ޚަބަރު

ކޯވިޑްގެ ކޭސްތައް އަނެއްކާވެސް އަންނަނީ ގިނަވަމުން، ސަމާލުވޭ: އެޗްޕީއޭ


ވޭތުވެދިޔަ މަސްތަކުގައި ކޯވިޑް-19 ގެ ކޭސްތައް ރާއްޖޭގައި މަދުވެފައި އޮތުމަށްފަހު އަނެއްކާވެސް ގިނަވަމުން އަންނަ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ވޭތުވެދިޔަ ހަފްތާގައި ކޯވިޑުގެ 142 ކޭސް ވަނީ ފެނިފައެވެ. މިއީ އޭގެ ކުރީ ހަފްތާއާ އަޅާ ބަލާއިރު %69 އިތުރު ވުމެކެވެ. އަދި ސާމްޕަލް ޕޮޒިޓިވްވާ މިންވަރާއި ހޮސްޕިޓަލުގައި އެނދުމަތި ކޮށްގެން ފަރުވާދޭ މީހުންގެ އަދަދުވެސް އިތުރުވަމުން އަންނަ ކަން ފާހަގަކުރެވިފައިވާ ކަމަށް އެޗްޕީއޭއިން ހާމަކުރެއެވެ. އެގޮތުން ފާއިތުވި މޭމަހު ކޯވިޑް ޖެހިގެން ރާއްޖޭގައި އެޑްމިޓް ކޮށްފައިވަނީ މުޅިއެކު 15 މީހުން ކަމަށާއި، ނަމަވެސް މިޖޫންމަހުގެ 12 ވަނަ ދުވަހާއި ހަމައަށް އެޑްމިޓްކޮށްގެން 11 މީހަކަށް ފަރުވާދޭން ޖެހިފައިވާ ކަމަށް އެޗްޕީއޭއިން ހާމަކުރެއެވެ.

އެހެންކަމުން ކޯވިޑް-19 ގެ ހާލަތު އަލުން ގޯސްވިޔަ ނުދިނުމަށްޓަކައި ބަލިން ރައްކާތެރިވުމަށް ސަމާލުކަން ދިނުމަށް އެޗްޕީއޭއިންވަނީ އިލްތިމާސްކޮށްފައެވެ.

ކޯވިޑް-19 ގެ ހާލަތު އަލުން ގޯސްވިޔަ ނުދިނުމަށް ސަމާލުކަން ދޭންވީ ކަންތައްތައް

* ބަލީގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ، ވީހާ އަވަހަކަށް އެހެން މީހުންނާ އެކަހެރިވެ، ޓެސްޓް ކުރުން
* މާސްކް އެޅުން: ޚާއްސަކޮށް ބަލީގެ އަލާމާތްތައް ހުރި ފަރާތްތަކުން އަދި ބަލީގެ ސަބަބުން ނުރައްކާވެދާނެ ފަރާތްތަކާއި
އެފަދަ ފަރާތްތަކާއެކު ދިރިއުޅޭ ނުވަތަ އެފަދަ މީހުން ބަލަހައްޓާ މީހުންނާއި ސިއްހީ ޚިދުމަތްދޭ މަރުކަޒުތަކުގައާއި
އެތަންތަނަށް ޒިޔާރަތްކުރާއިރު
* ކޯވިޑަށް ޕޮސިޓިވް ވެއްޖެ ނަމަ އެކަހެރިވުމާއި ކޮންޓެކްޓުންގެ މައުލޫމާތު ފޯރުކޮށްދިނުން
* ވެކްސިންގެ ޑޯޒުތައް ފުރިހަމަ ނުވާ ފަރާތްތަކުން ވެކްސިން ފުރިހަމަ ކުރުން: 12 އަހަރުން މަތީގެ ފަރާތްތަކަށް ވެކްސިންގެ ދެ ޑޯޒު އަދި 18 އަހަރުން މަތީގެ ފަރާތްތަކުގެ ތެރެއިން ދެޑޯޒު ފުރިހަމަ ކޮށް 6 މަސްވެފައިވާ ފަރާތްތަކަށް ބޫސްޓަރ ޖެހުމުގެ އިންތިޒާމުތައް މިހާރުވެސް ވަނީ ހަމަޖެހިފައެވެ. މާލެ ސަރަހައްދުގައި ވެކްސިން ޖަހާ ސެންޓަރުތަކާއި ގަޑިތައް ކޯވިޑް-19 ވެބްސައިޓުން ފެންނަން ހުންނާނެ

ދުނިޔޭގައި އަދިވެސް ޕެންޑެމިކްގެ ހާލަތު ދެމިއޮތުމާއެކު ބައެއް ޤައުމުތަކުގައި މިހާރުވެސް ކޯވިޑްގެ ހާލަތު އަންނަނީ ގޯސް ވަމުންނެވެ. އެހެންނަމަވެސް ރާއްޖޭގެ ހާލަތު އިތުރަށް ގޯސްވިޔަ ނުދިނުމަށްޓަކައި އަދި ބަލީގެ ނުރައްކާ ބޮޑު ފަރާތްތައް ބަލިން ރައްކާތެރި ކުރުމަށްޓަކައި ހުރިހާ ފަރާތްތަކުންވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިންވަނީ އިލްތިމާސްކޮށްފައެވެ.