2 ސްކޫލެއްގެ ޢުމްރާނީ ތަރައްޤީގެ މަސައްކަތް ބަޔަކާއި ޙަވާލުކޮށްފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ޙަވާލުކޮށްފައިވަނީ ރ.އަނގޮޅިތީމު ސްކޫލާއި ވ.ރަކީދޫ ސްކޫލްގެ ތަރައްޤީގެ ދެމަޝްރޫޢެވެ.
ރާއްޖޭގެ ސްކޫލްތަކުގެ ވަޞީލަތް ހަމަކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ޙަވާލުކޮށްފައިވަނީ ރ.އަނގޮޅިތީމު ސްކޫލްގައި 2 ކްލާސްރޫމް ޢިމާރާތްކުރުމުގެ މަސައްކަތެވެ.
މިމަސައްކަތް މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ފަރާތުން މިމަސައްކަތް ޙަވާލުކޮށްފައިވަނީ ކޭޑީ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑާއެވެ. އެކުންފުންޏާ މަސައްކަތް ޙަވާލުކޮށްފައިވަނީ 3 މަސް ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. އެކުންފުންޏާ މިމަޝްރޫޢު ޙަވާލުކޮށްފައިވަނީ 1.38 މިލިއަނަށްވުރެ ގިނަ ރުފިޔާއަށެވެ.
މިމަޝްރޫޢުގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސީނިއާ ޕޮލިސީ ޑިރެކްޓަރ ނައުޝާދު އިބްރާހީމްއެވެ. އަދި ކޭޑީ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑްގެފަރާތުން ސޮއިކުރެއްވީ ކުންފުނީގެ ޑިރެކްޓަރ މުޙައްމަދު މާހިން މަޖީދެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ވަނީ ސެޓެލައިޓް ސްކޫލްގެ ގޮތުގައި ޤާއިމުކުރާ ވ.ރަކީދޫ ސްކޫލް އަޕްގްރޭޑްކުރުމުގެ މަސައްކަތްވެސް ބަޔަކާއި ހަވާލުކޮށްފައެވެ. މިމަސައްކަތް ޙަވާލުކޮށްފައިވަނީ ވެލްޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑާއެވެ.
އެކުންފުންޏާ މިމަސައްކަތް ޙަވާލުކޮށްފައިވަނީ 2 މަސްދުވަހުގެ ތެރޭގައި ނިންމާގޮތަށް 3.2 މިލިއަނަށްވުރެ ގިނަ ރުފިޔާއަށެވެ. މިމަޝްރޫޢު ޙަވާލުކުރުމުގެ ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ސީނިއާ ޕޮލިސީ ޑިރެކްޓަރ މޫސާ ނަޢީމްއެވެ. އަދި ވެލްޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ އަލީ ޝަމީޒްއެވެ.
ރާއްޖޭގެ ތަޢުލީމީ ދާއިރާ ހަރުދަނާކުރުމަށް އަންނަނީ ގިނަ ގުނަ މަސައްކަތް ކުރައްވަމުންނެވެ. ދަރިވަރުންގެ ތަޢުލީމުގެ ފެންވަރު މަތިކުރުމަށްޓަކާ ބޭނުންވާ ވަޞީލަތް ހަމަކުރުމާއި ސްކޫލްތަކަށް ބޭނުންވާ ޢުމްރާނީ ތަރައްޤީގެ އެކި މަޝްރޫޢުތައް ރާއްޖޭގެ އެކި ރަށްރަށުގައި ކުރިއަށް އެބަދެއެވެ. ހަމައެއާއެކު އައު ސްކޫލް އެޅުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ.
ސަރުކާރުން ކަނޑައަޅާ ދައުލަތުގެ ބަޖެޓުގައި ތަޢުލީމީ ދާއިރާގެ ޢުމްރާނީ ތަރައްޤީއަށް ބޮޑު ހޭދައެއްކުރުމަށް ކޮންމެ އަހަރަކުވެސް ނިންމަނީ މިދާއިރާގެ ދެމެހެއްޓެނިވި ތަރައްޤީގެ މުހިއްމުކަމުންނެވެ.