ޚަބަރު

ޖެކްގެ ރޯލުން ފެންނާނެކަމަށް ދެކެވޭ ވާހަކަތައް ޖޮނީ ދޮގުކޮށްފި


ކާމިޔާބު ޑިޒްނީ ފްރެންޗައިޒް "ޕައިރޭޓްސް އޮފަ ދަ ކެރީބިއަން" ގެ ފިލްމުތަކުން ގިނަ ބަޔަކަށް އެންމެ ކަމުދިޔަ ރޯލު، ޖެކް ސްޕެރޯގެ ރޯލުން ފެނުނު ޖޮނީ ޑެޕް އަނެއްކާވެސް އެ ސީރީޒުން ފެންނަން އުޅޭ ވާހަކަތައް ވަނީ ފެންމަތިވެފައެވެ.

އެ ރޯލު އަލުން ކުޅެދޭ މަތިން ޑިޒްނީ އިން 301 މިލިއަން އެމެރިކާ ޑޮލަރު ދޭނެކަމަށް ބުނެ ޖޮނީ އަށް ޑީލެއްވެސް ދީފައިވާ ކަމަށް އަޑުތައްވަނީ އަރާފައެވެ. ނަމަވެސް ޖޮނީ މިހާރު ވަނީ މި ވާހަކަތައް ދޮގުކޮށްފައެވެ. އަދި ޑިޒްނީއާއިއެކު އެފަދަ އެއްވެސް ވާހަކަތަކެއް ނުދައްކާ ކަމަށް ޖޮނީ ބުނެއެވެ.

ޖޮނީގެ ކުރީގެ އަނބިމީހާ އެމްބާ ހާޑްއާއި ކައިވެނިކޮށްގެން އުޅުނުއިރު ހިންގި ކަމަށް ބުނާ ގެވެށި އަނިޔާގެ އަމަލުތަކުގެ މައްސަލަތަކާ ގުޅުވާ ދެއްކި ވާހަކައަށް ފަހު އެކަކު އަނެކަކުގެ މައްޗަށް ކުރި އަބުރުގެ ދައުވާގައި ޑެޕަށްވަނީ ބޮޑު ކާމިޔާބެއް ލިބިފައެވެ.

މި މައްސަލަ ފުރަތަމަ ފެށުމާއިއެކު 2018 ވަނަ އަހަރު "ޕައިރެޓްސް އޮފް ކެރީބިއަން" އިން ޑެޕް ވަނީ ބޭރުކޮށްލާފައެވެ. އަދި މި ފިލްމުތަކުން ޖޮނީ ދެން ނުފެންނާނެކަމަށް ޑިޒްނީންއިންވެސް މީގެކުރިން ވަނީ ކަށަވަރުކޮށްދީފައެވެ.

މީގެއިތުރުން ޑިޒްނީން ދެން ކިތަންމެ ބޮޑު އަގެއް ހުށައެޅި ނަމަވެސް "ޕައިރޭޓްސް އޮފަ ދަ ކެރީބިއަން" ގެ އެއްވެސް ފިލްމެއް ދެން ނުކުޅޭނެކަމަށް މިއަހަރު އޭޕްރީލް މަހު ޖޮނީ ވަނީ ބުނެފައެވެ.

ޖޯނީ ޑެޕް މައިގަނޑު ކެރެކްޓާ ކުޅެމުން ދިޔަ ކާމިޔާބު ފްރެންޗައިޒް "ޕައިރޭޓްސް އޮފް ދަ ކެރީބިއަން" ގެ އައު ފިލްމުން ދެން ފެންނާނީ މާގޯ ރޮބީ އެވެ. މި ފިލްމުގެ މަސައްކަތް 2019 ވަނަ އަހަރު ވަނީ ފަށާފައެވެ.

ޑެޕް ކުޅުނު އައިކޮނިކް ކެރެކްޓާ ޖެކް ސްޕެރޯއަކީ "ޕައިރޭޓްސް އޮފް ދަ ކެރީބިއަން" އާންމުންގެ މެދުގައި މަގުބޫލުވުމުގައި ވަރަށް ބޮޑު ދައުރެއް އަދާ ކުރި ރޯލެކެވެ. އެނާ އެ ކެރެކްޓަރ 14 އަހަރު ވަންދެން ކުޅެފައިވާތީ، ގިނަ ބަޔަކަށް ޑެޕާ ނުލައި ޖެކް ސްޕެރޯ ތަސައްވަރުކުރަން ވެސް އުނދަގުލެވެ. އެހެންވެ ޑިޒްނީގެ ނިންމުމަށް "ޕައިރޭޓްސް"ގެ ވަރަށް ގިނަ ފޭނުން ވަނީ ކުރިން ވެސް ފާޑު ކިޔައިފައެވެ.