މާލެ އަތޮޅު މާފުށީގެ ކުނި މެނޭޖު ކުރުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)އިން ހަވާލުވެ އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޖެނެރަލް މެނޭޖަރު އަޙްމަދު ޝަފީޢެވެ. މާފުށީ ކައުންސިލުގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް ޙުސައިން ޞަލާޙެވެ. މިމަޝްރޫޢުގެ ދަށުން ޒަމާނުއްސުރެ މާފުއްޓަށް ދިމާވެފައި އޮތް ކުނި މެނޭޖްކުރުމުގެ މައްސަލަ ޒަމާނީ ޙައްލެްް ލިބި ފުރިހަ ނިޒާމެއް ޤާއިމްކުރާނެއެވެ.
މިރަސްމިއްޔާތުގައި މިނިސްޓަރ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާވެސް ބައިވެރިވިވަޑައިގެންނެވިއެވެ.
މިކަމަށްޓަކައި ސްޓެލްކޯގެ އޮޑިޓޯރިއަމްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަރީފް ވިދާޅުވީ ރާއްޖޭގައި ކަރަންޓުގެ ޚިދުމަތް އެންމެ ރަނގަޅު ފެންވަރުގަ ފޯރުކޮށްދިނުމާއެކު ފެނާއި ނަރުދަމާގެ މަސައްކަތުގެ ކެޕޭސިޓީ އިތުރު ކުރުމަށް މިހާރު މަސައްކަތް ކުރަމުން އަންނަ އިރު ކުނި މެނޭޖްކުރުމަކީ އެ ކުންފުންޏަށް މުޅިން އާ ޚިދުމަތެއްކަމަށެވެ.
"އިރާދަކުރެއްވިއްޔާމުން ސްޓެލްކޯއިން މި ޚިދުމަތް ތިބޭފުޅުން ހިތްހަމަޖެހޭ ލެވަލްއަކަށް އަޅުގަނޑުމެން ގެނެސްދޭނަނަން. މިހާރު ތިބޭފުޅުންނަށް ދިމާވެފައިވާ ކުނީގެ ސަބަބުން ތިމާވެށްޓަށް ދިމާވެފައިވާ ނުރައްކާ އަޅުގަނޑުމެން ކުރު މުއްދަތެއްގެ ތެރޭގައި ހައްލު ކޮށްދޭނަން. އަދި ރަނގަޅު ވޭސްޓް މެނޭޖްމަންޓް ސިސްޓަމެއް މާފުށީގައި ޤާއިމްކުރާނަން" ޝަރީފް ވިދާޅުވިއެވެ.
މިމަޝްރޫޢުގެ ދަށުން އެސަރަހައްދުގައިވާ ކ.ގުޅިއާއި ކ. ގުރައިދޫ ވެސް ކުރިއަށް އޮތް ތަނުގައި ޚިދުމަތްދިނުމުގައި ގުޅުވާލާނެކަމަށް ޝަރީފް ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މާފުށި ކައުންސިލްގެ ރައީސް ހަސަން ސަލާހް ވިދާޅުވީ މިމަޝްރޫޢާއެކު މާފުއްޓަށް ދިމާވެފައިވާ ޒަމާންވީ ކުނީގެ މައްސަލައަށް ހައްލެއް ލިބިގެންދާނެކަމަށެވެ. އަދި މިމައްސަލަ ވޭތުވެދިޔަ ހުރިހާ ސަރުކާރަކަށް އެކިގޮތްގޮތުން ހުށަހެޅުނު ނަމަވެސް އެދެވޭ ހައްލެއް ލިބިގެން ގޮސްފައި ނުވާކަމަށް ކައުންސިލްގެ ރައީސް ފާހަގަކުރެއްވިއެވެ.
"މިއަދު މިއީ މާފުށީ ރައްޔިތުންނަށް ލިބިގެންދާނެ ވަރަށްބޮޑު އުފަލަކާއި ހިތްހަމަޖެހުމެއްކަން ޔަޤީން. އުންމީދަކީ ވަރަށް އަވަހަށް މި އުފާވެރި ދުވަސް ފެށިގެން ދިއުން." މާފުށި ކައުންސިލްގެ ރައީސް ހަސަން ސަލާހް ވިދާޅުވިއެވެ.
އެއް ފުރާޅެއްގެ ދަށުން ހުރިހާ ޔުޓިލިޓީ ޚިދުމަތް ދިނުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހްގެ ސިޔާސަތުގައި ހިމެނިވަޑައިގަންނަވާ މުހިންމު ސިޔާސަތެކެވެ. އެސިޔާސަތު ތަންފީޒުކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް އަންނަނީ ކުރެވެމުންނެވެ.