ދައުލަތުގެ ރިޒާވްގެ ތެރެއިން ބޭނުން ކުރެވޭނެ، ޚަރަދުކުރެވޭނެ މިންވަރު ނުވަތަ ޔޫޒަބްލް ރިޒާވަކީ އެމްއެމްއޭގެ ތަފާސްހިސާބުތަކުން ގުނާލެވޭނެ އެއްޗެއްކަމަށް އެމްއެމްއޭއިން ވިދާޅުވެއްޖެއެވެ.
މިދިޔަ ހަފްތާގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދައުލަތު ރިޒާވްގެ ތެރެއިން ބޭނުން ކުރެވެންހުންނަ ރިޒާވް ޢާންމުކުރާނީ އެމްއެމްއޭއިން ކަމަށް ވަނީ ވިދާޅުވެފައެވެ. އަދި މިހާރު ޔޫޒަބަލް ރިޒާވަކީ ޢާންމުކުރާ ޢަދަދެއް ނޫންކަމަށް ރާއީސް ވަނީ ވިދާޅުވެފައެވެ.
މިކަމާ ގުޅޭގޮތުން މިއަދު ބޭއްވި، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމުގައި އެމްއެމްއޭ ގަވަރނަރު ޢަލީ ހާޝިމަށް ވަނީ ސުވާލު އަމާޒުވެފައެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުން ގަވަރނަރު އަލީ ހާޝިމް ވިދާޅުވީ، އެމްއެމްއޭއިން މައިގަނޑު ގޮތެއްގައި ކުރާ އެއް މަސައްކަތަކީ އެކި ތަފާސްހިސާބުތައް ޢާންމުކުރުން ކަމަށެވެ. އަދި މިހާތަނަށް ހުރިހައި ތަފާސްހިސާބެއްވެސް އަދާހަމަކޮށްފައިވާނެކަމަށާ، މިހާރު ނެރެފައި ހުރި ތަފާސްހިސާބުތަކުން ޔޫޒަބްލް ރިޒާވް ނުވަތަ ނެޓް ރިޒާވް ގުނާލެވޭނެ ކަމަށެވެ.
އެމްއެމްއޭއިން ވިދާޅުވި ގޮތުގައި ނެޓް ރިޒާވް އާންމުކުރާ އޫސޫލަށް ބަދަލު ގެނެސްފައިވަނީ އައިއެމްއެފްއިން އެކަމަށް ލަފާ ދިނުމުންނެވެ. އަދި މިހާރުވެސް ނެޓް ރިޒާވް ވަކިން ޢާންމުނުކުރި ނަމަވެސް އެމްއެމްއޭގެ ތަފާސްހިސާބުތައް ބެލީމަ އެކަން އެނގޭނެކަމަށް އެމްއެމްއޭއިން ވިދާޅުވިއެވެ.
"2018އިގަ އައިއެމްއެފްއިން އިރުޝާދު ދިނީ، އެއީ އެބޭފުޅުން ވަރަށް ކުރިން ގެންގުޅުނު މިންގަނޑެއް ކަމަށް. މިހާރު ޤައުމުތަށް އަޅާ ކިޔާއިރު ގެންގުޅޭ މިންގަނޑެއް ނޫނޭ އާ މިންގަނޑަށް ދާށޭ. މިހާރު އެއޮތީ އެ މިންގަނޑާއި އެއްގޮތައް ޑޭޓާ ޕަބްލިޝްކޮށްފައި. އެ ޑޭޓާތަކުން ނެޓް ރިޒާވް ކަލްކިއުލޭޓް ކުރެވޭނެ. ބައެއް ބޭފުޅުންނަށް އެނގޭނެ އެ ކަލްކިއުލޭޓް ކުރާނެ ގޮތް." ހާޝިމް ވިދާޅުވިއެވެ.
ދައުލަތުގެ އިންފްލޭޝަން މައްޗަށްގޮސް، ރިޒާވް ހުސްވެދާނެކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ. ނަމަވެސް މިކަމަށް އިޝާރާތް ކުރައްވާ އެމްއެމްއޭއިން ވިދާޅުވީ، ދައުލަތު ރިޒާވް ހުރި ޙާލަތާއި މިހާތަނަށް ފެންނަން ހުރި ހިސާބުތަކުން އެ ހާލަތަށް އަދި ދާނެކަމަށް ނުބެލެވޭ ކަމަށެވެ.
އެމްއެމްއޭއިން ވިދާޅުވީ ނެޓް ރިޒާވް މިހާރު ހުރީ 316 މިލިއަން ޑޮލަރުގައި ކަމަށެވެ. އަދި އަހަރު ނިމޭއިރު ހުންނާނީ 214 މިލިއަން ޑޮލަރުގައި ކަމަށްވެސް އެމްއެމްއޭއިން ލާފަ ކުރައްވައެވެ.
ދައުލަތުގެ ޚަރަދުތައް އިތުރުވެ ދަރަނިތައް ނުދެއްކޭ ހާލަތައް ދައުލަތް ހިނގައިދާނެތޯ މާލީއްޔަތު ކޮމެޓީގައި މެމްބަރުންވަނީ ސުވާލު ކުރައްވާފައެވެ. އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާޢީލާއި ފިނޭންސް މިނިސްޓަރވެސް ބައިވެރިވެވަޑައިގެންނެވި މި ބައްދަލުވުމުގައި ސަރުކާރުންވަނީ އެފަދަ ހާލަތަކަށް ރާއްޖޭ ނުގޮސް މެދު ރާސްތާ އަދި ދުރުރާސްތާ މިނގަނޑަކުން ދަރަނި ދެއްކޭނެ ކަމުގެ ޔަޤީންކަން އޮތް ކަމަށް ވިދާޅުވެފައެވެ.