މުނިފޫހިފިލުވުން

ނެޓްފިލްކްސްގެ 3 ވަނައަށް "ސްޓްރޭންޖާ ތިންގްސް 4"


ނެޓްފްލިކްސްއިން ތިންވަނައަށް އެންމެ ގިނަ މީހުން ބެލި އިނގިރޭސި ސީރީޒަކަށް ނެޓްފްލިކްސްގެ އެންމެ ވަރުގަދަ ސީރީޒް "ސްޓްރޭންޖާ ތިންގްސް" ގެ ހަތަރުވަނަ ސީޒަން ވެއްޖެއެވެ.

ދެބަޔަކަށް ބަހާލައިގެން ގެނެސްދޭން ހަމަޖައްސާފައިވާ މި ސީރީޒްގެ ފުރަތަމަ ބައި މިދިޔަ މަހު 27 ގައި ރިލީޒްކުރުމާއިއެކު މުޅި އިންޓަނެޓް ގުޑުން އަރުވާލިއެވެ. ސީރީޒްގެ ފުރަތަމަ 7 އެޕިސޯޑު ޕްރިމިއާކުރި ހަފްތާ ބަންދަކީ ނެޓްފްލިކްސްގެ މިހާތަނަށް އެންމެ ބޮޑު ޕްރިމިއާއެއް ބޭއްވި ހަފްތާ ބަންދެވެ.

"ސްޓްރޭންގާ ތިންގްސް" ގެ ހަތަރު ސީޒަން އެއްކޮށްގެން ހިސާބު ހަދާއިރު އެއް ހަފްތާ ތެރޭގައި 50 ބިލިއަން މިނިޓް މި ސީރީޒް ބަލާފައިވެއެވެ. މިއާއިއެކު މި ސީރީޒްވެފައިވަނީ ނެޓްފްލިކްސްއިން މިހާތަނަށް ތިންވަނައަށް އެންމެ ގިނައިން ބެލި އިނގިރޭސި ސީރީޒަށްވެފައެވެ.

ނެޓްފްލިކްސް އިން ދެވަނައަށް އެންމެ ގިނައި ބެލި އިނގިރޭސި ސީރީޒަކަށް އޮތީ "ބްރިޖެޓަން" ގެ ދެވަނަ ސީޒަންގައެވެ. "ބްރިޖެޓަން" ގެ ދެވަނަ ސީޒަން ބަލާފައި ވަނީ ހަފްތާއެއްގެ ތެރޭގައި 251.74 މިލިއަން ގަޑިއިރެވެ. 571.76 މިލިއަން ގަޑިއިރު ބަލައިގެން އެންމެ ކުރީގައި އަދިވެސް އޮތީ ދެކުނު ކޮރެއާގެ ކާމިޔާބު ސީރީޒް "ސްކްއިޑް ގޭމް" އެވެ.

ސީރީޒްގެ ޕްރޮޑިއުސަރުން ކަމަށްވާ މަޝްހޫރު ޑަފާ ބްރަދާސް ބުނި ގޮތުގައި އާ ސީޒަންގައި ނުވަ އެޕިސޯޑް ހިމެނޭނެއިރު ކޮންމެ އެޕިސޯޑެއް ގަޑިއިރަކަށް ވުރެ ދިގުވާނެ އެވެ. އެ މީހުން ސިފަކުރި ގޮތުގައި މިއީ ސްޓްރޭންޖާ ތިންގްސް "ގޭމް އޮފް ތުރޯންސް" ސީޒަނެވެ.

2016 ވަނަ އަހަރު ދައްކަންފެށި "ސްޓްރޭންޖާ ތިންގްސް" ތިންވަނަ ސީޒަން އަށް ފަހު ބްރޭކަކަށް ދިޔައީ 2019 ވަނަ އަހަރުއެވެ. އޭގެ ފަހުން ގިނަ ދުވަސްތަކެއްވީ އިރު ފޭނުން ތިބީ ހަތަރު ވަނަ ސީޒަނަށް ކެތްމަދުވެފަ އެވެ.

"ސްޓްރޭންޖާ ތިންގްސް 4" ގެ ބާކީ އޮތް ދެ އެޕިސޯޑު ރިލީޒްކުރާނީ އަންނަ ޖުލައި މަހުގެ ފުރަތަމަ ދުވަހުއެވެ.