ސިއްހަތު

ރާއްޖޭގައި ޒިކާ ވައިރަސް އުޅޭތޯ ބެލުމުގެ މަސައްކަތް ފަށައިފި


ޑެންގީއާ އެއްގޮތް ޢަލާމާތްތަކެއް ހުންނަ ވައިރަހެއް ކަމުގައިވާ ޒިކާ ވައިރަސް ރާއްޖޭގައި އުޅޭތޯ ބެލުމުގެ މަސައްކަތް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ ޓީމަކުން ފައްޓަވައިފިއެވެ.  މި ޓީމުގައި ހިމެނެނީ ބެންކޮކްގެ އާމްޑް ފޯސަސް ރިސާޗް އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސަސްގެ ބޭފުޅުންނެވެ. ޒިކާ ވައިރަސް ރާއްޖޭގައި އުޅޭތޯ ބެލުމަށް ދުނިޔޭގެ ސިއްޚަތު ޖަމްޢިއްޔާގެ ޓީމުން މިހާރު އައިޖީއެމްއެޗުގެ ލެބޯރެޓަރީގައި މަސައްކަތް ކުރަމުން ގެންދާކަމަށް ހެލްތް މިނިސްޓްރީން ވިދާޅުވިއެވެ. އެމިނިސްޓްރީން ހާމަކުރައްވާ ގޮތުގައި މި ޓީމުން މަސައްކަތް ކުރާނީ ޒިކާ ވައިރަސްއާ ބެހޭ މައުލޫމާތު ޑޮކްޓަރުންނަށް ދިނުމާއި ޓެސްޓު ކުރާނެ މިންގަނޑުތައް އެކުލަވައިލުމުގައެވެ. މީގެ އިތުރުން ރާއްޖޭގެ ބައެއް ރަށްރަށަށް ވެސް ޒިޔާރަތްކޮށް ނަގާ ސާމްޕަލް ބެންކޮކަށް ފޮނުވައިގެން ޓެސްޓް ކުރުމުގެ މަސައްކަތްވެސް މި ޓީމުން ކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.  އަދި މި ވައިރަސްއަށް އައިޖީއެމްއެޗުގައި ޓެސްޓް ކުރެވޭނެގޮތް ތަކަކީ ކޮބައިތޯ ބެލުންވެސް މި ޓީމްގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނެއެވެ. ރާއްޖޭގައި ޒިކާ ވައިރަސް ހުރިތޯ ޓެސްޓް ކުރުމުގެ މަސައްކަތް ހެލްތް މިނިސްޓްރީން މި ފެއްޓެވީ ރާއްޖޭގައި 6 މަސްދުވަހު މަސައްކަތް ކުރުމަށްފަހު އެނބުރި ދިޔަ ފިންލޭންޑް މީހެއްގެ ގައިގައި ޒިކާ ވައިރަސް ހުރިކަން ޔަޤީންވެއްޖެކަމަށް ބުނެ އެ ގައުމުން ރާއްޖެއަށް އެކަން އެންގުމުންނެވެ.  ޒިކާ ވައިރަސް ފެތުރިފައިވާ ބައެއް ގައުމުތަކުގައި މި ވައިރަސްގެ އަސަރު ކުރި މާބަނޑުމީހުން ވިހާ ކުދިންގެ ބޯ، އާދައިގެ ޙާލަތުގެ ކުދިންގެ ބޯ ހުންނަ ވަރަށްވުރެ ކުޑަކަން ފާހަގަކުރެވިފައިވާތީ، ވޭތުވެދިޔަ އަށްއަހަރު ރާއްޖޭގައި ވިހާފައިވާ ކުދިންނަށް މިފަދަ މައްސަލައެއް ދިމާވެފައިވޭތޯ ބައްލަވާފައިވާ ކަމަށާއި، އެހެންނަމަވެސް އެފަދަ ކަމެއް ފާހަގަކުރެއްވިފައި ނުވާކަން ހެލްތް މިނިސްޓްރީން ވަނީ ހާމަކުރައްވާފައެވެ.  ހެލްތް މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް އޮފް ހެލްތް ސަރވިސަސް ޑރ ޝީޒާ އަލީ ވިދާޅުވީ މި ވައިރަސްއިން ރައްކާތެރިވުމަށް ކުރަންޖެހޭނީ ޑެންގީންވެސް ރައްކާތެރި ވުމަށް ކުރަންޖެހޭ ކަންކަން ކަމަށެވެ. މި ބަލި ޖެހުމުން ޑެންގީގެ އަލާމާތްތަކުގެ އިތުރުން، ގައިގައި ބިހި ތަކެއް ނަގައި ގައި ހިރުވާނެ ކަމަށް ޑރ.ޝީޒާ ވިދާޅުވިއެވެ. މި ވައިރަހުން ސަލާމަތްވުމަށް މަދިރި އުފެދޭ ތަންތަން ނައްތާލައި، މަދިރިން ސަލާމަތްވެ ތިބުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ-އެޗްޕީއޭއިން ބާރުއަޅުއްވައެވެ. އަދި މަދިރިން ސަލާމަތްވުމުގެ އިތުރު މަސައްކަތްތަކެއް ކުރަން ރާވާފައިވާކަމަށް އެޗްޕީއޭއިން ހާމަކުރެއްވިއެވެ.