ޚަބަރު

ކޯވިޑުގައި 24 ގަޑިއިރުތެރޭ ދެވަނަ މަރު


ކޯވިޑް-19 ޖެހިގެން 24 ގަޑިއިރު ތެރޭގައި ދެމީހުން ނިޔާވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއާ ވާހަކަ ދައްކަވަމުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވިދާޅުވީ ކޯވިޑްގައި ރޭ އެންމެ ފުރަތަމަ ނިޔާވެފައިވަނީ އުމުރުން 20 އަހަރުގެ ޒުވާން ފިރިހެނެކެވެ. އެ ޒުވާނާ ނިޔާވެފައިވަނީ ރޭ 12 ޖަހާކަށްހާއިރު އައިޖީއެމްއެޗްގައި ފަރުވާދެމުން ދަނިކޮށް ކަމަށް އެޗްޕީއޭއިން ވިދާޅުވިއެވެ.

އެހެންނަމަވެސް ނިޔާވި 20 އަހަރުގެ ޒުވާނާ ނިޔާވީ ކޯވިޑްގެ ސަބަބުންކަން ނުވަތަ އެހެން ބައްޔެއްގެ ސަބަބުންކަން ޔަޤީން ކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް އެޗްޕީއޭއިން ވިދާޅުވިއެވެ.

އެޗްޕީއޭއިން ވިދާޅުވީ ކޯވިޑް ޖެހިގެން މިއަދު ނިޔާވި ދެވަނަ މީހާއަކީ އުމުރުން 77 އަހަރުގެ ދިވެހި އަންހެނެއްކަމަށެވެ. އޭނާ ނިޔާވެފައިވަނީ ހުޅުމާލެ ހިޔާ ފެސިލިޓީގައި ފަރުވާދެމުން ދަނިކޮށްކަމަށް ވިދާޅުވިއެވެ.

މިމަރާއެކު ރާއްޖޭގައި ކޯވިޑްޖެހިގެން ނިޔާވި މީހުންގެ ޢަދަދު މިވަނީ 302އަށް އަރާފައެވެ.

ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު މިހާރު އަންނަނީ އަނެއްކާވެސް އިތުރުވަމުންނެވެ. މިކަމާގުޅިގެން އެޗްޕީއޭއިންވަނީ ކޯވިޑް ވެކްސިން ފުރިހަމަކުރުމާއެކު ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އިތުރަށް ސަމާލުވުމަށް އިލްތިމާސް ކުރައްވާފައެވެ.

ރާއްޖެއިން ކޯވިޑްގައި ނިޔާވާ މީހުންގެ ޢަދަދުތައް އިތުރުވެފައިވާއިރު ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދުތަކާއި އެޑްމިޓްކޮށްގެން ފަރުވާދޭ މީހުންގެ އަދަދު ވަނީ އިތުރުވާން ފަށާފައެވެ.