ޚަބަރު

ރާއްޖެއިން މިރޭ 175 ޙައްޖުވެރިން މައްކާއަށް ފުރައިފި


މިއަހަރު ރާއްޖެއިން ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށްދާ ޙައްޖުވެރިންގެ ދެވަނަ ގްރޫޕް މިރޭ ފުރައިފިއެވެ.
ޙައްޖުވެރިންގެ ދެވަނަ ގުރޫޕުން މިރޭ ފުރާފައިވަނީ 175 ޙައްޖާޖީންނެވެ. މިގްރޫޕް މިރޭ ފުރާފައިވަނީ 11:30 ގެ ފްލައިޓަކުންނެވެ. މިގްރޫޕަށް ޖިއްދާއަށް ދެވޭނެކަމަށް ލަފާކުރެވެނީ މިރޭފަތިހު 04:15 ހާއިރުގައެވެ.

މިއަހަރު ރާއްޖެއިން ޙައްޖަށް ދިޔުމަށް 453 ކޯޓާ ސަޢުދީ ސަރުކާރުންވަނީ ދީފައެވެ. މީގެތެރެއިން 100 ޖާގައަށް މީހުން ނަގާފައިވަނީ ޢާއްމުކޮށް ހުޅުވާލައިގެން ގުރުއަތު ނަގައިގެންނެވެ. ބާކީ ހުރި ޖާގަތަކަށް މީހުން ނަގާފައިވަނީ ޙައްޖު ކޯޕަރޭޝަނުގައި ރަޖިސްޓްރީވެފައިވާ ކިޔު ތަރުތީބުންނެވެ. މިއަހަރު ރާއްޖެއިން ޙައްޖަށްދާ ފުރަތަމަ ގްރޫޕްވަނީ މިދިޔަ އާދިއްތަ ދުވަހު ފުރާފައެވެ. ތިންވަނަ ގްރޫޕް އަދި އެންމެ ފަހުގެ ގްރޫޕް ފުރުމަށް ހަމަޖެހިފައިވަނީ ޖުލައިމަހުގެ 2 ވަނަ ދުވަހުގައެވެ.

ޙައްޖުވެރިންގެ ކަންކަން އިންތިޒާމުކުރުމަށް މިއަހަރު އިސްލާމިކް މިނިސްޓްރީގައިވަނީ ޙާއްސަ އޮޕަރޭޝަން ސެންޓަރެއް ޤާއިމުކޮށްފައެވެ. ކަމާބެހޭ މުވައްސަސާތައް ގުޅިގެން ކުރިއަށްގެންދާ މި އޮޕަރޭޝަންގައި ޙައްޖާޖީންނަށް ފަސޭހަކުރުމަށްޓަކާ ޙައްޖާޖީންގެ ގޭ ހިމެނޭ ސަރަޙައްދުން އެއަރޕޯޓަށް ގެންދިޔުމުގެ އިންތިޒާމުތައް އެމްޓީސީސީގެ ބަހުގައިވަނީ ހަމަޖައްސާފައެވެ. އެގޮތުން މާލޭގެ 24 ޕޮއިންޓަކުން ޙައްޖުވެރިން އެއަރޕޯޓަށް ގެންދުމަށްވަނީ ހަމަޖައްސާފައެވެ.

ޙައްޖުވެރިންނާއިއެކު ބަސްތައް ދަތުރުކުރަމުންދާއިރު މި ބަސްތަކަށް ދަތިނުވާނެގޮތަށް ދިވެހި ފުލުހުންގެ ޚިދުމަތުން ޓްރެފިކް ބަލަހައްޓައެވެ. އަދި ޙައްޖުވެރިންގެ ކަންތައްތަކުގައި މާލެއާއި ހުޅުމާލެ، އަދި އެއަރޕޯޓްތެރެއިންވެސް ކަމާގުޅޭ މުއައްސަސާތަކުން އެހީތެރިކަންވަނީ ފޯރުކޮށްދީފައެވެ.

ސައުދީ ސަރުކަރުންވަނީ މިއަހަރު ޙައްޖަށް އެއް މިލިއަން މީހުންނަށް ފުރުސަތު ދިނުމަށްޓަކާ ޤައުމުތަކުގެ އާބާދީގެ ނިސްބަތުން ކޯޓާ ދޫކޮށްފައެވެ. ރައްކާތެރިގޮތުގައި ޙައްޖުގެ އަޅުކަން ފުރިހަމަކުރުމުގެ މަގުފަހިކުރުމަށްޓަކާ ސައުދީ ސަރުކާރުންވަނީ ގިނަ ފިޔަވަޅުތަކެއް މިއަހަރު އަޅާފައެވެ. މިއަހަރުގެ ޙައްޖު ދުވަހަކީ ޖުލައިމަހުގެ 8 ވަނަ ދުވަހުގެ ގޮތުގައި ސަޢުދީ ސަރުކާރުން މިރޭވަނީ ޢިއުލާންކޮށްފައެވެ.