އިންޑިޔާގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތާ ގުޅިގެން ބޭއްވި ކުލަގަދަ ޕެރޭޑު ފަރަންސޭސި ރައީސް ފްޣޮންސުވާ އޮލޯންދް ބައްލަވާލައްވައިފިއެވެ. އިންޑިޔާގެ ފަސްދޮޅަސް ހަތްވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތު ފާހަގަ ކުރުމުގެ ގޮތުން ވެރިރަށް ނިއުދިއްލީގައި މިއަދު ބޭއްވި ޕެރޭޑް ޝަރަފުވެރިކޮށްދެއްވީ ފަރަންސޭސި ރައީސް އޮލޯންދެވެ. މި ޕެރޭޑުގައި އިންޑިޔާގެ އަސްކަރީ ބާރާއި މުއްސަނދި ސަޤާފަތް ދައްކުވައިދީފައިވެއެވެ. އިންޑިޔާގެ ރައީސް ޕަރްނާބް މުޖަރްޖީ އާއި ފަރަންސޭސި ރައީސް ފޮންސުވާ އޮލާންދް މިރަސްމިއްޔާތަށް ވަޑައިގަތުމުން އެދެބޭފުޅުންނަށް މަރްޙަބާ ދެންނެވީ އިންޑިޔާގެ ބޮޑުވަޒީރު ނަރަންދުރަ މޯދީއެވެ. މިރަސްމިއްޔާތުގައި އިންޑިޔާގެ ރައީސް އެޤައުމުގެ ދިދަ ނަންގަވައި ދެއްވުމާއެކުވަނީ އެކާވީސް ބަޑީގެ ސަލާމެއް އަރުވާފައެވެ. މި ޕެރޭޑްގައި ފަރަންސޭސި ސިފައިންގެ ގްރޫޕެއްވެސް ވެސް ބައިވެރިވެފައިވެއެވެ. މިއީ އިންޑިޔާގެ ޖުމްހޫރީ ދުވަހުގެ ޕެރޭޑެއްގައި ބޭރު ޤައުމެއްގެ ސިފައިން ބައިވެރިވި ފުރަތަމަ ފަހަރެވެ. ޖުމްހޫރީ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން އިންޑިޔާގެ ކަންކޮޅުތަކުގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފައިވާއިރު މިކަމަށްޓަކައި އިންޑިޔާ ފުލުހުންގެ ބައިލައްކައެއްހާމީހުން މަގުތަކަށް ނެރެފައިވާ ކަމަށް ޚަބަރުލިބެއެވެ.