާލެ ފޭސް 1 އާއި 2ގެ މަގުހެދުމުގެ މަސައްކަތުގެ ބޮޑުބައި ނިމިއްޖެ


ހުޅުމާލެ ފޭސް 1 އާއި 2 ގެ މަގުހެދުމުގެ މަސައްކަތުގެ ބޮޑުބައެއް މިހާރު ނިމިފައިވާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީން ވިދާޅުވެއްޖެއެވެ.

އެޗްޑީސީން ބުނީ ހުޅުމާލޭގެ މަގުހެދުމުގެ މަސައްކަތުގެ ދަށުން ފޭސް 1 ގެ ބާކީހުރި މަގުތަކާއި ފޭސް 2 ގެ ސްޓޭޖް 2 ގެ މަގުތައް ތަރައްގީކުރުމުގެ މަސައްކަތުގެ ތެރެއިން މިހާރު %75 ނިމިފައިވާ ކަމަށެވެ. އެގޮތުން ފޭސް 1 ގައި 10 މަގު ހަދަމުންދާއިރު، މިއީ ޖުމްލަ 1.95 ކިލޯމީޓަރުގެ މަގު ކަމަށް އެޗްޑީސީން ބުނެއެވެ. އަދި ފޭސް 2 ގައި 33 މަގު ހަދަމުންދާއިރު މިއީ ޖުމްލަ 6.15 ކިލޯމީޓަރުގެ މަގު ކަމަށް އެކުންފުނިން ބުނެއެވެ.

މުޅި މަޝްރޫޢަށް ބަލާއިރު ފޭސް 1 ގެ %57، ފޭސް 2 ގައި %82 މަސައްކަތް މިހާރު ނިމިފައިވާ ކަމަށް އެޗްޑީސީން ބުނެއެވެ. އަދި ތާރު އެޅުމުގެ މަސައްކަތުގެ ތެރެއިން ފޭސް 1 ގެ %44، ފޭސް 2 ގެ %47 ވަނީ ނިންމާލާފައެވެ.

2019 ވަނަ އަހަރުގެ ޖޫންމަހުގެ ތެރޭގައި މަސައްކަތް ފަށައިގެން ކުރިއަށްދާ މި ޕްރޮޖެކްޓްގެ މަސައްކަތް އެއްކޮށް ނިންމާލެވޭނީ މިއަހަރުގެ އޮކްޓޯބަރު މަހުގެ 20 ވަނަ ދުވަހަށް ކަމަށް އެޗްޑީސީން ބުނެއެވެ.

މަގުތައް ހަދާ ނިމުމާއިއެކު ފޭސް 1 އާއި ފޭސް 2 ގައި ދިރިއުޅޭ ފަރާތްތަކަށާއި ވިޔަފާރި ކުރުމުގައާއި އެހެނިހެން ބޭނުންތަކަށްވެސް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެއެވެ. މިހުރިހާ މަގެއްވެސް ހަދަނީ އެންމެ ޒަމާނީ ފެންވަރަށް މަގުތަކުގައި ލައިޓްހަރުކޮށް މަގުތައް އަލިކޮށް އޮންނާނެ ގޮތަކަށެވެ.

އެޗްޑީސީން މީގެކުރިންވެސް ވަނީ ހުޅުމާލެ މަގުތަކަކީ އަމާން ތަނެއްގެ ގޮތުގައި ބޭއްވުމަށްޓަކައި މަގުތައް ލައިޓް ހަރުކޮށްފައެވެ. މީގެއިތުރުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި މީހުން އާބާދުވާން ފަށާފައިވާ ހިޔާ ސަރަހައްދުގެ މަގުތަކުގައި ތާރު އަޅާ ނިންމާ އާއްމުކޮށް ވަނީ ހުޅުވާލާފައެވެ.