ޚަބަރު

ރާއްޖެ، ބައިނަލްއަޤުވާމީ ކުޅިވަރު މުބާރާތްތައް ހޯސްޓްކުރުމާ ދިމާއަށް


އިންޑިއާ ސަރުކާރުގެ އެހީގައި ރާއްޖޭގައި ތަރައްޤީކުރާ ކްރިކެޓް ދަނޑުގެ މަސައްކަތް ކުރިއަށް އޮތް 3 މަހެއްހައި ދުވަހުގެ ތެރޭގައި ބަޔަކާ ޙަވާލުކުރެއްވުމަށް މަސައްކަތްކުރައްވަމުންދާކަމަށް އިންޑިއާގެ އެގްޒިމް ބޭންކުން ވަނީ ހާމަކޮށްފައެވެ.

ރާއްޖޭގެ ނޫސްވެރިން އިންޑިއަށް ކުރި ތަޖުރިބާ ހޯދުމުގެ ދަތުރުގައި އެގްޒިމް ބޭންކުގެ އިސްވެރިންނާއެކު ބޭއްވި ބައްދަލުވުމުގައި ރާއްޖޭގައި އެގްޒިމް ބޭންކުގެ އެހީގައި ކުރިއަށްގެންދާ މަޝްރޫޢުތަކާ ގުޅޭގޮތުން ސުވާލުކުރުމުން އެގްޒިމް ބެންކުން ބުނީ މިމަޝްރޫޢުގެ މިހާރު ކުރިއަށްދަނީ ކޮންޓްރެކްޓަރ ފައިނަލައިޒް ކުރުމުގެ މަސައްކަތްތައް ކަމަށެވެ. އަދި ކުރިއަށް އޮތް 3 މަހެއްހައި ދުވަހުގެ ތެރޭގައި މިމަސައްކަތް ބަޔަކާ ޙަވާލުކުރުމަށް މިހާރު މަސައްކަތްކުރަމުންދާކަމަށް އެގްޒިމް ބޭންކުން ބުނެއެވެ. މިއީ ގާތްގަނޑަކަށް 40 ނުވަތަ 45 މިލިއަން ޑޮލަރުގެ މަޝްރޫޢެއްކަމަށްވެސް އެގްޒިމް ބޭންކުން ބުނެއެވެ.

ރާއްޖެއަކީ ކްރިކެޓު، މާ ފުޅާ ދާއިރާއެއްގައި ކުޅޭ ޤައުމަކަށް ނުވާއިރު މިފަދަ ޕްރޮޖެކްޓެއްގެ ބޭނުމާ ގުޅޭގޮތުން ނޫސްވެރިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އެގްޒިމް ބެންކުގެ މެނޭޖްމަންޓުން ވިދާޅުވީ މިއީ ދުރު ވިސްނުމެއްގައި ކުރިއަށްގެންދާ މަޝްރޫޢުތައްކަމަށެވެ. އެގޮތުން ދެކުނު އޭޝިއާގެ ޤައުމުތަކުގައި ކްރިކެޓްގެ ވާދަވެރިކަން ބޮޑުވެފައި ރާއްޖެއަކީ ފަތުރުވެރިކަމަށް ބަރޯސާވާ ޤައުމެއްކަމުން މިއީ ސްޕޯޓްސް ޓޫރިޒަމްގެ ދައިރާއިން ރާއްޖެއަށް ހުޅުވޭ ދޮރެއްގެ ގޮތުގައި އެގްޒިމް ބޭނުން ބުނެއެވެ. މީގެ ސަބަބުން މިސަރަޙައްދުގައި ބާއްވާ ކްރިކެޓްގެ ބޮޑެތި މުބާރާތްތައް ރާއްޖެއަށް ހޯސްޓްކުރުމުގެ ފުރުސަތު ލިބިގެންދާނެކަމަށް އެބޭންކުން ފާހަގަކުރެއެވެ. އަދި މިއީ ރާއްޖެއިން އެކަމަށް ޝައުޤުވެރިވާތީ އެކަމަށް އެހީވުމުގެގޮތުން ކުރެވޭ ކަމެއްކަމަށްވެސް އެބޭންަކުން ބުނެއެވެ.

ރާއްޖޭގެ ފަތުރުވެރިކަން ސިންދަފާތުކުރުމަށް ސަރުކާރުން އަންނަނީ އެކި ބާވަތުގެ ފަތުރުވެރިކަން ތަޢާރަފްކޮށް ރާއްޖެ އިސްތިހާރުކުރުމުގެ މަސައްކަތް ކުރަމުންނެވެ. ދުނިޔޭގެ އެހެން ބައެއް ޤައުމުތަކުގައިވެސް ކުޅިވަރު މުބާރާތްތަކާއި ފިލްމް ފެސްޓިވަލްފަދަ ބޮޑެތި ޙަރަކާތްތައް، އެކުޅިވަރުތަކާއި ޙަރަކާތްތައް އިންތިޒާމުކުރާ ޤައުމުތައް ނޫން ޤައުމުތަކުގައި ހޯސްޓްކުރުމަކީ ކުރަމުން އަންނަކަމެކެވެ.

ރާއްޖޭގައި ތަރައްޤީކުރާ ކުރިކެޓް ދަނޑު ހެދުމާ ގުޅޭ އިތުރު ތަފްސީލްތަކެއް ރާއްޖޭގެ ސަރުކާރުންވެސް އަދި އިންޑިއާގެ ސަރުކާރުންވެސް މިހާތަނަށް މާ ތަފްސީލުކޮށް ހާމަކުރައްވާފައެއް ނުވެއެވެ. ނަމަވެސް ހުޅުމާލޭގައި މިކަމަށްޓަކާ ޚާއްސަ ސަރަޙައްދެއް މިހާރު ކަނޑައަޅާފައިވާކަމުގެ މަޢުލޫމާތު ޕީއެސްއެމް ނިއުސްއަށްވަނީ ލިބިފައެވެ.

ރާއްޖޭގައި އެންމެ މަޤުބޫލު ކުޅިވަރުތަކުގެ ލިސްޓުގައި މީގެ އެތައް އަހަރެއް ކުރިން ކުރިކެޓް އޮތްނަމަވެސް މިކުޅިވަރަށް ދިވެހިންގެ މެދުގައި އެހާބޮޑު ތަރުހީބެއް މިހާރަކު ނެތެވެ. ރާއްޖޭގައި މިކުޅިވަރު ކުޅޭ ބައެއް ފަރާތްތަކުން ކުރިކެޓު ކުޅުމަށްޓަކާ އެކުވެނި ޓްރެކްގައި ވަކި ބައެއް ބޭނުންކުރަމުންދިޔަ ނަމަވެސް އެއީ ޢާއްމުކޮށް ހުޅުވާލައިގެން މީހުން ކަސްރަތު ކުރުމަށްދާ ސަރަޙައްދުކަމަށްވުމުން އެދެވޭ ގޮތުގައި މި ކުޅިވަރު ކުރިއެރުވޭނެ ފުރުސަތުވެސް ވަނީ ހަނިވެފައެވެ.