ކުރީގެ މަޝްހޫރު ބަޠަލާ ސްރީދޭވީ އާއި ބޯނީ ކަޕޫރުގެ ދޮށީ އަންހެން ދަރިފުޅު ޖާންވީ ކަޕޫރަކީ ބޮލީވުޑްގައި މިހާރު އަރަމުން އަންނަ ތަރިއެކެވެ.
2018 ވަނަ އަހަރު ދެއްކި ޝަޝަންކް ކައިތާނުގެ "ދަޅަކް" އިން ބޮލީވުޑަށް ތަޢާރަފްވީ ޖާންވީ ވަނީ "ރޫހީ"، "ގުންޖަން ސަކްސޭނާ" އަދި "ގޯސްޓް ސްޓޯރީޒް" ފަދަ ފިލްމުތަކުންވެސް ފެނިފައެވެ. ބަޠަލާއަކަށް ވީނަމަވެސް ޖާންވީ އަކީ މީޑިއާ އާއި ވަރަށް ރައްޓެހި ތަރިއެކެވެ. ސޯޝަލް މީޑިއާގައި އެންމެ ގިނައިން ފެންނަނީ ޖާންވީ ޖިމްއަށް ދާ ފޮޓޯތަކާއި ވީޑިއޯތަކެވެ.
ޖާންވީ އަކީ އަބަދުވެސް އޭނާގެ އާއިލާއާއި ވަރަށް ގާތް ގުޅުމެއް އޮންނަ ތަރިއެކެވެ. ދާދިފަހުން ދިން އިންޓަވިއުއެއްގައި ޖާންވީ ބުނެފައިވާގޮތުގައި އޭނާގެ މަންމަ ސްރީދޭވީ ބޭނުންވީ ޖާންވީ ޑޮކްޓަރަކަށް ވާށެވެ. އެކްޓުކުރަން ބޭނުންވާ ވާހަކަ ބުނުމުން މަންމަ ފުރަތަމަ އެއްގޮތަކަށްވެސް އެކަމާއި އެއްބަސް ނުވި ކަމަށް ޖާންވީ ބުންޏެވެ. ނަމަވެސް ފަހުން ބައްޕަ ބޯނީ މަންމައާއި ވާހަކަ ދައްކައިގެން އޭނާއަށް އެކްޓިންގެ ދާއިރާއަށް ވަދެވުނީ ކަމަށް ޖާންވީ ބުންޏެވެ.
މިހާރު އުމުރުން 24 އަހަރުގެ ޖާންވީ އާއި ބައްޕަ ބޯނީ އެކުގައި ފުރަތަމަ ފަހަރަށް ސްކްރީނުން ފެންނަންވެސް މިހާރު ވަނީ ތައްޔާރުވެފައެވެ. މި ދެބަފައިން އެކުގައި ފެންނާނީ އިޝްތިހާރަކުންނެވެ. އަދި މި އިޝްތިހާރުގެ ޝޫޓިން ވަރަށް އަވަހަށް ފަށާނެއެވެ.
ޖާންވީ މިހާރު ދަނީ އޭނާގެ ކުރިއަށްއޮތް ފިލްމު "ބަވާލް" ގެ ޝޫޓިންތައް ކުރިއަށް ގެންދަމުންނެވެ. ޖާންވީ އާއިއެކު މި ފިލްމުގައި ވަރުން ދަވަންވެސް ފެންނާނެއެވެ.
ޖާންވީ ދެން އެންމެ އަވަހަށް ފެންނާނީ 2018 ވަނަ އަހަރު ދެއްކި ތަމަޅަ ކޮމެޑީ ކްރައިމް ފިލްމު "ކޮލަމަވޫ ކޮކީލާ" ގެ މައްޗަށް ބިނާކޮށް އުފައްދާ "ގުޑް ލަކް ޖެރީ" އިންނެވެ. ރާޖްކުމާރު ރާއޯއާއިއެކު ކުޅޭ "މިސްޓާ އެންޑް މިސިޒް މާހީ" އަކީވެސް ޖާންވީގެ ކުރިއަށްއޮތް ފިލްމެކެވެ.
ފިލްމު "ރޫހީ" އިންވެސް ޖާންވީ އާއިއެކު ފެނުނީ ރާޖްކުމާރު ރާއޯ އެވެ. މި ފިލްމުތަކުގެ އިތުރުން މަލަޔާލަމް ފިލްމު "ހެލަން" ގެ ހިންދީ ރީމޭކް "މިލީ" އިންވެސް ޖާންވީ ފެންނާނެއެވެ. މި ފިލްމުގައި ޖާންވީ އާއިއެކު ދެން ފެންނާނީ ސަނީ ކޯޝާލްއެވެ.