ޚަބަރު

ހައްދުންމަތީ ކެންސަރު ހޮސްޕިޓަލާއެކު މިބަލީގެ ފަރުވާ ރާއްޖެއިން


ރާއްޖޭގައި ކެންސަރަށް ފަރުވާ ހޯދާ މީހުންގެ ޢަދަދު އަހަރުން އަހަރަށް އަންނަނީ އިތުރުވަމުންނެވެ. ބޭސްފަރުވާއަށް އާސަންދަ މެދުވެރިކޮށް ރާއްޖެއިން ބޭރަށް ދާ މީހުން އިތުރުވުމަކީ އޭގެ އަސަރު އިޤްތިޞާދަށް އެތައް ގޮތަކުން ކުރާކަމެކެވެ. އެހެންކަމުން މިފަރުވާ ރާއްޖޭގައި ހަމަޖެހޭނެ ގޮތް ހެދުމަކީ ސަރުކާރުގެ މުހިއްމު ސިޔާސަތެކެވެ.

ރާއްޖޭގެ ސިއްޙީ ނިޒާމަކީ އޭގެ ފައިދާ ރާއްޖޭގެ ހުރިހާ ހިސާބަކަށް ކުރާނެ ނިޒާމަކަށް ބަދަލުކޮށް ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ކުރާ ހޭދަ ކުޑަކުރުމަކީ ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދާ މަސައްކަތެކެވެ. ހަމައެއާއެކު ރާއްޖޭގައި ދާއިމީ ބޮޑެތި ބަލިތަކުގެ ތެރޭގައި ހިމެނޭ ކެންސަރާއި ގައިންގަޔަށް ނާރާ ބަލިތަކުގައި މީހުން މަރުވާ ޢަދަދު 2018 ވަނަ އަހަރު ހުރި ނިސްބަތަށްވުރެ 15 އިންސައްތަ ދަށްކުރުމަކީވެސް ސަރުކާރުގެ މުހިއްމު އަމާޒެކެވެ. އެހެންކަމުން މިކަންކަން ޙާސިލުކުރުމާއެކު ރާއްޖޭގެ އެކި ސަރަޙައްދުތައް ސިއްޙީ ފަރުވާގެ އެކި ކަންކަމަށް ޚާއްސަ ކުރުމަކީ ސަރުކާރުގެ ވިސްނުމެވެ. މިވިސްނުމާ އެއްގޮތަށް މީގެ ކުރިން ހުޅުމާލޭގައި ތަރައްޤީކުރުމަށް ނިންމާފައިވާ ކެންސަރ ހޮސްޕިޓަލްގެ މަސައްކަތް ހައްދުންމަތީ ގަމުގައި އަޅާގޮތަށް ސަރުކަރުންވަނީ ހަމަޖައްސާފައެވެ.

އިންޑިއާގެ އެގްޒިމް ބޭންކުގެ އެހީގައި ތަރައްޤީކުރާ މިހޮސްޕިޓަލްގެ ޑީޓެއިލް ޕްރޮޖެކްޓްގެ މަސައްކަތާއި ހޮސްޕިޓަލާއި ގުޅޭގޮތުން ހަދަންޖެހޭ ސަރވޭތައް ހެދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އެގްޒިމް ބޭންކުން ބުނެއެވެ. މިހާތަނަށް މިމަޝްރޫޢުގެ ދަށުން ގަމުގައި ކެންސަރ ހޮސްޕިޓަލް އަޅާ ސަރަޙައްދު ކަނޑައަޅާ އެސަރަޙައްދުގެ ސޮއިލް ޓެސްޓުކޮށްވަނީ ނިމިފައެވެ. އަދި ހޮސްޕިޓަލް ހިމެނޭ ސަރަޙައްދުގެ ވަށައިގެންވާ މަގުތައް ހެދުމުގެ މަސައްކަތްވެސް ކުރިއަށް ގެންގޮސްފައިވާ ކަމަށް ގަމު ހޮސްޕިޓަލުން ވިދާޅުވެއެވެ.

ރާއްޖޭގައި ކެންސަރަށް ފަރުވާ ހޯދާ މީހުންގެ ޢަދަދު އިތުރުވަމުން އަންނައިރު އާސަންދައިން ހާމަކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އާސަންދަ މެދުވެރިކޮށް މިދިޔަ އަހަރުވަނީ 29000އަށްވުރެ ގިނަ ފަހަރު އެކި ފަރާތްތަކުން ކެންސަރު ބައްޔަށް ފަރުވާ ހޯދާފައެވެ. އާސަންދަ މެދުވެރިކޮށް ކެންސަރަށް ފަރުވާ ހޯދުމަށް މިދިޔަ އަހަރު 116 މިލިއަނަށްވުރެ ގިނަ ރުފިޔާވަނީ ޚަރަދުކޮށްފައެވެ. ރާއްޖެއިން ކެންސަރަށް ފަރުވާ ހޯދުމަށް އެންމެ ގިނަ ބަޔަކު ދާ އެއް ޤައުމަކީ އިންޑިއާއެވެ. އެގޮތުން މިދިޔަ އަހަރު އެކަނިވެސް ކެންސަރަށް ފަރުވާ ހޯދުމަށް 762 މީހަކުވަނީ އާސަންދަ މެދުވެރިކޮށް ރާއްޖެއިން ބޭރަށް ފޮނުވާފައެވެ.