ޚަބަރު

މަގުތަކުގެ އަމާންކަން ކަށަވަރުކުރުމަށް ދަރިވަރުންގެ ހޭލުންތެރިކަން މުހިންމު - ނައިބު ރައީސް


މަގުމަތި އަމާން ތަނަކަށް ހެދުމަށް ދަރިވަރުންގެ އިސްނެގުމާއި ބައިވެރިވުން ކޮންމެހެން މުހިއްމުކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު ވިދާޅުވީ ކުދިންނަށް ސްކޫލް ދުވަސްވަރު މުޖުތަމަޢުގައި ހިނގާކަންކަމާއި ގުޅޭގޮތުން މަޢުލޫމާތުދީ ހޭލުންތެރިކުރުވުމަކީ ބަދަލުވަމުންދާ ދުނިޔޭގައި ކުދިންގެ ތަޢުލީމަށް ކޮންމެހެން މުހިއްމުކަމެއްކަމަށެވެ.

ޓްރެފިކް މޮނީޓަރސް އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވީ މަގުތަކަށް ބަލާލުމުން މިއަދު ފެންނަނީ ބިރުވެރި އަދި މާޔޫސް ކުރުވާފަދަ މަންޒަރުތައްކަމަށެވެ. އުމުރުން ދުވަސްވީ މީހުންނާއި މާބަނޑު މީހަކު ކާރަކަށް އެރުމަށް މަޑުކޮށްލަންޖެހޭ ވަގުތަކީވެސް ބުރައަކަށްވެ ބަރުގޮނު އަޅާ އަޑުގަދަ ކުރުމާއި މަގު ހުރަސްކުރުމަށް އެފަދަ ފަރާތްތަކަށް ފުރުސަތު ނުދީ އުޅަނދުތައް ދުއްވާއިރު ނުރައްކާތެރި އެތައް ޙާދިސާތަކެއް މަގުތަކުގައި ހިނގަމުންދާއިރު އެކަމަށް ސަމާލުކަން ދޭ މިންވަރު މިހާރަށްވުރެ އިތުރުކުރަންޖެހޭކަމަށް ނައިބު ރައީސްވަނީ ވިދާޅުވެފައެވެ.

މިކަންކަމަށް ބަދަލުގެނައުމަށް ސްކޫލް ދަރިވަރުން މުހިއްމުކަމަށާއި ކުދިންގެ ތަޢުލީމުގެ މުހިއްމު ބަޔަކަށް މުޖުތަމަޢާއި ގުޅުންހުރި މިފަދަ ކަންކަން ހެދުމަކީ ކޮންމެހެން ބޭނުންތެރިކަމެއްކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

ޓްރެފިކް މޮނީޓަރސް އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި 3 ސްކޫލަކުން ދަރިވަރުންވަނީ މިޕްރޮގްރާމް ފުރިހަމަކޮށްފައެވެ. ޓްރެފިކް މޮނިޓަރސް ޕްރޮގްރާމަކީ ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓުން ސްކޫލުތަކުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ސްކޫލުތައް ހިމެނޭ ސަރަހައްދުތަކުގެ ޓްރެފިކް ބެލެހެއްޓުމުގައި ދަރިވަރުންގެ ބައިވެރިވުން އިތުރުކޮށް މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހޭލުންތެރިކުރުމާއި ޓްރެފިކް މައްސަލަތައް ހައްލުކުރުމުގެ ރޫހު އަށަގެންފައިވާ ދަރިވަރުންތަކެއް އުފެއްދުމަށް ކުރިއަށް ގެންދާ ސިލްސިލާ ޕްރޮގްރާމެކެވެ. ފުލުހުންނާއި އެޑިއުކޭޝަން މިނިސްޓްރީ ގުޅިގެން ކުރިއަށްގެންދާ މިއީ މިފަދަ 51ވަނަ ޕްރޮގްރާމެވެ. މިހާތަނަށް 36 ސްކޫލަކުން އެއްހާހަށްވުރެ ގިނަ ދަރިވަރުންވަނީ މިޕްރޮގްރާމްގެ ދަށުން މަގުމަތީގެ ގަވާއިދުތަކަށް އަހުލުވެރިކުރުވާފައެވެ.