ޚަބަރު

އަނެއްކާވެސް ޝާހުގެ ތަފާތު ލުކެއް


އެކްޓިންއާ ދުރުގައި ހުންނަތާ ގާތްގަޑަކަށް ހަތަރު އަހަރު ފަހުން ބޮލީވުޑް ތަރި ޝާހްރުކް ޚާން ދެން އެންމެ އަވަހަށް ފެންނަ ފިލްމު "ޕަތާން" ގެ ފަސްޓް ލުކް ދައްކާލައިފިއެވެ.

"ޕަތާން" ގެ ފަސްޓް ލުކް އިއްޔެ ދައްކާލާފައިވަނީ ޝާހުގެ ބޮލީވުޑް ހަޔާތަށް 30 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުންނެވެ.

ފަސްޓު ލުކް ދައްކާލުމުގެ ގޮތުން ނެރެފައިވާ މޯޝަން ޕިކްޗާއަށް ގިނަ ބަޔަކު އަންނަނީ ތަޢުރީފް ކުރަމުންނެވެ. އަދި މިއީ ޝާހުގެ ފިލްމީ ކެރިއަރުގައި ފެނުނު އެންމެ ސަޅި ޕޯސްޓަރު ކަމަށްވެސް ގިނަ ބަޔަކު ބުނެއެވެ. ޕޯސްޓަރުގައި ޝާހު ފެންނަނީ ބަޑިއެއް ހިފައިގެން ހުންނަ ރަގް ލުކެއްގައެވެ. އޭނާގެ މި ލުކް ވައްތަރީ "ޑޮން" ފިލްމުތަކުގައި ފެނުނު ލުކްއާއި ކަމަށްވެސް ބައެއް މީހުން ބުނެއެވެ.


މި ޕޯސްޓަރު ޓުވިޓާއަށް ދޫކޮށްލަމުން ޝާހު ބުނީ ބޮލީވުޑްގައި 30 އަހަރު ހޭދަކޮށްލެވުނީ އޭނާގެ ފޭނުން ދިން ނިމުމެއްނެތް ލޯތްބާއި ހިނިތުންވުމުން ކަމަށެވެ.

ސްޕައި އެކްޝަން ތުރިލާ "ޕަތާން" އަކީ 2018 ގައި ރިލީޒްކުރި "ޒީރޯ" އަށް ފަހު ޝާހު ކުޅޭ ފުރަތަމަ ފިލްމެވެ. "ޕަތާން" ގެ މައި ކާސްޓުން އޭނާއާ އެކު ދީޕިކާ ޕަޑްކޯނާއި ޖޯން އަބްރަހަމް ވެސް ފެންނާނެ އެވެ. އިތުރު ކާސްޓުންގެ ތެރޭގައި ޑިމްޕަލް ކަޕާޑިއާ ޓިވީ އެކްޓަރު ގޯތަމް ރޯޑްގެ އިތުރުން ޝާޖީ ޗައުދަރީ ވެސް ހިމެނެ އެވެ.

2019 ވަނަ އަހަރު ގެނެސްދިން ފިލްމު "ވޯ" ގެ ވެސް ޑައިރެކްޓަރު ސިދާތް އާނަންދު ޑައިރެކްޓުކުރާ މި ފިލްމުގައި ދީޕިކާގެ ވަރުގަދަ އެކްޝަން ސީންތަކެއް ހުރި ކަމަށްވެސް މީގެކުރިން ވަނީ އަޑުއަރާފައެވެ. މުމްބާއީގެ އިތުރުން ދުބާއީ ގައާއި ޔޫރަޕްގައިވެސް މަންޒަރުތައް ނަގާފައިވާ މި ފިލްމުގެ ޕްރޮޑިއުސަރަކީ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އެވެ.

އަންނައަހަރުގެ ޖެނުއަރީ 25 ގައި ރިލީޒްކުރުމަށް ހަމަޖެހިފައިވާ މި ފިލްމް ހިންދީގެ އިތުރުން ޓެލުގޫއާއި ޓަމިލް ބަހުންވެސް ނެރޭނެއެވެ.